ސިއްހަތު

ބަރުދަން ލުއިކުރަން އެންމެ ރަނގަޅީ ކީޓޯ ޑައެޓްތަ؟

ދުޅަހެޔޮ ސިއްހަތެެއްގައި ހުރުމަށް ބަރުދަން ލުއި ކުރުމަކީ އެންމެން ވެސް ހާސިލް ކުރަން ބޭނުން ވާނެ ގޯލެކެވެ. އެކަން ހާސިލް ކުރަން އެހީތެރިވެދޭނެ ކަމަށް ބުނާ ކަސްރަތުތަކާއި ޑައެތްތައް ވެސް ވަރަށް ގިނަ އެވެ. އެގޮތުން ކީޓޯޖެނިކް ޑައެޓް ނުވަތަ ކީޓޯ ޑައެޓަކީ މިހާރު ދިވެހިންގެ ގިނަ ބަޔެއްގެ މެދުގައި ވަރަށް ބޮޑު މަގްބޫލް ކަމެއް ހޯދަމުން އަންނަ ޑައެޓެކެވެ.

"ކީޓޯ ޑައެޓް" ގޫގްލް ކޮށްލައިފިނަމަ މި ޑައެޓަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ އެންމެ ރަނގަޅު ޑައެޓް ކަމަށް ގިނަ ބަޔަކު ވަކާލާތުކުރާ ލިޔުން ވަރަށް ގިނަ އެވެ. އަދި އެހާމެ ގިނަ ބަޔަކު މިކަމާ ދެކޮޅަށް ވަކާލާތު ކޮށްފައި ހުންނަ ލިޔުންތައް ވަރަށް ގިނައިން ހުންނަކަން ވެސް ފާހަގަ ކުރެވޭނެ އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކީޓޯ ޑައެޓަކީ ކޮބައި ހެއްޔެވެ؟

ކީޓޯ ޑައެޓަކީ ކޮބައިތޯ ބަލައިލަމާތޯ؟

ކީޓޯ ޑައެޓަކީ ކެއުމުގައި ކާބޯހައިޑޮރޭޓްސް ވަރަށް މަދުކޮށް ފެޓްގެ ބާވަތްތައް ގިނައިން ބޭނުން ކުރާ ތަފާތު ޑައެޓެކެވެ. އެގޮތުން މި ޑައެޓުގައި ކެއުމުގެ 75 ޕަސެންޓަކީ ފެޓެވެ. އޭގެ ސަބަބުން ކާބޯހައިޑްރޭޓްސްގެ ބަދަލުގައި ހަށިގަނޑުގެ އެކި މަސައްކަތްތަކަށް ބޭނުންވާ ހަކަތަ އުފެެއްދުމަށް ބޭނުން ކުރަނީ ފެޓްސް އެވެ. މިއަށް ކިޔަނީ ކީޓޯސިސް އެވެ.

ކީޓޯ ޑައެޓެއްގައި ހިމެނިދާނެ ބައެއް ތަކެތި

  • ކަނޑު މަހުގެ ބާވަތްތައް
  • އެއްގަމު މަސް
  • ޗީސް އާއި ބިސް
  • ޔޯގަޓާއި އެވަކާޑޯ
  • ކާށި ތެޔޮ
  • ފެޓްސް ގިނަ އެހެން ބާވަތްތައް

ކީޓޯ ޑައެޓް ފުރަތަމަ ފަށައި ގަންނަ އިރު ބައެއް މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. އެގޮތުން ބޮލުގައި ރިއްސުމާއި ހޮޑު ލެވުމާއި ވަރުބަލިވުން ފަދަ އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. އެއީ މި ޑައެޓްގައި ކާބޯހައިޑޮރޭޓްސް މަދުކޮށް ފެޓްސް ގިނައިން ބޭނުން ކުރާތީ އިންސުލިން ހަށިގަނޑުގައި މާ ބޮޑަށް މަދު ވުމުން އަންނަ ބަދަލުތަކެކެވެ. މިހެން މެދުވެރިވުމުން އެއަށް ޑޮކްޓަރުން ވިދާޅުވަނީ އެއީ "ކީޓޯ ފްލޫ" އޭ އެވެ. ނަމަވެސް ކީޓޯ ޑައެޓަށް ހަށިގަނޑު ހޭނުމުން އެ އުނދަގޫތަކެއް ދެން ނުވާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއި ކުރުމަށް ވަރަށް ވެސް ރަނގަޅު ޑައެޓެކެވެ. ނަމަވެސް ހަމަ މިދެންނެވި ސަބަބާހުރެ މި ޑައެޓަކީ ޑޮކްޓަރުންނާއި ޑައެޓިޝަނުންގެ ނަޒަރުގައި އެންމެ ކަމުދާ ޑައެޓެއް ނޫނެވެ. ސަބަބަކީ މި ޑައެޓާ އެއް ގޮތަށް ކެއުން އަބަދު ބެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެވެ.

އަދި މި ޑައެޓްގައި ފެޓްގެ ބާވަތްތައް ގިނައިން ބޭނުން ކުރާތީ މިއީ ބައެއް ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް އެންމެ އެކަށޭނަ ޑައެޓަކަށް ވެސް ނުވެ އެވެ. މީގެ އިތުރުން މި ޑައެޓް ގިނަ ދުވަސްތަކަށް ބޭނުން ކޮށްފިނަމަ ސިއްހަތަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެކަަމަށް ވެސް ބެލެވޭތީ އެވެ.

މި ޑައެޓްގައި އެއްގަމު މަހުގެ ބާވަތްތަކާއި ސެޗުރޭޓެޑް ފެޓްސްގެ ބާވަތްތައް ގިނަ އެވެ. މި ބާވަތްތަކަކީ ހިތުގެ ބަލިތައް ޖެހުމާ ގުޅިފައިވާ ތަކެއްޗެވެ. ވީމާ ކީޓޯ ޑައެޓަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު މީހުން ބޭނުން ކުރުން ރަނގަޅު ޑައެޓެއް ނޫނެވެ.

ކީޓޯ ޑައެޓާ ގުޅޭ ގިނަ ދިރާސާތައް އަންނަނީ މިހާރުވެސް ކުރަމުންނެވެ. ފަހުގެ ހޯދުންތައް ދައްކާ ގޮތުން ބަރުދަން ލުއި ކުރުމުގެ އިތުރުން އެތަކެއް އެހެން ފައިދާތަކެއް ވެސް މި ޑައެޓްގެ ސަބަބުން ލިބެ އެވެ. އެގޮތުން ހަކުރު ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ހަކުރު ދަށް ކުރުމަށް ކީޓޯ ޑައެޓް އެހީތެރި ވެދެއެވެ. އަދި ޕީސީއޯއެސް ހުންނަ އަންހެނުންގެ އަލާމާތްތަކަށް ލުޔެއް ގެނައުމަށް ވެސް މި ޑައެޓް އެހީތެރިވެދޭ ކަމަށް ބައެއް ހޯދުންތައް ދައްކަ އެވެ.

ނަމަވެސް ދެނެގަންނަންވި ހަގީގަތަކީ އެއްވެސް ޑައެޓެއް ފެށުމުގެ ކުރިން، ހާއްސަކޮށް ވަކި ބާވަތެއްގެ ކާއެއްޗިހި މާ ގިނައިން ނުވަތަ މާ މަދުން ބޭނުން ކުރާ ޑައެޓެއް ނަމަ، އެ ޑައެޓެއް ފެށުމުގެ ކުރިން ޑޮކްޓަރެއް ނުވަތަ ޑައެޓިޝަނެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު އަދި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމެވެ.

ސަބަބަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވަނީ ދެތިން ދުވަހުން ބަރުދަން ލުއި ކޮށްލެވިދާނެ ގޮތްތައް ހޯދުން ކަމަށް ނުވާތީ އެވެ. އަމާޒަކަށް ވާންވާނީީ ރަނގަޅު ކެއުމުގެ އާދަތަކަށް އަހުލުވެރިވެ ދެމިހެއްޓެނިވި ގޮތެއްގައި އެކަން އާދައިގައި އަށަގެންނެވުމަށެވެ.

އެޑިޓަރުގެ ނޯޓް: އާމިނަތު ނައުޝާ އަހުމަދަކީ ޒުވާން މެޑިކަލް ސުޓޫޑެންޑެކެވެ. ޖަމާލުއްދީނާއި ސީއެޗްއެސްއީގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު މެޑިކަލް ޑޮކްޓަރުކަށްވެ ވަޑައިގަތުމަށް ނައުޝާ ކިޔަވާ ވިދާޅުވަނީ މެލޭޝިޔާ އިންޓަނޭޝަލް މެޑިކަލް ޔުނިވާސިޓީގަ އެވެ. ނައުޝާއަކީ 2013 ވަނަ އަހަރު ޖަމާލުއްދީނުގެ އެންމެ މޮޅު ދަރިވަރެވެ. އޯލެވެލް އާއި އޭލެވެލްގައި ރާއްޖޭގެ އެއްވަނަ ވެސް ހޯއްދެވި ނައުޝާ ކިޔާ ވިދާޅުވަނީ ރައީސުލްޖުމްހުރިއްޔާގެ ސްކޮލާޝިޕެއްގަ އެވެ. ސްކޫލް ދައުރުގައި ވެސް ލިޔުންތެރި ކަމުގައި ފާހަގަ ކުރެވުނު ނައުޝާ ސިއްހީ ދާއިރާގެ އެކި މައްސަލަތަކާ ބަލާލައި ލިޔާ ލިޔުންތައް ކޮންމެ އާދީއްތަ ދުވަހެއްގައި ގެނެސްދޭނެ އެވެ.