ހަބަރު

މަޖިލިސް ޕްރައިމަރީގެ ދާއިމީ ނަތީޖާ އެމްޑީޕީން އާންމުކޮށްފި

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެނޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި އެވެ.

ޕްރައިމަރީގެ ނަތީއްޖާ މިހާރު ވަނީ އެމްޑީޕީގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި 86 ދާއިރާއަކަށް 280 ކެނޑިޑޭޓުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޕްރައިމަރީ ބާއްވާފައިވަނީ 77 ދާއިރާގަ އެވެ. އަނެއް ނުވަ ދައިރާއަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލާފައިވުމުން އެ ދާއިރާތަކުގެ ޕްރައިމަރީ ބާއްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރި އެ ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންތަކެއް ވަނީ ކާމިޔާބު ކުރައްވާފަ އެވެ. އެގޮތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން މަޖިލީހުގެ މިހާރުވެސް އެމްޑިޕީ ތަމްސީލު ކުރައްވާ ބައެއް ބޭބޭފުޅުން ޓިކެޓް ކަށަވަރު ކުރެއްވި އިރު، އޭގެ ތެރެއިން 5 ބޭފުޅަކަށް ވަނީ އެ ޕާޓީގެ ޓިކެޓް ގެއްލިފަ އެވެ.

ޓިކެޓް ކަށަވަރު ނުވި މަޖިލިސް މެމްބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއަށާއި ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި، އެމްޑީޕީއާއި ދާދިފަހުން ގުޅިވަޑައިގެންނެވި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ އެވެ.

އެމްޑީޕީގެ ޕްރައިމަރީއާއި ދިމާކޮށް އެޕާޓީއާ 30000 މީހުން ގުޅިފައިވާ އިރު، ޕްރައިމަރީގައި 86000 މީހުންނަށް ވޯޓު ލެވޭނެ ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ.