ހަބަރު

ޕީޕީއެމާއި ޕީއެންސީއާ މެދު ޒާތީ ކަމެއް ނުބާއްވަން: ޝަރީފް

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އެ ޕާޓީ ތެރެއިން އުފެދިގެން އަންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ މެދު ޒާތީ ކަމެއް ނުބާއްވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އާ ލޯގޯއާއި ކުލަ އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އެއްވެސް ބަޔަކާއި ދޭތެރޭ ގާނޫނުން ބޭރުން ޒާތީ ގޮތްތަކެއް ގެންގުޅެފަ ނުވާނެ ކަމަށާއި، ޕީޕީއެމް އާއި ދޭތެރޭވެސް ޒާތީވެފައެއް ނުވާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނީ ގާނޫނުގެ ތެރެއިން ކަމަށާއި، އިލެކްޝަންސް ކޮމިޝަން ޖަވާބު ދާރީ ކުރުވަން މަސައްކަތް ކުރަންޖެހޭ ގޮތްތައް ވެސް ބަޔާންކޮށްފައި ހުންނަ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އީސީ ޖާވާބުދާރީ ކުރުވުމަށް ސިޔާސީ ޕާޓީއަކުން ވަޑައިގަތީތީ އުފާ ކުރައްވާ ކަމަށާއި، އީސީން ޖަވާބުދާރީ ވަނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށެވެ. އަދި ދޮރެއްގެ ކައިރީ ތިބެގެން އެކަން ކުރަން އުޅުނަސް ނުވާނެ ކަަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ޑިމޮކްރަސީގައި ފުންނާބު ހަމަ ކުރަމުންދާ ގައުމެއްގައި މީޑިއާއާއި، ސޯޝަލް މީޑިއާގެ އިތުރުން ސިޔާސީ ޕާޓީތަކުން އެއްޗެއް ކިއުމުގެ ކުރިން ހަގީގަތް ބެލުމަކީ މުހިންމު ކަމެއް ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ފަރާތްތަކުން ނޫސްތަކުގައި ޖަހާ ވާހަކަތަކަކީ ތެދުކަން ގަބޫލު ކުރާ ކަމަށާއި، އެހެން ކަމުން ކަންކަމުގެ ހަގީގަތް އޮޅުންފިލުވުމަށްފަހު ތެދު ހަބަރު ފެތުރުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެއްވެސް ބަޔަކާއި ޒާތީ ނުވާކަމަށް ޝަރީފު ވިދާޅުވެފައިވާއިރު، ދާދިފަހުން ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ވަގުތީ ރައީސް ވަނީ އެ ޕާޓީއާާ ދޭތެރޭ އީސީން އަމަލު ކުރަނީ ޒާތީ ގޮތެއްގައި ކަމަށް އީސީގެ މެމްބަރަކާ ހަވާލާދީ ވިދާޅުވެފަ އެވެ.