މާބޮޑަށް ފަލަވުމުން ސިއްހަތަށް ލިބޭ ބައިވަރު ގެއްލުންތައް ހުންނަކަން އެނގޭތީ ހިކެން ވަރަށް ބޭނުމެވެ؛ އެކަމާ ވަރަށް ކަންބޮޑު ވެއެވެ. ހަށިގަނޑު ހިއްކާލައި ފިޓްވާން ކަނޑައަޅާ އަޒުމް ހާސިލް ކުރަން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ޒުމްބާ ކްލާސްތަކަށާއި ކަސްރަތު ކްލާސްތަކަށް ވެސް ދެވިއްޖެ އެވެ. އިންޓަނެޓުން ފެންނަ ޒާތްޒާތުގެ ފެންތައް ހަދައިގެން ބޮއެ އެކި ޑައެޓްތައް ވެސް ކުރެވިއްޖެ އެވެ. ހަމަ އެއްގޮތަކަށް ވެސް ހިކޭ ގޮތެއް ނުވެ އެވެ.
ކަސްރަތު ކުރިޔަސް، ޑައެޓް ކުރިޔަސް އަހަރެން ނުހިކެ އެވެ. އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ އެކަހަލަ ބައިވަރު މީހުން އުޅޭނެ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައ އެ މީހުންގެ ހިތްވަރު ދެރައީ އެވެ.
ހަގީގަތުގައި އެފަދަ މީހުންނާމެދު ގިނަ ބަޔަކު ދެކެނި މިހެނެވެ؛ އެމީހުންގެ ހިތްވަރު ދެރަވެފައި އަޒުމް ވަރުގަދަ ނޫނީ އެވެ. އަދި ކަސްރަތު ކުރާނެ ހިތްވަރު ނެތުމާއެކު ބެލުމެއްނެތި ކައިކައިފައި "ހަމަ ނުހިކެނީ" އޭ ބުނަނީ އެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ އެހެން ހަގީގަތްތަކެއް ވެސް ހުރެ އެވެ. ކޮންމެ މީހަކީ ފަސޭހައިން ބަރުދަން ލުއި ކުރެވޭނެ މީހެއް ނޫނެވެ. ބައެއް މީހުން ފަލަކޮށް ތިބެނީ ހަށިގަނޑާމެދު އެމީހުން ފަރުވާލެއް ނުބަހައްޓައި ކާތީ ނޫނީ ކަސްރަތު ނުކުރާތީއެއް ވެސް ނޫނެވެ. ފަލަ ވުމަށް މެދުވެރިކުރުވާ ބައެއް ސިއްހީ މައްސަލަތައް ހުންނާތީ އެވެ، މި ހަފުތާގައި އެފަދަ ބައެއް ކަން ކަމަށް ބަލައިލާނަމެވެ.
ވިރާސީ ގޮތުން އަންނަ ބަދަލުތައް
ސައެންސްގެ ހޯދުންތަކުން ކަށަވަރު ކޮށްދޭ ގޮތުގައި ސިއްހަތަށް ނުރައްކާވާ ވަރަށް ފަލަވުމާއި "އޮބެސިޓީ" އާ ގާތް ގުޅުމެއްވެ އެެވެ. މީހާގެ ސިއްހަތާއި އެމީހާއަށް ވާރުތަވެފައިވާ "ޖީންސް" އާ ދެމެދު ވެސް ވަރަށް ގާތް ގުޅުމެއް ވެއެވެ. ތަބީއީ ގޮތުން ސެލްތަކުގައި ނުހުންނަ، ވިރާސީ ބަދަލުތަކެއް އައުމުގެ ސަބަބުން ފަލަވުމަށް މަގުފަހި ކުރުވައެވެ.
ހޯމޯންސް
ހަށިގަނޑުގައިވާ ބައެއް ހޯމޯންސްއަށް އަންނަ ބަދަލުތަކާއެކު ވެސް ބަރުދަނަށް ބަދަލު އާދެ އެވެ. އެފަދަ އެއް ހޯމޯންއަކީ އިންސުލިން އެވެ. އިންސާނާގެ ހަށިގަނޑުގައި ހިނގާ ގިނަ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާ ކުރާ އިންސުލިން ލޭ ގައި މާ ގިނަވުމަކީ ސަރުބީ ގިނަވެ، ފަލަވުމާ ގުޅިފައިވާ ކަމެކެވެ. ކެއުމުގައި ރިފައިންޑް ކާބޯހައިޑްރޭޓްސް ބޭނުން ކުރުން މަދުކޮށް ފައިބާ ގިނަ ކުރުމަކީ އިންސުލިން ލެވެލް މާ މައްޗަށް ދިޔުމުން ރައްކާތެރި ކޮށްދޭނެ ކަމެކެވެ.
އެފަދަ އަނެއް ހޯމޯނަކީ ލެޕްޓިން އެވެ. މިއީ ފެޓް ސެލްސް އުފައްދާ ހޯމޯނެކެވެ. އަދި މިއީ ހަށިގަނޑުގައި ސަރުބީ ގިނަވުމުން އެ މައުލުމާތު ސިކުނޑިއަށް ފޮނުވާ އޭގެ ނަތީޖާއެއްގެ ގޮތުން ކާހިތްވުން ކުޑަކޮށްދޭ ހޯމޯނެކެވެ. ނަމަވެސް ސަރުބީ މާ ގިނަ މީހުންގެ ގައިގައި ލެޕްޓިން އާންމުކޮށް ހުންނަންޖެހޭ ވަރަށް ވުރެ ގިނަވުމުން ލެޕްޓިންއަށް ހަށިގަނޑު އިޖާބައެއް ނުދެ އެވެ. އޭގެ ސަބަބުން ވެސް އިތުރަށް ފަލަވާން މަގުފަހި ވެއެވެ.
ބައެއް ބަލިތައް
ފަލަވުމަކީ ބައެއް ބަލިތަކުގެ ސަބަބުންވާ ކަމަކަށް ވެސް ވެދާނެ އެެވެ. އޭގެ ތެރޭގައި ހައިޕަތައިރޮއިޑިސްމް ނުވަތަ ތައިރޮއިޑް ހޯމޯން މާ ގިނަވުމާއި އަންހެނުންގެ ތެރޭގައި އާންމު ބައްޔެއް ކަމަށްވާ ޕީސީއޮސް އަދި ހަކުރު ބަލި ހިމެނެ އެވެ. ވީމާ ކެއުމަށް މާ ބޮޑު ބަދަލުތަކެއް ނުގެންނަ އިރުވެސް ބަރުދަން އިތުރުވާކަން ފާހަގަ ކުރެވިއްޖެނަމަ ޑަކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ.
ބޭނުން ކުރަމުން އަންނަ ބޭސް
ބައެއް ބަލިތަކަށް ޝިފާ ހޯދަން ބޭނުންކުރާ ތަފާތު ބޭސްތަކަކީ ވެސް ބަރުދަން ލުއި ކުރުމަށް ތިމާ ކުރާ މަސައްކަތަށް ހުރަސް އަޅާ ހަތުރަކަށް ވެދާނެ އެވެ. އެގޮތުން ޑިޕްރެޝަން އާއި ޕްރެޝާ ތިރި ކުރަން ނަގާ ބޭސްތައް ފާހަގަ ކޮށްލެވެ އެވެ. މީގެ ހައްލަކީ މި ބޭސްތައް ކެއުން ހުއްޓާލުމެއް ނޫނެވެ. ނަމަވެސް އެ ބޭނުންކުރާ ބޭހުގެ ސަބަބުން ބަރުދަން ލުއި ކުރުމަށް އެންމެ ފަސޭހަ ނުވާނެ ކަން ދެނެގަނެ ޑޮކްޓަރުގެ ލަފަޔާ އެއް ގޮތަށް ކެއުމާއި ކަސްރަތު ބަދަލު ކޮށްލާނީ އެވެ.
ނިދި ނުލިބުމާއި ފިކުރު ބޮޑުވުން
ކަސްރަތު ކުރުމާއި ޑައެޓްކުރުމުގެ އެންމެ ފޮނި ނަތީޖާއެއް ނުފެންނަ އަނެއް ސަބަބަކީ ނިދި ރަގަޅަށް ނުލިބުން ކަމުގައި ވެސް ވެދާނެ އެވެ. ރޭގަނޑުގެ ހޭލާ ހުންނައިރު ހޯމޯންސް އަށް އަންނަ ބަދަލުތަކުގެ ސަބަބުން މާ ބޮޑަށް ކާހިތްވެ ބަނޑުހައިވުމުގެ އިހްސާސް ކުރުވާ ކަމަށް ދިރާސާތައް ހެކިދެ އެވެ. މީގެ އިތުރުން ކަންކަމާމެދު މާ ބޮޑަށް ސްޓްރެސްވެ ފިކުރު ކުރުމަކީ ވެސް ބައެއް މީހުންނަށް ފަލަވުމާ ގުޅިފައިވާ ކަމެކެވެ. އެހެނީ ސްޓްރެސް ހޯމޯން ނުވަތަ ކޯޓިސޯލްއަކީ ކާހިތްވުން އިތުރު ކޮށްދޭ ހޯމޯނެކެވެ.
މިނޫންވެސް ފަލަވުމަށް މެދުވެރިކޮށްފާނެ ސަބަބުތައް ބައިވަރެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑު މާބޮޑަށް ފަލަވިޔަ ނުދީ އެދެވޭ މިންގަނޑެއްގައި ބަރުދަން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަން ހާސިލް ކުރަން ގަދަ އަޅައި މަސައްކަތް ކުރި ނަމަވެސް އެންމެ އެދެވޭ ނަތީޖާއެއް ނުފެނުމަކީ އެހެން މައްސަލައެއް އުޅޭ ކަމަށް ހަށިގަނޑު ތިމާއަށްދޭ މެސެޖެއް ކަމަށް ވެދާނެ އެވެ. އޭގެ ފަހަތުގައިވާ ސަބަބު ހޯދުން މުހިންމެވެ.
އެޑިޓަރުގެ ނޯޓް: އާމިނަތު ނައުޝާ އަހުމަދަކީ ޒުވާން މެޑިކަލް ސުޓޫޑެންޑެކެވެ. ޖަމާލުއްދީނާއި ސީއެޗްއެސްއީގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު މެޑިކަލް ޑޮކްޓަރުކަށްވެ ވަޑައިގަތުމަށް ނައުޝާ ކިޔަވާ ވިދާޅުވަނީ މެލޭޝިޔާ އިންޓަނޭޝަލް މެޑިކަލް ޔުނިވާސިޓީގަ އެވެ. ނައުޝާއަކީ 2013 ވަނަ އަހަރު ޖަމާލުއްދީނުގެ އެންމެ މޮޅު ދަރިވަރެވެ. އޯލެވެލް އާއި އޭލެވެލްގައި ރާއްޖޭގެ އެއްވަނަ ވެސް ހޯއްދެވި ނައުޝާ ކިޔާ ވިދާޅުވަނީ ރައީސުލްޖުމްހުރިއްޔާގެ ސްކޮލާޝިޕެއްގަ އެވެ. ސްކޫލް ދައުރުގައި ވެސް ލިޔުންތެރި ކަމުގައި ފާހަގަ ކުރެވުނު ނައުޝާ ސިއްހީ ދާއިރާގެ އެކި މައްސަލަތަކާ ބަލާލައި ލިޔާ ލިޔުންތައް ކޮންމެ އާދީއްތަ ދުވަހެއްގައި ގެނެސްދޭނެ އެވެ.