ވިޔަފާރި

ދިގުރަށް ރިސޯޓަށް މުވައްޒަފުން ހޯދަން އަންނަ މަހު މާލެއަށް

Jan 30, 2019
5

ގއ. ފަޅުމާފުށީގައި އޮންނަ ދަ ރެސިޑެންސް އާއި ދިގުރަށް، ދިގު ބްރިޖަކުން ގުޅުވާލައިގެން ހަދާ ރިސޯޓަށް މުވައްޒަފުން ހޯދުމުގެ ހަރަކާތް އަންނަ މަހު ދޭއްގައި މާލޭގައި އޮންނާނެ އެވެ.

ދިގު ބްރިޖަކުން ގުޅުވާލައިގެން ދަ ރެސިޑެންސް ބައި ސެނިޒާރޯގެ ނަމުގައި ހަދާފައިވާ ދިގުރަށް ހުޅުވަން ވާއިރަށް އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދަން މާލޭގައި ކުރިއަށް ގެންދާ "ވޯކް އިން އިންޓަވިއު" އޮންނާނީ ސޯޝަލް ސެންޓަރުގައި އަންނަ މަހުގެ ދެ ވަނަ ދުވަހާއި ތިން ވަނަ ދުވަހު އެވެ.

މި ދެ ދުވަހުގައި ކުރިޔަށް ދާނީ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށް އަދި މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

އެ ރިސޯޓުން ބުނީ މި އިވެންޓަށްދާ މީހުން ސީވީ އާއި ފަހުގެ ފޮޓޯއެއް ގެންދެން ޖެހޭނެ ކަމަށެވެ.

ދަ ރެސިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓުން ބުނީ މި ރިސޯޓު ހުޅުވަން ވާއިިރަށް 400 އަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާ ކަމަށާއި އެ ރަށުގެ މަގާމުތަކަށް ބޭނުންވަނީ ވީހާވެސް ގިނަ ދިވެހިން ކަމަށެވެ.

މި ރިސޯޓު ހުޅުވަން ތައްޔާރުވަމުން އަންނަ އިރު މިއީ ރާއްޖޭގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު އެއް ރިސޯޓަށް ވާނެ އެވެ. އެގޮތުން ދިގުރަށުގައި ހަދާ ރިސޯޓުގައި 173 ވިލާ ހުންނާނެ އެވެ. އަދި ބްރިޖުން ހުޅުވާފައިވާ ފަޅުމާފުށީގައި 94 ވިލާ ހިރެ އެވެ. މީގެ އިތުރުން ދިގުރަށުގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ވެސް ހިމެނެ އެވެ.

މި ރިސޯޓުގައި ޑައިނިން ރޫމް އާއި ލި ބައި، ޗައިނީސް ކެއުންތަކަށް ހާއްސަ ސިގްނޭޗާ ކެންޓޮނީސް ރެސްޓޯރަންޓުގެ ނަން ދީފައިވާ ރެސްޓޯރަންޓެއް ވެސް ހުރެ އެވެ. މީގެ އިތުރުން 42 މީޓަރުގެ އިންފިނިޓީ ޕޫލަކާއި މޫދު ކުޅިވަރުތަކަށް ހާއްސަ ސެންޓަރެއްގެ އިތުރުން ޖިމްވެސް ހުރެ އެވެ.