ވިޔަފާރި

މި އަހަރު ހުޅުވި 12 ރިސޯޓުން 2،828 އެނދު އިތުރުވެއްޖެ

ރާއްޖޭގައި މި އަހަރުގެ މިހާތަނަށް ހުޅުވި 12 ރިސޯޓުން ޓޫރިޒަމް ސިނާއަތަށް 2،828 އެނދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އަވަސް ހިއްސާކުރި މައުލޫމާތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 12 ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މިއާއެކު ރާއްޖޭގެ ރިސޯޓުތަކުގެ އަދަދު ވަނީ 158 އަށް އަރާފަ އެވެ. އަދި ރާއްޖޭގައި މިހާރު ޖުމްލަ 35،846 ޓޫރިސްޓު އެނދު އެބަހުއްޓެވެ.

ހުޅުވާފައިވާ ރިސޯޓުތައް

  • ދެ ނެޓުލަސް މޯލްޑިވްސް (ބ.ތިލަދޫ)
  • ފާރުފުށި މޯލްޑިވްސް (ރ. ފާރުފުށި)
  • ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް (ރ. އުތުމާފަރު)
  • ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް (ގއ. ދިގުރަށް)
  • އިންނަހުރާ މޯލްޑިވްސް (ޅ. އިންނަހުރާ)
  • ބަގްލޯނީ ރިސޯޓް މޯލްޑިވްސް (ދ. މާގު)
  • ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް (ކ. އިތާފުށި)
  • ރިއޫ އެޓޯލް އެންޑް ރިއޫ ޕެލްސް މޯލްޑިވްސް (ދ.މާފުށި އަދި ކެދިގަނޑު)
  • ސައި ލެގޫން މޯލްޑިވްސް (ކ. އެނބޫދު ފަޅު)
  • ހާޑްރޮކް ހޮޓެލް މޯލްޑިވްސް (ކ. އެނބޫދޫ ފަޅު)
  • އެމްރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ (ރ. ފެސްދޫ)

މި އަހަރުގެ މިހާތަނަށް ހުޅުވި ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނަ ރިސޯޓު ހުޅުވާފައިވަނީ މާލެ އަތޮޅުގަ އެވެ. މި އަތޮޅުގައި މި އަހަރުގެ މިހާތަނަށް ތިން ރިސޯޓެއް ވަނީ ހުޅުވާފަ އެވެ. މާލެ އަތޮޅުގައި ހުޅުވާފައިވަނީ ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސްގެ އިތުރުން އެނބޫދޫ ފަޅުގައި ހުޅުވި ސައިލެގޫން މޯލްޑިވްސް އާއި ހާޑްރޮކް ހޮޓެލް މޯލްޑިވްސް ރިސޯޓެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ރިސޯޓު ހުޅުވާފައިވަނީ ރ. އަތޮޅުގަ އެވެ. މި އަތޮޅުގައި ހުޅުވާފައިވަނީ ފާރުފުށި މޯލްޑިވްސް އާއި ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް އާއި ރ. ފެސްދޫގައި ހުޅުވި ރިސޯޓެވެ.

މި އަހަރު ހުޅުވި ރިސޯޓުތަކުގެ ތެރެއިން އެންމެ އެނދު ގިނަ ރިސޯޓަކީ ދ. އަތޮޅުގައި ހުޅުވި ރިއޫ އެޓޯލްސް އާއި ރިއޫ ޕެލްސް މޯލްޑިވްސް އެވެ. ގުޅިފައިވާ މި ދެ ރަށުގައި ޖުމްލަ 880 އެނދު ހުރެ އެވެ. އަދި ދެވަނަ އަށް އެންމެ އެނދު ގިނަ ގއ. ގައި ހުޅުވި ދިގުރަށް ރިސޯޓުގައި 254 އެނދު ހުރެ އެވެ.