ދިވެހި ސިނަމާ

ފަންނާނުންގެ ކަންކަން ހައްލުކުރަން ކޮމިޓީއެއް އެކުލަވައިލަނީ

ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ކޮމިޓީއެއް އެކުލަވައި ލައްވާނެ ކަމަށް އާޓްސް މިނިސްޓާ ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ފިލްމީ ދާއިރާގެ ފަންނާނުންނަށް ބޭއްވި ފޯރަމްގައި ފަންނާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު އެވެ.

މިނިސްޓްރީ އާއި ނެޝެނަލް ސެންޓަ ފޯ ދި އާޓްސް ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް އޮލިމްޕަހުގައި ރޭ ކުރިއަށްގެން ދިޔަ ފަންނާނުންގެ ފޯރަމްގައި ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކެއް ބައިވެރިވެ ކަންބޮޑުވުން ހިއްސާ ކުރި އެވެ.

އެ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގައި އުފައްދާ ފިލްމުތައް އާކައިވްކޮށް ބެލެހެއްޓޭނެ ނިޒާމެއް ނެތުމާއި، ފިލްމުތައް ޑިސްޓްރިބިއުޓް ކުރަން ދިމާވާ އުނދަގޫތަކާ ގުޅޭގޮތުންނެވެ. އެންމެ ގިނަ ފަންނާނުންގެ ކަނބޮޑުވުމަކަށްވީ އޮލިމްޕަހުގެ މިހާރުގެ ހާލަތާއި އޮލިމްޕަހުގެ އިތުރުން އަތޮޅުތަކުގައި ފިލްމު އެޅުވުމަށް އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކެވެ.

ސްކޫލްތަކާއި އެޑިއުކޭޝަން ސިސްޓަމްގައި އާޓްސްގެ މާއްދާ ކިޔަވައިދޭއިރު ފިލްމީ ދާއިރާ ނުވަތަ ސްޓޭޖް ތަމްސީލު ފަދަ ހުނަރު އުވިގެން ނުދާނެ ފަދަ ނިޒާމެއް ގާއިމް ކުރަން އެދުނު އިރު ތަފާތުކުރުން ގެންގުޅޭ ކަމަށާއި އެކަން ހައްލު ކުރަން އެންސީއޭ އާއި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ހަރުދަނާކޮށް ދާއިރާގެ ފުރުސަތުތައް ފުޅާ ކޮށްދިނުމަށް ވެސް އެދުނެވެ.

ފިލްމް އިންޑަސްޓްރީގައި ހުރި މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކާ ގުޅޭގޮތުން ވެސް އެކި ފަރާތްތަކުން މިނިސްޓަރަށް ހިޔާލު ދިނެވެ. އެގޮތުން އަތޮޅުތަކުގެ ތެރޭގައި ފިލްމު އެޅުވުމަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް ރަށްރަށުގެ އިޖްތިމާއީ މަރުކަޒުތަކުގައި ސިނަމާ ހޯލް ހެދުމާއި ލުއިލޯން ސްކީމެއް ތައާރަފު ކޮށްދިނުން ފަދަ ކަންކަން ހުށަހެޅި އެވެ.

ފިލްމީ ދާއިރާގެ ފަންނާނުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު، މިނިސްޓަރު ޔުމްނާ ވިދާޅުވީ، ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެއްވެސް ފަރާތަކާމެދު ތަފާތު ކުރުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. އަދި، ދިވެހި ފިލްމް އިންޑަސްޓްރީއާ ގާތް ގުޅުމެއް ބާއްވައި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމަށް ކޮމިޓީއެއް އެކުލަވައިލައްވާނެ ކަމަށެވެ.

އަދި ވިދާޅުވީ، ކުއްލި އަކަށް މައްސަލަތައް ހައްލު ނުކުރެވުނަސް މިހާރުވެސް ދާއިރާގެ މައްސަލަތަކާބެހޭ ގޮތުން އެކި އިދާރާތަކާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އާޓްސްގެ ދާއިރާ ސްކޫލްތަކުގައި ހީނަރުވަމުންދާތީ އެޑިއުކޭޝަން މިނިސްޓްރީ އާ މަޝްވަރާކޮށް އެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ފަންނާނުންނަށް ލުއި ލޯނުގެ ފުރުސަތު ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.