ހަބަރު

ކެނޑިޑޭޓުންގެ އަދަދު ނިންމާނީ ލީޑަރުންނާ މަޝްވަރާކޮށްފައި: އެމްއާރުއެމް

އޭޕްރީލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ނުކުންނަ ކެނޑިޑޭޓުންގެ އަދަދު ކަނޑައަޅާނީ ލީޑަރުންނާއި މަޝްވަރާކުރުމަށްފަހު ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

އެމްއާރްއެމްގައި އިސްކޮށް އުޅުއްވާ އަބުދުލް އަލީމް "އަވަސް" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ފަރާތްތަކާއެކު ކުރާ އިންޓަވިއުތައް މިއަދު ނިމޭނެ ކަމަށެވެ. ނަމަވެސް ކުރިމަތިލާނެ ދާއިރާތަކުގެ އަދަދު އަދި ނިންމާފައި ނުވާ ކަމަށާއި ކޯލިޝަން އެއްބަސްވުމުގައިވާ އަދަދަށް ކެނޑިޑޭޓުން ނެރޭނެވެ.

ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އެމްއާރުއެމްއަށް ލިބެނީ 17 ދާއިރާ އެވެ. އަލީމް ވިދާޅުވީ، ކެނޑިޑޭޓުން ނެރޭނެ ދާއިރާތައް ޔަގީން ކުރެވޭނީ ލީޑަރުންގެ ބައްދަލުވުމަށްފަހު ކަމަށާއި، އެ ބައްދަލުވުމަށް ފަހު 17 ދާއިރާއަށްވުރެ އިތުރަށްވެސް ކުރިމަތި ލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރައީސް މައުމޫން ތާއީދު ކުރައްވާނެ ކަމަށް މިހާތަނަށް ޔަގީންވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުން ކުރިމަތިލައްވާ ދާއިރާތަކަށެވެ.

ރައީސް މައުމޫންގެ ތާއިީދާއެކު މަޖިލީހުގެ 80 ދާއިރާއަކަށް ކުރިމަތިލާން 108 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް އެމްއާރުއެމުން ކުރިން ވަނީ ބުނެފަ އެވެ.