ލައިފްސްޓައިލް

އަންހެން ރަހުމަތްތެރިން އަންހެނުންނަށް ހާއްސަވޭ!

އަންހެނެއްވެއްޖިއްޔާ އަންހެން ރަހުމަތްތެރިންތަކެއް ތިބުން ވަރަށް މުހިއްމެވެ. އަންހެނުން އެމީހުންގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ގޮންޖެހުމާކާ ކުރިމަތިލުމުގައި ވެސް އެންމެ ބޮޑު އެއް ސަޕޯޓް ސިސްޓަމެއްގެ ގޮތުގައިވެފައި ވަނީ އަންހެން އެކުވެރިންނެވެ.

ޖާނަލް އޮފް އޮންކޮލޮޖީގައި ޕަބްލިޝްކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން އާލީ ސްޓޭޖް އޮފް ބްރެސްޓް ކެންސާގައި ނުވަތަ އުރަމަތީ ކެންސަރުގެ ފުރަތަމަ މަރުހަލާގައި ތިބޭ އަންހެނުންނަށް އެމީހުންގެ އަންހެން ރަހުމަތްތެރިން ނެތިއްޖެނަމަ ކެންސަރުބަލީގައި އެ މީހުން ދުނިޔެ ދޫކުރުމުގެ ފުރުސަތު ހަތަރު ގުނައަށް ބޮޑެވެ.

މިއާ ހިލާފަށް ގިނަ ރަހުމަތްތެރިން ތިބޭ ނަމަ ކެންސަރު ބަލިން އަރައިގަތުމުގެ ފުރުސަތު ވެސް ބޮޑެވެ. އެ ދިރާސާގައި ދައްކާ ގޮތުގައި ރަހުމަތްތެރިން ދުރުގައި ނުވަތަ ގާތުގައިއި ތިބި ނަމަވެސް މިކަން ހިނގަނީ މިގޮތަށެވެ.

ނިއުޔޯކް ޓައިމްސްގައި ޝާއިއު ކުރި އާޓިކަލްއެއްގައިވާ ގޮތުން އަންހެނުން އެމީހުންގެ ދިރިއުޅުމުގައި ކޮންމެ އުނދަގުލަކާއި ވޭނަކާއި ކުރިމަތިލިއަސް އެކަމަކުން އަރައިގަތުމަށް އެހީތެރިވަނީ އެމީހުންގެ އަންހެން ރައްޓެހިންނެވެ. އަންހެން ރައްޓެހިން އެކި އެކި ކަންކަމުގައި ނަސޭހަތްތެރިވުމަށާއި އިމޯޝަނަލް ސަޕޯޓް ދިނުމަށާއި އެމީހުންގެ ސެލްފް އެސްޓީމް މަތި ކޮށްދެއެވެ.

އަދި އޮފީސް މާހައުލުގައިވެސް އަންހެން ރައްޓެހިން ގިނަ ނަމަ އޮފީހުގައި މަސައްކަތް ކުރުމުގައި ޕާފޯމަންސް ރަނގަޅުވެ އެވެ. އަދި އަންހެނުންގެ މެދުގައި އޮންނަ ވާދަވެރި ކަމުގެ ސަބަބުން ޕާފޯމަންސް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަން މަގުފަހި ވެއެވެ.

މީގެ އިތުރުން އަންހެންނުން ވަޒީފާގެ މާހައުލުގައި ދިމާވާ ސެކްޝުއަލް ހެރެސްމަންޓް ފަދަ ކަންކަމުގައި ވެސް އަންހެން މުވައްޒަފުންނާއި ރައްޓިހިންނާއި ހިއްސާ ކުރުމަށް ފަސޭހަވެ އެވެ.

އުމުރުން ދުވަސްވާ އިރު ދިރިއުޅުމުގައި ބިޒީވުމާއި ޒިންމާތައް އިތުރުވިއަސް އަންހެން ރަހުމަތްތެރިން ތިބޭނަމަ މީހާ ދުޅަހެޔޮކޮށް ދެއެވެ. އަންހެން އެކުވެރިންނާއެކު ވަގުތު ހޭދަކޮށް "ގާލްސް ނައިޓް އައުޓް" ހަދަންވީ މި ސަބަބުތަކާއި ހުރެއެވެ. އަދި ރަނގަލު ރަހުމަތްތެރިންތަކެއް ތިބުމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ސްޓްރެސް މަދުކޮށްދޭ ކަމެކެވެ. އެހެން ކަމުން އަންހެނުންނަށް ރަނގަޅު އަންހެން ރަހްމަތްތެރިންތަކެއް ހޯދުމުން ގިނަގުނަ ފައިދާތަކެއް ކުރެއެވެ.