ފޮރިން މިނިސްޓްރީ

ރާއްޖޭގެ ހާލަތު ބެލުމަށް ކޮމަންވެލްތްގެ ވަފުދެއް އައިސްފި

ރާއްޖެ އަލުން ކޮމަންވެލްތް އާ ގުޅެން ހުށަހަޅާފައި ވާތީ، ރާއްޖޭގެ މިހާރުގެ ހާލާތު ދެނެގަތުމުގެ ކޮމަންވެލްތުގެ ވަފުދެއް މިއަދު ރާއްޖެ އައިސްފި އެވެ.

ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް މިއަދު ވަޑައިގެން މިވަފުދުގެ އެންމެ އިސްކޮށް އުޅުއްވަނީ ހެޑް އޮފް އޭޝިޔާ ޕެސިފިކް އަދި އެޑްވައިޒަރު އެލްބާޓް މެރިނާ އެވެ. މިވަފުދަށް ރާއްޖެއިން މަރުހަބާ ވިދާޅުވީ، ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު އެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.

ކޮމަންވެލްތުގެ ވަފްދާއެކު މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވީ ރާއްޖެ ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި އޮތްއިރު ރާއްޖެ ގިނަގުނަ ފައިދާ ކުރި ކަމަށެވެ. އަދި މުހިންމު މަޝްވަރާތަކުގައި ރާއްޖެއިން ވެސް ބައިވެރިވަމުން ދިޔަ ކަމަށެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ގުޅުން ކަޑާފައިވާ މެދު އިރުމަތީގެ ގައުމުތަކާ އަލުން ގުޅުން ބަދަހި ކުރާނެ ކަަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން ސިޔާސީ ގުޅުން ކަޑާފައިވާ ގައުމުތަކުގައި ގަތަރު އަދި އިރާން ހިމެނެ އެވެ. ގަތަރު އަދި އިރާން އަކީވެސް ރާއްޖޭއަށް އެކި ރޮނގުތަކުން އެހީވެދީފައިވާ ދެ ގައުމެވެ.