ރައްޔިތުންގެ މަޖިލިސް

އަންނަ މަހުގެ ނިޔަލަށް އޮލިމްޕަސްގެ މަސައްކަތް ނިންމާލެވޭނެ: ޔުމްނާ

އޮލިމްޕަސްގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

އޮލިމްޕަސްގެ މަސައްކަތް ނިމޭނެ ތާރީހާއި މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ލިޔުމުން ޖަވާބު ހޯއްދެއްވުމަށް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ އޮލިމްޕަސްގައި ހިންގާ ހަރަކާތްތައް އިޝްތިހާރު ކުރުމަށް އޮލިމްޕަސް މައި ގޭޓް މަތީގައި ލެޑް ޕެނަލްއެއް ހަރުކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ އޮލިމްޕަސްގެ ޑާންސް ޕްރެކްޓިސް ރޫމްގެ ފާރުތަކުގައި ރިހި ބިއްލޫރި މިހާރު ހަރުކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން ފްލޯރިން އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އޮލިމްޕަސް ހޯލާއި ރިހާސަލް ރޫމުތަކަށް ބޭނުންވާ ބައެއް ސާމާނު ހޯދުމަށް ހަވާލުކުރި ފަރާތުން އެ މަސައްކަތް ކުރެވެން ނެތް ކަމަށް އެންގުމުން މިހާރު އެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ސިންގަލް ސޯސް އުސޫލުން އެހެން ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފިލްމް ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި 7.1 ސަރައުންޑް ސައުންްޑް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިން ފަހަރު އިއުލާނުކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ މަސައްކަތްވެސް ސިންގަލް ސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދާ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ހަވާލުކުރެވިފައިވާ ކަމަށެވެ.

ރިޓެކްޓަބަލް ސްކްރީނެއް ހޯދުމަށް ތިން ފަހަރު އިއުލާނު ކުރުމުން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ސިންގަލް ސޯސްކޮށް އެ މަސައްކަތް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

އޮލިމްޕަސްގެ ސްޓޭޖް ލައިޓާއި ސައުންޑްގެ ކޮންޓްރޯލް ޕްލެޓްފޯމްގެ މަސައްކަތް ހަވާލުކުރެވުނު ފަރާތުން އެއްބަސްވުމާ އެގޮތަށް މަސައްކަތް ފަށާފައިނުވާތީ އެ އެއްބަސްވުން ބާތިލުކޮށް، އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮލިމްޕަހަށް ބޭނުންވާ ސައުންޑާއި ލައިޓް ހޯދުމަށް ބަޔަކާ މަޝްވަރާކުރެވި ސްޕެސިފިކޭޝަނާއި އަގުތައް ހޯދި ކޯޓޭޝަންތައް ބިޑް ކޮމިޓީއަށް ފޮނުވިފައިވާ ކަމަށެވެ.

މީގެއިތުރުން އޮލިމްޕަސްގެ ބެކްޔާޑުުގައި މިއުޒީޝަނުންނަށް މިއުޒިކް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓޭޖެއްގެ ޑިޒައިން ނިންމާ ބެކް ޔާޑުގައި ކުރަން ހުރި އެހެން ކަންކަން ރޭވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މެންބަރު ފިރުޝާންގެ ސުވާލު މަޖިލީހަށް ހުށަހެޅުއްވީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އޮލިމްޕަސް ބަންދުކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެފަހުން އޮލިމްޕަސް ހުޅުވަން ސަރުކާރުން އެކި ތާރީހު ދިން ނަމަވެސް އޮލިމްޕަސް ހުޅުވާފައެއް ނުވެ އެވެ. ފަހުން އާޓްސް މިނިސްޓްރީން ވަނީ އެތަނަށް ބޮޑެތި ބަދަލުތައް ގެނެސް ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށް ބުނެ އޮލިމްޕަސް ހުޅުވުން ފަސްކޮށްފަ އެވެ.

އޮލިމްޕަސް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ފިލްމީ ދާއިރާގެ ބޭފުޅުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޮލިމްޕަސް މަރާމާތުކޮށް އަޕްގްރޭޑް ކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 21 ވަނަ ދުވަހު އެވެ.