ކޮންމެ މުޖުތަމައެއްގައި ވެސް ނުރަނގަޅު އާދަތަކެއް ހަރުލާފައި ހުރެއެވެ. އެހެން ހުންނަ ނުރަނގަޅު އާދަ ތަކަކީ އެ އާދަތަކާމެދު ކޮންމެވެސް އެއްބަޔަކު ވިސްނައި ވާހަކަ ދައްކައިގެންނާއި އެކަމަށް އަޑުއުފުލައި ކަމާބެހޭ ފަރާތްތަކާއި އާންމުންގެ ސަމާލުކަން ގެންގޮސްގެން ރަނގަޅު ކުރެވިދާނެ ކަންކަމެވެ.
ރާއްޖޭގެ ކުޑަ މުޖުތަމައުގައި ވެސް މިފަދަ ކަންކަން އެބަހުއްޓެވެ. މި ފަދަ ނޭދެވޭ އާދަތަކުގެ ސަބަބުން މުޅި މުޖުތަމައަށް ތަކުލީފުތަކާއި ބުރަ އުފުލަން ޖެހެ އެވެ. ދިވެހި މުޖުތަމައިން ފެންނަ އެފަދަ ބައެއް ކަންކަން ފާހަގަ ކޮށްލައި ދޭނަމެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން
ބައެއް ކެފޭތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނަކީ އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން މަނާ ތަންތަނެވެ. އެކަމަކު އެއިން ތަނަކަށް ދިޔައަސް ކޮންމެވެސް އެއްބަޔަކު އަބަދުވެސް ދުންފަތުގެ އިސްތިއުމާލު ކުރާތަން ފެނެއެވެ. ރަތް ކުލައިގެ ބޮޑު އަކުރުން އިންޒާރުގެ ނޯޓިސް ޖަހާފައި ހުންނައިރު ޖަހަފާ ހުރި ބޯޑް އެއްގޮތަކަށްވެސް މި މީހުންނަށް ނުފެނެއެވެ. މިއީ ވެސް ބަދަލު ކޮށްލަންވީ އާދައެކެވެ.
މަގުމަތީގެ ނުރަނގަޅު އާދަތައް
ލޭން ބަދަލު ކުރުން: ތޮއްޖެއްހިފައިވާ މި މާލޭގެ ޓްރެފިކް ދުވަހުން ދުވަހަށް މި ދަނީ ގޯސްވަމުންނެވެ. ސްކޫލް ނިމޭ ގަޑި އާއި އޮފީސްތައް ފަށާ ގަޑިތަކުގައި ވަރަށް ބާރު ބޮޑެވެ. ސިނަމާލެ ބްރިޖުގައި ވެސް ހަފުތާބަންދާއި ދިމާކޮށް ޓްރެފިކްގެ ބާރު ބޮޑުވާ ވަގުތު އެބަ ދެއެވެ. މި ފަދަ ގަޑިތަކުގައި ދުއްވާ މީހުން އެއްވެސް ބަލައިލުމެއް ނެތި ލޭން ބަދަލު ކުރުން މިއީ އެކްސިޑެންޓްތަކާއި ޓްރެފިކްގެ މައްސަލަތައް ދިމާވުން އެކަށީގެންވާ ކަމެކެވެ. ކޮންމެ މީހަކުވެސް ދުއްވާއިރު މަގުމަތީގެ ގަވާއިދުތަކާއި އެއްގޮތަށް އެހެން މީހުންނަށް ވެސް ބަލައިގެން ދުއްވަންވީ އެވެ. އަދި ތިމާގެ ފަރިތަކަމަށްވުރެ އަނެއްމީހާގެ ސިހުމަށާއި އޭނާ މަގު މައްޗަށް ނުފަރިތަ ކަމަށް ވިސްނަންވީ އެވެ.
ޕާކިން: ސައިކަލް ޕާކް ކުރުމުގައި އިތުރަށް ދެން ޕާކުކުރާ މީހުނަށް ބަލައިލުމެއްނޯވެ އެވެ. އަދި ސައިކަލް ނެރޭނެ ޖާގަ ދިނުމެއްނެތި، އަދި މަގުމަތީގައި ހިނގާ މީހުންނަށް ވެސް ބެލުމެއްނެތި ޕާކުކުރުމުގެ އާދަ އޮތީ ވަރަށް ގޯސްކޮށެވެ. އަވަސް ބިޒީ ޝެޑިއުލެއްގައި އުޅެނީ ހަމައެކަނި ތިމާ ނޫންކަން ދަންނަން ޖެހެ އެވެ. މިފަދަ ގޮތްގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރު ވެއެވެ.
ކަފިހި ހުރަސް: ދިވެހިންނަށް ކަފިހި ހުރަހަކީ ކޯންޗެއްކަން އެނގޭހެންވެސް ހީނުވެއެވެ. ދުއްވާމީހުން އެއްވެސް ގޮތަކަށް ހިނގާ މީހުންނަށް ހުރަސް ކުރަން މަޑުކުރާތަނެއް ނުފެނެ އެވެ. ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މަގު ހުރަސް ކުރުމަށް ފުރުސަތު ދޭ މަންޒަރެއް ވެސް ނުފެނެއެވެ. މިގޮތަށް ކަންތައް ކުރާ ނަމަ ހިތާމަވެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.
އިސްރާފު ކުރުމުގެ އާދަ
ކެފޭތަކުން މިހާރު ކޮންމެ ގަޑިއެއްގައި ވެސް ބޮޑެތި ބުފޭތައް އޮވެއެވެ. މިއީ ދިވެހިން ގަޔާވާ ގޮތެވެ. ހެނދުނުގެ ނާސްތާއަށް ހާއްސަކޮށްފައި ހުންނަ ބުފޭއަކުން ދުވަސް ފަށައެވެ. އެއީ ބޮލަކަށް ވަކި ވަރެއް ދޭން ޖެހޭ ގޮތަށެވެ. އޭގެ މާނައަކީ މުޅި ބުފޭ ތައްޓަށް ލުމެއް ނޫނެވެ. ކާއެއްޗެހި އިސްރާފުނުވާ ވަރަށް އެޅުމަށް އާދަކުރަންވީ އެވެ. ތަށި ހުސްވުމުން އަލުން ގޮސް އެޅުމަކީ ހަޑި ކަމެއް ނޫނެވެ. އިސްރާފު ކުރުމަކީ މާ ހަޑި ކަމެކެވެ.
ކުދިން ބަލި ވިއަސް ސްކޫލަށާއި ޓިއުޝަނަށް ފޮނުވުން
އަބަދުވެސް ކޮންމެވެސް ކަހަލަ ވައިރަލް ފީވާއެއް ނުވަތަ ރޯގާއެއް އުޅޭވާހަކައަކީ އަހަރުމެން އަބަދު ވެސް އަޑު އަހާ ވާހަކަ އެވެ. ސްކޫލް ސީޒަނުގައި ރޯގާތައް ފެތުރޭލެއް އަވަސްކަމަށް ފާހަގަކުރެވޭނެ އެވެ. ތިމާގެ ދަރިއަކު މި ފަދަ ރޯގާއެއް ޖެހިއްޖެ ނަމ އެންމެ ރަނގަޅީ ގޭގައި ބައިތިއްބުމެވެ. އަދި ސްކޫލާއި އެހެން ކްލާސްތަކަށް ވިސްނުމަކާ ނުލައި ފޮނުވާނަމަ އެހެން ކުދިންނަށް ވައިރަސް އެރުމަށް މެދުވެރި ވެއެވެ.
އެކްސިޑެންޓްގައި ޒަހަމްވާ މީހާގެ ފޮޓޯ އާންމު ކުރުން
އެކްސިޑެންޓްވެ އަނިޔާވާ މީހާގެ ފޮޓޯ ސޯޝަލް މީޑިއާ އާއްމު ކުރަނީ އެއްވެސް ވިސްނުމަކާ ނުލައެވެ. އަދި މީހަކު އެފަދަ ނާޒުކު ހާލަތެއްގައި އޮއްވާ އެމީހާއަށް އެހީތެރިވުމުގެ ބަދަލުގައި ގޮސް އެމީހެއްގެ ފޮޓޯ ނަގައި ފޭސްބުކުގައި ވައިރަލް ކޮށްލައެވެ. މިގޮތަށް ތިމާއަށް ނުވަތަ ތިމާގެ އާއިލާ މީހާކަށް ވާން އެދެން ހެއްޔެވެ؟
ސޯޝަލް މީޑިއާގައި މީހުނަށް ހަޖޫ ޖެހުން
ސޯޝަލް މީޑިއާ ހާއްސަކޮށް ޓްވިޓާއަކީ މީހުނަށް ފުރައްސާރަ ކުރަން އޮންނަ ބޮޑު ޕްލްޓްފޯމަކަށް މި އޮތީ މިހާރުވެފައެވެ. ހަނދާން އެބަހުރި އެއްޒަމާނެއްގައި ދިވެހިންގެ މެދުގައި ޓްވިޓާރ މިއީ އަހަރުމެން ލަވަ ބާޒީ ކުޅެ އެކަކު އަނެކަކާއި ވަރަށް މަޖާކޮށް އުޅުނުތަނެކެވެ. މިހާރު އަބަދުވެސް މި ފެންނަނީ ކޮންމެވެސް ބަޔަކު އެކަކު އަނެކަކާއި ޖައްސާލާ، މަލާމާތްކޮށް ހަޖޫ ޖެހުމަށް އޮންނަ ޕްލެޓްފޯމެއް ގޮތުގައެވެ.
މަގުމައްޗާއި މޫދާއި ގޮނޑުދޮށަށް ކުނި އެޅުން
ގެއިން ނެރޭ ކުނި މަގުމަތީގައި ބަހައްޓަނީ އެއްވެސް ވިސްނުމަކައި ނުލަ އެވެ. ދުވާރު މަތީގައި ކުނި ބެހެއްޓުމުން މަގުމަތީގައި ހިނގާނެ ތަންކޮޅެއް ނޯވެ އެވެ. އަދި ނޯ ދަމާލަން ވެސް ނުކުރެއެވެ. ކޮންމެ މީހަކުވެސް ނުކުމެ އެމީހެއްގެ ގޭ ދޮށް ސާފުކޮށް ވީހާވެސް ކުނި މަދުކުރަންވީ އެވެ. އަދި މޫދާއި ގޮނޑުދޮށަށް އެއްގޮތަކަށް ވެސް ކުނި ނާޅާންވީ އެވެ.
މިއީ ބައެއް ނުރަނގަޅު އާދައެވެ. ކޮންމެ މީހަކުވެސް ދަންނަންވީ އެމީހަކީ ކަން ކަން ބަދަލުކޮށް އިސްލާހު ގެނެވޭނެ މީހެއް ކަމެވެ. ކުދި ކުދި ކަންތައް ބަދަލުކޮށްލައިގެން ވިސްނަންވީ ނުރަނގަޅު އާދަތައް ދޫކޮށްލުމަށެވެ.