ވާހަކަ

އީޝަލް

(27 ޖެނުއަރީ 2019 އާ ގުޅޭ)

އިންތަނުން ރައުލް ތެދުވީ އޭނާގެ ގާތުން ނުރައްކަލެއްގެ ހިލަންވެގެންނެވެ. ވަށައިގެން ހޯދާލުމަށްފަހު އޭނާ ހުއްޓުނީ ދުރުން އަންނަ އެއްޗެއް ފެނިގެންނެވެ. ބޮޑުއަނދިރިގަނޑެއްހެން ހީވި ނަމަވެސް ދާދި އަވަހަށް ހަތަރެސްފައި ޖަހައިގެން އޮތް ޖަނަވާރެއް ރައުލްއަށް ސިފަވިއެވެ.

"އީޝަލް" ރައުލްގެ ހިތް ގޮވާލިއެވެ.

އަންނަތަން ފެނުނީ ލުގަލްބަންދާކަން ރައުލްއަށް ޔަގީންވުމުން އޭނާއަށް ހީކުރެވުނީ އީޝަލް ވެސް ހުންނާނެ ކަމަށެވެ. ލުގަލްބަންދާގެ ފުށުން އިޙްސާސް ކުރެވެމުންދިޔަ ބީރައްޓެހިކަމަށް ފަރުވާލެއްނެތި ރައުލް ކުރިއަށް ޖެހިލީ އެހެންވެއެވެ.

"ކަލޭ އެކަނިތަ؟" ލުގަލްބަންދާ ގާތްވީއިރު ވެސް އީޝަލް ނުފެނުމުން ރައުލް އަހާލިއެވެ. ނަމަވެސް އޭނާ ރައްދެއްނުދީ ރައުލްއަށް ބަލަން ހުރީއެވެ.

"އީޝަލްއާ ނުލައި ކަލޭ އެކަނި އައުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން ބިރުގަންނަވަންތަ ތިއައީ... ނުވާނެ އެކަމެއް، އަހަރެންނާއި އީޝަލް ވަކިކުރެވޭނޭ އެންމެ ގޮތެއް އޮތީ، އަހަރެންގެ ފުރާނަ ގެންދިއުން... ކަލޭ ތިއައީ އަހަރެންނާ ކުރިމަތިލާން ކަމަށްވާނަމަ އަދި އަހަރެން އެކަން ކުރާކަށް ބޭނުމެއްނޫން، އީޝަލްއަށް ކަލެއަކީ ކިހާ ޚާއްޞަ މީހެއްކަން އަހަރެންނަށް އެނގޭ، އޭނާގެ އިޒުނަނެތި އަހަރެން ކަލެއާ ކުރިމަތިލާކަށް ބޭނުމެއްނޫން" ރައުލް ބުންޏެވެ. އަދި އޭނާ އެނބުރިލީ އީޝަލް ނުފެނުނީތީ ލިބުނު މާޔޫސްކަމުގައެވެ. މާނައެއްނެތް ގޮތުގައި ލުގަލްބަންދާއާ ކުރިމަތިލުމުގެ އެއްވެސް ގަޞްދެއް ރައުލްގެ ނެތެވެ.

"ކަލޭގެ ކުރިމައްޗަށް މިއައީ މަޖުބޫރުވެގެން، އަހަރެން ކިތަންމެ ޚާއްޞަ ވިޔަސް އީޝަލްގެ ހިތް އޭނާ ދިނީ ކަލެއަށް" ލުގަލްބަންދާ ބުނެލިއެވެ. އެއަޑު އިވި ރައުލް ވަގުތުން ލުގަލްބަންދާއާ ކުރިމަތިލިއެވެ. ހައިރާންވެ އޭނާއަށް ބަލަން ރައުލް ހުއްޓެވެ.

"ކަލޭ އީޝަލްއާ ވާހަކަދައްކަނީ ތިހެން ދޯ... އެ ދުވަހު ވެސް އަހަރެން ހިތަށް އެރި ކަލޭ ވާހަކަދައްކާ އަޑު ނީވުނަސް އީޝަލްއާއި ކަލެއާ ދެމެދު ކޮންމެވެސް ސިފައެއްގައި މުއާޞަލާތެއް ހިނގާކަން، ތީ ސިއްރު މަޢުލޫމާތު ބަދަލުކުރުމަށް ގެންގުޅޭ އުކުޅެއް، ކަލޭ ދަސްކުރީ ކިހިނެއް؟" ރައުލް ހުރީ އަޖައިބުވެފައި ހުރި ހެންނެވެ.

"ބޭކާރު ވާހަކަ ކަލެއާ ދައްކާކަށްނޫން އަހަރެން މިއައީ" ލުގަލްބަންދާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. އެކަމުން ރައުލްއަށް އެއްވެސް އަސަރެއް ނުކުރިއެވެ.

"ދެން އެހެންވީރު ތި އައި ބޭނުމެއްބުނަންވީނު" ރައުލް ދެބުމަ ކައިރިކޮށްލިއެވެ.

"އީޝަލް އޭނާގެ ޢާއިލާއާއެކު ހިނގައްޖެ" ލުގަލްބަންދާ ބުނެލިއެވެ. ވަގުތުން ރައުލްގެ މޫނުން ދިރުން ގެއްލުނު ފަދައެވެ.

"ކަލޭ އަހަންނާ ނުބައި ސަމާސާއެއް ނުކުރައްޗޭ" ރުޅިވެރިކަން މޫނުމައްޗަށް ވެރިކޮށްލައި ކަނާއަތުގެ ޝަހާދަތްއިނގިލި ލުގަލްބަންދައާ ދިމާއަށް ރައުލް ދިއްކޮށްލިއެވެ. ވަގެއްގެ އަރުން ނުކުންނަ ފަދަ އަޑެއް ލުގަލްބަންދާ ލައްވާލިއެވެ. ހީވީ އޭނާ ހެނީހެންނެވެ. ގަޞްދުގައި ރައުލް ތަޅުވާލީ ކަހަލައެވެ.

"ކޮންތާކަށް އެ މީހުން ދިޔައީ؟" ރައުލް އަވަސްއަވަހަށް އަހާލިއެވެ.

"އެމީހުންނާ ކުރިމަތިލަނިކޮށް ކަލޭގެ ފުރާނަ ހިނގައިދާނެ" ލުގަލްބަންދާ ބުންޏެވެ. ހީވީ ރައުލް އިމްތިހާނުކުރަން އޭނާ މަސައްކަތްކުރަނީ ހެންނެވެ.

"ފަރުވާލެއްނެތް... އީޝަލް ހުރިތަނެއް ބުނޭ، އޭނާ އަހަންނަށް އިންތިޒާރުކުރާނެކަން ޔަގީން" ރައުލް ހުރީ ކެތްތެރިކަން ކުޑަވެފައެވެ.

"ފުރާނަ މުހިންމުނުވާއިރު ކަލެއަށް އީޝަލްއަށް ކޮށްދެވޭނީ ކޮންކަމެއް، އޭނާގެ އިންތިޒާރު ބޭކާރުވެގެންދާންތަ ކަލޭ ބޭނުންވަނީ" ލުގަލްބަންދާ އޭނާގެ ހަރުކަށިކަން ދޫކޮށްލައި ވެލިގަނޑުގައި އިށީނެވެ. އޭނާގެ އެ ހަރަކާތުން ރައުލް ވެސް ކަރުއެލުވާލިއެވެ. އަދި އޭނާ ހުރި ދިމާއަށް ތިރިވެ ވެލިގަނޑުމަތީ ދެފައިވަށްކޮށްލައި އިށީނެވެ. ލުގަލްބަންދާއާއި ރައުލް އެކަކުއަނެކަކަށް ބަލައެއްނުލައެވެ. ދެ މީހުންގެ ނަޒަރު ވެސް ހުރީ ކުރިމަތިން ފެންނަން އޮތް މޫދަށް ހުއްޓިފައެވެ.

"އީޝަލްއަށް ޓަކައި އަހަރެން ކަލެއާ ބައްދަލުކުރަން އައީ، އެ މީހުންގެ ކޮއިލުގައި ކުރެވޭ ކައިވެންޏެއްގައި ބައިވެރިވާން ގޮސްވީ، ދެތިން ދުވަހެއްގެ ތެރޭގައި އެނބުރި އަންނާނޭކަމުގެ ޚަބަރު ދޭން އީޝަލް އަހަރެން ފޮނުވީ" ލުގަލްބަންދާ އޮޅުންފިލުވައިދިނެވެ.

"އެހެންވީރު މީކާޢިލް ގަސްދު އެކުރަނީ ރަސްކަމުގެ ތެރެއިން އޭނާގެ ދަރިފުޅަށް ބައިވެރި ޚިޔާރުކުރަންތާ" ރައުލް މަޑުމަޑުން ބުނެލިއެވެ. ލުގަލްބަންދާއަށް ބަލާލެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ.

"ކަލެއަށް އީޝަލް އެނގެނީ ކިހާ ވަރަކަށް" ލުގަލްބަންދާ އެއްސެވެ. އޭނާގެ އެ ސުވާލުން ރައުލް ވެސް ބަލާލިއެވެ.

"ބުނަން ތިއުޅެނީ އަހަންނަށްވުރެ ބޮޑަށް ކަލެއަށް އީޝަލްގެ ގޮތް އެނގެއޭތަ؟" ރައުލް ބުންޏެވެ. ލުގަލްބަންދާ ދެފަރާތަށް ބޯހޫރުވާލިއެވެ.

"ކަލެއަށް އެނގޭތަ މީކާޢިލްއާއި އީޝަލްއަކީ ކޮންބައެއްކަން؟ ޒިޔަޒެލްއާއި އެ އެންމެންގެ އަސްލު ގުޅިފައިވަނީ ކޮންބަޔަކާކަން" ލުގަލްބަންދާ މިފަހަރު ވެސް ކުރީ ސުވާލެވެ.

"އަހަންނަށް އެނގޭ އިންސާނުންނާ އީޝަލްއާ ގުޅުމެއްވާކަން" ރައުލް ބުނެލިއެވެ.

"ތީ އީޝަލްއާ ގުޅިފައިވާ ހަޤީޤަތުގެ ތެރެއިން ބައެއް، އިންސީންގެ ދުނިޔޭގެ ބިމުގައި ފެތުރިފައި އޮތް އެންމެ ބިޔަ ބާރުގަދަ ވެރިކަމުގެ ތެރެއިން އެއްވެރިކަމަށް ނިސްބަތްވާ ބައެއް އެއީ... އީޝަލްގެ ކާފަ، މީކާޢީލްގެ ބައްޕައަކީ އައިޒަން ރަސްގެފާނު، އެމީހުންނަކި ރަސްދަރިކޮޅުގެ ޖިންނީން، އުޑުގައި ދަތުރުކުރާ ޖިންނީންގެ ތެރެއިން އާދައިގެ ޖިންނިއެއްކަމައްތަ ކަލޭ ހީކުރީ އީޝަލްއަކީ، މީކާޢިލްއާއި ޒިޔަޒެލްގެ ދިރިއުޅުން ކިތަންމެ އާދައިގެކަމަށް ފެނުނަސް އެ މީހުންގެ ބާރަކީ އާދައިގެ އެއްޗެއްނޫން، އީޝަލްގެ އަސްލު އައީ އެ ފަދަ ބައެއްގެ ތެރެއިން" ލުގަލްބަންދާ ބުންޏެވެ. ރައުލްގެ މޫނުން ފާޅުވީ ހައިރާންކަމެވެ. އީޝަލްއަކީ ރަސްދަރިކޮޅުން އައިސްފައިވާ ޖިންނިއެއްކަމުގައި އޭނާ ރައުލްގެ ގާތުގައި ނުބުނެއެވެ. އޭނާއަށް ވެރިވި ހިމޭންކަން ލުގަލްބަންދާއަށް ފާހަގަކުރެވުނެވެ.

* * * * *

ކުރިން އަނގަ ގަދަވެގެން އުޅުނު އީޝަލް މާ މަޑުމަޑުން ހުންނަކަން ބަލްޤިސްއަށް ފާހަގަވިއެވެ. ސުވާލެއް ކުރުމުން ވެސް ޖަވާބު ދިނުމުގެ ބަދަލުގައި މުޅިން އެހެން ވާހަކައެއް ފަށާކަން ވެސް ބަލްޤިސް ދެނެގަތެވެ. ޚާއްޞަކޮށް އާދަޔާ ޚިލާފަށް އެންމެންގެ ކުރިމަތީ މާބޮޑަށް ހިނިތުންވެ ހުންނަކަން ވެސް ބަލްޤިސްއަށް އެނގުނެވެ.

އައިޒަންގެ ގާތުން ނުކުތް މީކާޢިލްގެ ގާތަށް ބަލްޤިސް އައެވެ. އޭނާގެ އަތުގައި ހިފައިގެން އެންމެނާ ބަލްޤިސް އެކަހެރިވިއެވެ. ބަޗީގާގެ ތެރޭގައި ބޮޑެތި ގަސްތަކުން ނިވާވެފައި ހުރި މަރިޔާދުގެއަށް ވަދެވުމުން މީކާޢިލްގެ އަތުން ބަލްޤިސް ދޫކޮށްލިއެވެ. މީކާޢިލް ބޮލުން އިޝާރާތްކޮށްލީ ވީގޮތެއް އަހާލާ ފަދައިންނެވެ.

"އީޝަލްއަށް ކިހިނެއްވީ؟ ބޭބެ އޭނާއަށް އެއްޗެކޭ ބުނީތަ؟" ބަލްޤިސް ވަގުތުން ސުވާލުކުރިއެވެ.

"ކިހިނެއްތަވީ؟" މީކާޢިލް ނޭނގޭކަމަށް ހެދުނެވެ.

"އަހަރެމެންގެ ތެރެއަށް އެކުއްޖާ އެއައީ އަލަށް، އޭނާއަކީ އާކަންކަން ދުށުމަށް ޝައުގުވެރިވާ ކުއްޖެއް... މިއަދު އީޝަލް ފެންނަނީ އެކަހެރިކޮށް އުޅޭތަން، ހިނިތުންވުމުގައި އުފާވެރިކަމެއްނުވޭ" ބަލްޤިސްގެ އަޑުގައިވީ ކަންބޮޑުވުމެވެ. މީކާޢިލް ދެއަތް އުރާލައިގެން ގަސްތަކުގެ ތެރެއަށް ނަޒަރު ހުއްޓާލި ގޮތަށް ހުރީއެވެ. އޭނާ ބަހެއް ނުބުނުމުން ބަލްޤިސް އައިސް މީކާޢިލްގެ ގާތުގައި މަޑުކޮށްލިއެވެ.

"ބޭބޭ އަހަންނަށް ކަމެއް ފޮރުވަނީތަ؟ އީޝަލްއަށް ކަމެއްޖެއްނަމަ އަހަރެންނަށް ހަމަޖެހުމެއް ނުލިބޭނެ، ބޭބެއަށް އެކަން އެނގޭނެ... ކީއްވެތަ އެއްޗެކޭ ނުބުނެ ތިހުރީ، ކައިވެނީގެ އެއްވެސް ކަމެއްގައި އަހަންނަށް ފުރިހަމައަށް ބައިވެރިއެއްނުވެވޭނެ އީޝަލްގެ ޚިޔާލުތައް ސިކުނޑީގައި އެނބުރޭހާ ހިނދަކު" ބަލްޤިސް ދެފަރާތަށް ބޯހޫރާލިއެވެ. މީކާޢިލް ފިނިނޭވާއެއް ދޫކޮށްލައި ބަލްޤިސްއާ ކުރިމަތިލިއެވެ. ކޮއްކޮގެ ދެ ކޮނޑުގައި އޭނާ ހިފަހައްޓާލިއެވެ.

"ބަލްޤިސް ކައިވެނިކުރީމަ އިހު އުޅުނުހެން ނޫޅެވޭނޭކަން އީޝަލްއަށް ވެސް އެނގޭނެ، ވެދާނެ އެކުއްޖާފުޅު ކަންބޮޑުވަނީ އޭނާގެ ބޮޑުދައިތަ އަންނަލެއް މަދުވާނޭ ހިތަށް އަރާފާހެން" މީކާޢިލް ހިނިތުންވެލިއެވެ.

"އެކަމަކު..." ބަލްޤިސްއަށް މީކާޢިލް ބުނި އެއްޗެއް ޤަބޫލުކުރަން އުނދަގޫވިއެވެ. އެހެންވިޔަސް މީކާޢިލްއާ ދެކޮޅު ހަދާނޭ ފުރުޞަތެއް ވެސް ނެތެވެ.

"އެހެނެއްނުވާނެ... އީޝަލްއަށް ދޭ ވަގުތު މަދެއްނުވާނެ، އެކަކަށްވުރެ ވެސް ޚާއްޞަވާނެ އީޝަލް" ބަލްޤިސް ހިނިތުންވެލިއެވެ.
މީކާޢިލްއާއެކު މަރިޔާދުގޭގައި ވާހަކަދައްކަން މަޑުކޮށްލުމަށްފަހު ކުރިން އެތަނުން ނުކުމެގެން ދިޔައީ ބަލްޤިސްއެވެ. އޭނާ އެހާ ފަސައިން އީޝަލްގެ ކަމެއް ދޫކޮށެއް ނުލާނެއެވެ. ޒިޔަޒެލްވީ ހިސާބެއް ހޯދިއެވެ. ގަނޑުވަރުގެ އިސް ޖިންނީންގެ މަޖިލީހެއްގައި ވާހަކަދައްކަން އިން ޒިޔަޒެލްގެ ގާތަށް ބަލްޤިސްއަށް ދެވެން ނެތުމުން އޭނާ ޚާދިމަކު ފޮނުވިއެވެ. އެ ފިރިހެން ކުއްޖާ ގޮސް ޒިޔަޒެލްގެ ކަންފަތް ދޮށުގައި ޚަބަރު ދިނުމުން އޭނާ އިސް އުފުލައި ދުރުގައި ހުރި ބަލްޤިސްއަށް ބަލާލިއެވެ. އަދި ފުޅާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. ދެން ފެނުނީ އޭނާގެ ގާތުގައި އިން މިޒަރެންއަށް އިޝާރާތެއް ކޮށްލައި އޭނާގެ ގާތުގައި ވާހަކައެއް ބުނި ތަނެވެ.

"ބަލްޤިސް" ޒިޔަޒެލްގެ ގާތުން ތެދުވެގެން އައިސް ބަލްޤިސް ގާތުގައި މަޑުކޮށްލި މިޒަރެން ގޮވާލިއެވެ.

"އަބަދު ޒިޔަޒެލްގެ ފަހަތުން ނޫޅެ ނިކަން އަހަރެންނާ ވާހަކަދައްކާލަން އާދެބަލަ" ބަލްޤިސް ބުންޏެވެ.

"ބަލްޤިސް ކުރަންޖެހޭ ކަންކަން ހުންނާނޭކަން އެނގޭ، ޚާއްޞާކޮށް މިއަދު އުޅެނީ ވަރަށް އަވަދިނެތިކަން އެނގޭ" މިޒަރެން ބުންޏެވެ.

"ހިނގާބަލަ... މިތާ ތިބެ ހަމަޖެހިލައިގެން ވާހަކައެއް ނުދެއްކޭނެ" ބަލްޤިސް ބުންޏެވެ. މިޒަރެން ބޯޖަހާލަމުން ބަލްޤިސް ދައްކާ މަގުން އައެވެ.

ގަނޑުވަރުގެ ބިއްދޮށަށް ނުކުމެވެން ހުރި ދޮރުން ބަލްޤިސް ނުކުތެވެ. ވެޔޮތަކުން ހިޔާއެޅިފައިވާ މަގުން ދެ މީހުން ކުރިއަށް އައެވެ.

"މިޒަރެން ކިހިނެއްތަ؟ ގަނޑުވަރަށް އައި ފުރަތަމަ ފަހަރު ދޯ، ކިހިނެއްވަނީ މިތަން" ބަލްޤިސް އަހާލިއެވެ.

"ރަނގަޅު" މިޒަރެން ބުންޏެވެ.

"މިޒަރެން... ކަލެއަށް ފާހަގައެއްނުކުރެވޭތަ އީޝަލްއަށް ބަދަލުތަކެއް އައިސްފިހެން، އަހަންނަށް އެނގޭ ބޭބެ ބުންޏަސް އީޝަލްއަށް އެ އުޅެނީ ކަމެއްދިމާވެގެންކަން، މިޒަރެންނަށް އެނގެންޏާ ނިކަން ބުނެބަލަ، އަހަރެންނަށް ތި އެކުވެރިޔާ ދޮގެއް ނުހަދާނޭކަން އެނގޭ" ބަލްޤިސް ބުންޏެވެ.

"އޭނާއަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަގީން" މިޒަރެން ބުންޏެވެ.

"ކިހިނެއްވީ އަނެއްކާ" ބަލްޤިސް ހާސްވިއެވެ.

"ލޯބިވެވުނީ" މިޒަރެން މަޑުމަޑުން ބުނެލިއެވެ. ބަލްޤިސްއަށް އިވުނު އެއްޗެއް ޔަގީނެއްނުވިއެވެ. އޭނާ އަލުން މިޒަރެންގެ ގާތުން އެއްސެވެ. މިޒަރެން ބޯޖަހާލީ ޤަބޫލުކުރާށޭ ބުނާ އުސޫލުންނެވެ.

"ކިހިނެއް؟ ކޮންއިރަކު ތިކަމެއް ހިނގީ... އެއީ ކާކު، އަހަރެމެންގެ އީޝަލްއާ ހަމައަށް އެ މީހަކު އައީ ކިހިނެއް" ބަލްޤިސް ބުނެވުނެވެ.

"ތަޤުދީރު... އެ ނޫން ކީކޭ އަހަރެން ބުނާނީ" މިޒަރެން ބުންޏެވެ. އަދި ބަލްޤިސްއަށް ރައުލްގެ ވާހަކަ އޮޅުންފިލުވައިދިނެވެ. ބަލްޤިސް އައިސް އަށިތަކެއް ބަހައްޓާފައި ހުރި ތަނެއްގައި މަޑުކޮށްލިއެވެ. އެތަން އޮތީ އަވިނޭޅޭނޭހެން ވެޔޮތަކުން މަތި ނިވާ ކޮށްފައެވެ. އެހިސާބުގައި މަޑުމަޑުކޮށް ހުވަނދުމާގެ ވަސް ފެތުރިފައި ވެއެވެ. އެތަނުން އަށްޓެއްގައި އިށީނުމަށް ބަލްޤިސް އިޝާރާތްކުރުމުން މިޒަރެން އެފަދައިން ކަންތައް ކުރިއެވެ. އެއާއެކު އޭނާގެ ގާތުގައި ބަލްޤިސް އައިސް އިށީނެވެ.

"ބަލްޤިސް" ހިމޭންވެފައި ދެ މީހުން އިރުކޮޅަކު ތިބެފައި މިޒަރެން ގޮވާލިއެވެ. އެއާއެކު ބަލްޤިސް ހޫންލައްވާލިއެވެ.

"ކައިވެނިކުރަން ތިއުޅެނީ ލޯބިވެގެންތަ؟ މިހާ ދުވަސްވީއިރު ބަލްޤިސް ގަޔާވާ މީހަކު ޚިޔާރުނުކުރީ ކީއްވެ؟" މިޒަރެން އެއްސެވެ. އޭނާއަށް ބަލްޤިސް ވަރަށް ރަނގަޅަށް ބަލާލިއެވެ. އަދި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ކާކު ބުނީ އަހަރެން ޚިޔާރުކުރި ފަރާތަށް ގަޔާނުވާކަން" ބަލްޤިސް ބުންޏެވެ.

"އޯ... އަހަރެންނަށް އޮޅުނީ... މީހަކު ނުބުނޭ، ބަލްޤިސް އެފަދަ ވާހަކައެއް ދުވަހަކުވެސް ނުދައްކާތީ ހީކުރެވުނީ، އަހަންނަށް މަޢާފުކުރޭ" މިޒަރެން އަވަސްއަވަހަށް ބުނެލިއެވެ.

"މިޒަރެން ގަޔާވާ ފަދަ ޖިންނިއެއް އަހަރެމެންގެ ތެރޭގައި ނެތްތަ؟" މިޒަރެންގެ ހަރަކާތްތަކަށް ބަލަން އިނދެ ބަލްޤިސް އެއްސެވެ.

"އެބަހުރި... އޭނާ އަހަރެންނަށްވުރެ މާ ފުރިހަމަ، އެފަދަ ރީތިކަމެއް އަހަރެން ދުވަހަކުވެސް ނުދެކެން، ވަރަށް ލޯބިވޭ... އެކަމަކު އޭނާއަކަށް ނޭނގޭނެ، އޭނާއަށް އަހަރެން ކަމަކުނުދާނެކަން އެނގޭ، އެހެންނޫނަސް ވަރަށް އަވަހަށް އޭނާ އެހެން މީހެއްގެ ހައްޤަކަށްވާނެ" މިޒަރެން އިސްޖަހާލިއެވެ. ނަމަވެސް އޭނާ އިސްއުފުލައި ހައިރާންކަމާއެކު ބަލްޤިސްއަށް ބަލާލަން މަޖުބޫރުވީއެވެ. އޭނާގެ އަތްތިލައިގައި ބަލްޤިސް ހިފާލުމުންނެވެ.

"ކަމުނުދާނޭކަމެއް ކިހިނެއް އެނގެނީ، އޭނާ ގާތު ނުވެސް އަހަމެންނު، ލޯބިވެޔޭ ވެސް ނުބުނަމެންނު" ބަލްޤިސްގެ އަޑުގައިވި ގާތްކަން މިޒަރެންނަށް ނަގައިގަންނަވި ގޮތެއް ނޭނގުނެވެ.

"ބަލްޤިސް" މަޑުމަޑުން މިޒަރެންނަށް ގޮވާލެވުނެވެ. އޭރު އޭނާގެ ކޮނޑުގައި ބަލްޤިސް ބޯއަޅައިލައިފިއެވެ.

"މިޒަރެންގެ ހިތުގައިވާ އެއްޗެއް އަހަރެންނަށް ނޭނގެނީއެއްނޫން، މިޒަރެންގެ ހުރިހާ ސިފައެއް އަހަރެންނަށް ކަމުދިޔަ، އަހަންނަށް މަޢާފުކުރޭ މިޒަރެން... އަހަރެން އުފަންވީ އާދައިގެ ޖިންނީންގެ ތެރެއަށްނަމަ މިއަދު އަހަރެންގެ ހިތުގައިވާ އެއްޗެއް އެންމެންނަށް ހާމަކުރާނަން، އެކަމަކު އެއީ ހަޤީޤަތެއްނޫން... ޖޫދާއަކީ ފުރިހަމަ ޒުވާނެއް، ކައިވެންޏަށްފަހު ރަނގަޅު ފިރިއަކަށް އަނބިމީހާގެ ހިތް ހޯދަން އެނގޭނެ، މި ކައިވެންޏާމެދު އަހަރެން ޝަކުވާއެއްނުކުރާނަން، އަހަރެންގެ ޒިންމާތައް އުފުލުމުގައި ފަހެއްނުޖެހޭނަން، މިޒަރެން... އަހަރެމެން ދެ މީހުންގެ ފަރަޤު ވަރަށް ބޮޑު، އަހަރެމެން ދެ މީހުން ބޭނުންވާގޮތް ވާކަށްނެތް، ބައްޕަގެ ގާތުގައި ކޮންމެވެސް ދަރިއަކު ހުންނަން އެބަޖެހޭ، ރަސްކަމުގެ ތެރެއަށް ބޭބެ ނުވަންނާނޭކަން އެނގޭ... މިޒަރެން ހީނުކުރައްޗޭ އަހަންނަށް މިޒަރެން ކަމުނުދާތީ ނިންމި ނިންމުމެކޭ މީ" މިޒަރެންގެ ކޮނޑުގައި ބޯއަޅައިގެން އިނދެ އޭނާގެ އަތްތިލައިގައި ބަލްޤިސް ދެއަތުން ހިފާ ބާރުކޮށްލިއެވެ.

"ބަލްޤިސް" މިޒަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާގެ ބޯ ބަލްޤިސްގެ ބޮލުގައި ޖައްސާލިއެވެ.

"މިޒަރެން... މިއަދަށްފަހު އަހަރެންނަކީ ޖޫދާ ހައްޤަކަށްވާނެ، ތީ ހަމައެކަނި އަހަރެންގެ ޒަމާންވީ ރަޙުމަތްތެރިއެއް" ބަލްޤިސް ބުންޏެވެ. އެއާއެކު މިޒަރެން ބޯޖަހާލިއެވެ.

"ބަލްޤިސްގެ ކޮންމެ ނިންމުމެއް އަހަރެން ޤަބޫލުކުރާނަން، ޝުކުރިއްޔާ... ތިހިތުގައި އޮތް އެއްޗެއް ބުނެދިނީމަ، އަހަރެން ނުބުނާނަން ރަސްކަމުގެ ޒިންމާތަކުން އެއްފަރާތްވާކަށް، އަހަރެންނަށް މާކުރިން ވެސް އެނގޭ މިހެންވާނޭކަން... އެހެންވެ އެ އިޙްސާސްތައް ހިފެހެއްޓީ، ސިއްރުކުރަމުން އައީ... އެނގޭތަ؟ އަހަރެންގެ ހިތުގައިވާ އެއްޗެއް އީޝަލް މާކުރިން ދެނެގެންފި، ބަލްޤިސް.... އީޝަލްއާއި ރުއުލްއަށް ވާނީ ކިހިނެއް؟ އެ ދެމެދުގައި އޮތް ޒުވާން ލޯތްބަށްވާނީ ކިހިނެއް؟" މިޒަރެން ބޯހިތްލައިލާ ބަލްޤިސްއަށް ބަލާލިއެވެ.

(ނުނިމޭ)