ވިޔަފާރި

އުރީދޫގެ 88 ޕަސެންޓް ސާފު ފައިދާ ބަހަން ހުށަހަޅައިފި

Jan 30, 2019

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ 88 ޕަސެންޓް ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ ބޯޑުން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަށް 3.22ރ. ނުވަތަ އުރީދޫ މޯލްޑިވްސް ގުރޫޕުގެ 88 ޕަސެންޓް ސާފު ފައިދާ ބެހުމަށް ހިއްސާދާރުންނަށް ލަފާ ދިނުމަށް އިއްޔެ ބާއްވާފައިވާ ބޯޑު ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުން ނިންމާފައިވާ ކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑުގެ ލަފާގެ މަތިން ހިއްސާގެ ފައިދާގެ ގޮތުގައި 3.22ރ. ބަހަން ނިންމި ނަމަވެސް، މިކަން ރަސްމީކޮށް ނިމިގެންދާނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއިން ހިއްސާދާރުން އެގޮތަށް ފާސް ކޮށްގެންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެ ކުންފުނިން ބުނީ މި އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް އަންނަ ފެބްރުއަރީ 15 އިގެ ނިޔަލަށް ވެބްސައިޓުގައި އާންމުކޮށް ޝާއިއުކުރާނެ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމުގެ ގޮތުން އުރީދޫން ހިއްސާ ވިއްކާފައިވަނީ 2017 ވަނަ އަހަރު އެވެ. ހިއްސާ ވިއްކަން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 8219 ހިއްސާދާރުންނަށް 14،044،870 ހިއްސާ (ޖުމްލަ 421،346،100 ރުފިޔާ) ވަނީ ލިބިފަ އެވެ. މިއީ ދޫކުރި ހިއްސާގެ 9.5 ޕަސެންޓެވެ.


އުރީދޫން ހިއްސާއެއް ވިއްކީ 30 ރުފިޔާގެ ގެ ރޭޓުނެވެ. ފުރަތަމަ ވިއްކަން ހުޅުވައިލީ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ އެވެ. އަދި ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށް ވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހައިފިނަމަ ގިނަވެގެން 40 ޕަސެންޓް (59,120,160 އާންމު ހިއްސާ) ގަނެވޭ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިޔަ އެވެ.