ވާހަކަ

ބޭނުންވަނީ ޔާރާ

(28 ޖެނުއަރީ 2019 އާ ގުޅޭ)

ހިމަފޮދު ވާރޭގެ ތިކިތައް މަންހާގެ އަތުގައި މަޑުމަޑުން ބޮސްދޭންފެށިއެވެ. ދެން މާގިނައިރެއްނުވެ ވާރޭ ބޯކޮއްލަފާނެހެން ހީވުމާއިއެކު މަންހާ އޭނަގެ ކޮޓަރިއަށްވަނެވެ. އޭރުވެސް އެއްވަރަކަށް ވައިރޯޅިތަށް ދޮރުފޮތިތަކާއި އެކު ނަށަމުންގެންދެއެވެ.

ފާހާނާއިން ފެންވަރާލައިގެން ނުކުތް ވިޝާލްއަށް ބޯކޮށްވެހެންފެށި ވާރޭގެ އަޑުކޮންމެވެސް ވަރަކަށް އިވުނެވެ. އޭނަ އަވަސް އަވަހަށް ބިއްލޫރި ދޮރުދެފަރާތަށް ކަހާލިއެވެ. އެހިނދު ވައިރޯޅި އާއިއެކު ދޮރުފޮތިތައް އެއްވެސް ހިފެހެއްޓުމެއްނެތި ނަށައިގަތްއިރު ހީވީ ބަންދުވެފައިވާ ކޮއްޓަކުން ދޫންޏެއް ނެރިދޫކޮއްލީހެންނެވެ. މިނިވަންކަމާއިއެކު ޖެހެމުންދިޔަ ވައިރޯޅިއަށް ބަނޑި ބަނޑި ލައްވަމުންދިޔައިރު ވާރޭތިކީގެ އަޑުތަކުން ފަޒާގައި ހީވަނީ މިއުޒިކެއް ކުޅޭހެންނެވެ. ވިޝާލް ދޮރުން ބޭރަށް ބެލްކަންޏަށް ކުޑަކޮށް ނުކުމެލިއެވެ. އެކަމަކު ވެހެމުންދިޔަ ވާރޭ ވަޔާއިއެކު ބެލްކަނީގެ ބޮޑުބަޔަކަށް ވިއްސަމުންދާތީ ބެލްކަންޏާ ގާތްވާކަށް ވިޝާލްއަކަށް ނުކެރުނެވެ. އެހެންނަމަވެސް އެހިތްގައިމު ކަމުގެ ތެރެއަށް ގެއްލިހުރެ އެކަމުގެ އުފާ ލިބިގަންނަމުން ދިޔަ ވިޝާލްގެ ހިތުން ކުއްލިއަކަށް އެހެންޏާ ނުޖަހާކަހަލަ ވިންދެއް ޖަހާލީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ. އަވަހަށް މޭގައި ހިތްއިންނަ ދިމާލުގައި އަތްއަޅާލެވުނެވެ. ހައިރާންވިއެވެ. އެއީ ކޮންފަދަ ޖާދުވީ އަޑެއްހެއްޔެވެ. ތިންކޮޓަރި ޖެހިޖެހިގެން ހުރިއިރު ކޮންމެ ކޮޓަރިއަކުންވެސް ނުކުމެވެން އިނީ ހަމަ އެއްބެލްކަންޏަކަށެވެ. ވިޝާލް އަޑު އަންނަ ދިމާލަށް ބަލާލިއެވެ. އެޖާދުވީ އަޑު އަންނަނީ އޭނަގެ ކޮޓަރި އާއި އެއްކޮޓަރި ދޫކޮއްހުރި ކޮޓަރިންނެވެ. ވިޝާލްއަށް މަޑުމަޑުން އެދިމާލަށް ދެވެން ފެށުނެވެ.

"ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ހީވޭ އިނގޭ ގާތަށް މަގޭ، އާދޭ ކަލާ......
ހާދަފަރި ހިނިތުންވަނީ، މޭގައޮވެގެން ހިތްރޮނިއްޏޭ،
ހާދަ ކައިރީގާ ހުރީމޭ، ލޯބިވާވަރު ނޭގެނީހޭ......
ލޯބިން މިރޭ އާދޭ، ބޭނުންވަނީ އާދޭ،
ހީވޭ އިނގޭ ގާތަށްމަގޭ، އާދޭ ކަލާ.....
ބޭނުންވަނީ ޔާރާ، ލޯބިން ބަލާލީމާ،
ހީވޭ އިނގޭ ގާތަށް މަގޭ، އާދޭ ކަލާ....."

ވިޝާލް އެ ކޮޓަރިއާ ކައިރިވަމުން ދިޔަވަރަކަށް ކޮޓަރީގެ ދޮރުފޮތިތަށް ވަޔާއިއެކު ވިހުރެވެމުންދިޔަތަން ފެނުނެއެވެ. ކަހާލާފައިހުރި ބިއްލޫރި ދޮރުގެ އެއްފަރާތެއްގައި ވިޝާލް ލެނގިލިއެވެ. އެއަންހެން ކުއްޖާއަށް ލިބިފައިއެވަނީ ކޮންފަދަ އަޑެއްހެއްޔެވެ. ވެހެމުންދިޔަ ވާރޭވެސް ހީވަނީ އެއަންހެން ކުއްޖާ ކިޔަމުންދިޔަ ލަވަޔާއި އެއްވަރަށް މިއުޒިކު ކުޅެމުންދިޔަހެންނެވެ. ވައިރޯޅި އާއިއެކު ހިއްލިލާ ދޮރުފޮތިތައްވެސް ހީވަނީ އެއަޑައި ލަވައިގެ ހަމަތަކާއި އެއްވަރަށް ބަނޑި ބަނޑި ލައްވަމުން ދާހެންނެވެ. ވިޝާލްއަށް އޭނަގެ ދަތްދޮޅީގައި އަތް ހާކާލެވުނެވެ. އަދި އަމިއްލައަށް ރަކިގޮތަކަށް ހިނިތުންވެލިއެވެ.

"މަންހާ....." ވިޝާލްއަށް މަންހާގެ ނަން ކިޔާލެވުނެވެ.

ވިޝާލްއަށް ދެލޯމަރާލެވުނީ މަންހާގެ ރީތި ޖާދޫއެއްފަދަ އަޑުން ކިޔަމުންދިޔަ ލަވައިގެ ތެރެއަށް އޭނަގެ މުޅި ހަށިގަނޑުވެސް ދޫކޮއްލަން ބޭނުންވީތީއެވެ. ހިތުގެ އެންމެ ހިމަނާރާވެސް އެއަޑު ކުޅެލައިފިއެވެ. އަދި ކިޔަމުން ދިޔަ ލަވައިގެ ބަސްތައް ރައްދުކުރަމުން އެދަނީ ކާކައްބާއޭ ވިޝާލް ހިތަށް އަރަމުންދިޔައެވެ. އެތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ މެރިފައިވާ ދެލޮލުން މަންހާގެ ސޫރަ ފެނުނީމައެވެ. ދޮރުމަތީގައި އޭނައަށް ބަލަހައްޓައިގެން ހުރިގޮތް ސިފަކުރެވިގެން ދިއުމުންނެވެ. މެންދަމުގެ ހަމަހިމޭން ވަގުތެއްގައި ވިޝާލް މިގޮތަށް އަންހެން ކުއްޖެއްގެ އަޑުގެ ފަހަތުން ނުދެއެވެ. އެކަމަކު މަންހާގެ އަޑުއިވުމާއިއެކު އެދިމާލަށް ދެވުނީ އެއްވެސް އިޙްތިޔާރަކާއިނުލައެވެ. ދޮރުގައި ލެނގިލައިގެން ހުރި ވިޝާލް ހިޔާލުތަކުގެ ތެރެއަށް ވަންނަމުން ގޮސް ދޮރުގައި ހިފާލެވުމާއިއެކު އޭނަގެ އަތުގައި އަޅާފައި އޮތް ޗޭނުކޮޅު ބިއްލޫރިގަނޑުގައި ޖެހުނު އަޑުއިވިގެންދިޔައެވެ. އެވަގުތު އެކޮޓަރީގައި ހުރި މަންހާ ސިއްސައިގެން ގޮސް ލަވަކިޔުން ހުއްޓާލިއެވެ. ހަމަ އެއާއެކު ވިޝާލްވެސް ސިއްސައިގެން ގޮސް އޭނަގެ ކޮޓަރި އާއި ދިމާލަށް ދުއްވައިގަނެއްޖެއެވެ.

ތެޅި ތެޅި އޮތް ހިތަކައިގެން ދުވެފައި އައިސް ކޮޓަރިއަށްވަދެ އަވަސް އަވަހަށް ދޮރުފަތް ދަމާލަމުން ލައްޕާ ތަޅުލިއެވެ. އަދި ދޮރުފޮތިތައް ރީތިކުރަން ފެށިއެވެ. ކޮޓަރިތެރެ ނުފެންނާނެކަން ޔަގީން ވުމުން އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެއާއެކު ހޭން ފެށިއެވެ. އޭނަގެ މޮޔަކަމާއި ހެދިއެވެ. އޭނަގެ އަމިއްލަ ނަފްސު އެހާ ފަސޭހައިން ކޮންޓްރޯލުން ނެއްޓުނީތީވެސްމެއެވެ.

މަންހާ އަވަސް އަވަހަށް ބޭރު ބަލާލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ބެލްކަންޏަށް ބަލަހައްޓައިގެން އޭނަ އިރުކޮޅު ހުއްޓެވެ. މީހެއްގެ ހިލަމެއް ވިކަން އޭނައަށް ޔަގީނެވެ. އެކަމަކު މިހާރު ފެންނަން ނެތީ އޭނަ ކޮންތާކަށް ދިޔައީ ބާއޭ މަންހާގެ ހިތަށް އެރިއެވެ. އަނެއްކާ ވިޝާލް ޖެހިގެން ހުރި ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއެއްގައި އުޅެނީ ބާއެވެ. އެހެންނަމަވެސް ވިޝާލް އެކޮޓަރިއަކަށް ނާންނާނެއެވެ. މަންހާވެސް އަމިއްލައަށް ހިނިތުންވެލަމުން ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި އެއްޗެހި ބަދަލުކޮއްލުމަށްފަހު އޭނަވެސް ނިދަން އޮށޯތީއެވެ.

ދެފަރާތަށް ފުރޮޅި ފުރޮޅިވެސް ވިޝާލްއަށް ނިދޭގޮތެއް ނުވިއެވެ. ހަމަ ނިދިޖެހޭ އިރަށް ހީވަނީ އެރީތި އަޑުން ލަވަކިޔާ އަޑު އިވޭހެންނެވެ. އޭރުވެސް ވާރޭ ވެހެމުންދިޔައެވެ. ވައިވެސް ދިޔައީ ބާރުވަމުންނެވެ. އެއަށްވުރެ ވިޝާލްގެ ހިތުގައި އުފެދެން އުޅޭ ތޫފާނުގެ ވައި މާބާރެވެ. އަދިވެސް އެއަޑު އަހާލަން އޭނަ ބޭނުންވަނީއެވެ. ކިތަންމެ ވަރަކަށް އަޑުއިވުނަސް އެއަޑުގައި ފޫހިކަމެއް ނުވާނެކަން ވިޝާލްއަށް ގައިމުވެއެވެ. މީގެ ކުރިން ދުވަހަކުވެސް އަންހެން ކުއްޖަކު ލަވައެއް ކީއަޑު އިވިގެން މިވަރެއް ނުވެއެވެ. ވީއިރު މަންހާގެ އަޑުގައި އެވަނީ ކޮންކަހަލަ ހާއްޞަކަމެއްހެއްޔެވެ.

އެނދުކައިރީގައި ހުރި ސައިޑް ޓޭބަލްގެ މަތީއިން ކުޑަކުޑަ ގަޑި ސޯނާވާން ފެށުމުން މަންހާ ބާލީސް ނަގާ ބޮލުގައިއަޅައި ކަންފަތް ފޮރުވާލަން މަސައްކަތްކުރިއެވެ. ނިދީގެ އަސަރު އެކުލެވިގެންވި ދެލޯ ނުހުޅާވޭތޯ މަންހާ މަސައްކަތްކުރިއެއްކަމަކު އޭނައަށް ތެދުވަން މަޖުބޫރުވިއެވެ. މަޑުމަޑުން ސައިޑް ޓޭބަލް މަތީގައި އިން ލައިޓުޖައްސާލުމާއިއެކު މަންހާ ގަޑީގެ ސޯނާ ނިއްވާލުމަށްފަހު ގަޑި ބަލާލީ އަދިވެސް ޔަގީންކޮއްލާށެވެ. އާއެކެވެ. ފަތިސް ނަމާދުގެ ވަގުތު ޖެހުނީއެވެ. މައިންބަފައިން އޭނައަށް އާދަކޮއްދީފައިވާ އިސްލާމްދީނުގެ ފަރުޟުތަކަށް ފަރުވާކުޑައެއް ނުކުރާނެއެވެ. އެހެނީ މިއަދު އޭނަގެ ހާލު މޮޅަށް ދެނެވޮޑިގެންވަނީ ޢާލަމްތަކުވެރި ރަސްކަލާނގެ ކަމުގައި ވީތީއެވެ.

އުޅާހަށް ދެމެމުން އެންމެ ކުރިން ފާހާނާއަށް ވަނުމުގެ ކުރިން މަންހާ ދިޔައީ ބެލްކަންޏަށް ނުކުންނަން ހުރި ދޮރާދިމާލަށެވެ. ފަރުދާކުޑަކޮށް އެއްފަރާތްކޮއްލަމުން ބޭރު ބަލާލިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. އެމަންޒަރުފެނިފަވެސް މަންހާއަށް ހީވީ އިތުރަށް އެހަށިގަނޑަށް ފިނީގެ އަސަރުކުރިހެންނެވެ. އަވަސް އަވަހަށް މާރބްލްސް ތަޅުމުގައި ފައިގެ އިނގިލިތަކުގެ ކޮޅުޖައްސަމުން މެޔާދިމާލުން އަތްހުރަސްކޮއްލާ ހަޝަމްބަނދެލީ ފިނިން ސަލާމަތްވުމަށެވެ. އޭނަ އަވަހަށް ގޮސް ފާހާނާއަށް ވަދެ ތާފަނާކަން ހުންނަވަރަށް ފެން ހޫނުކޮއްލިއެވެ.

ފަތިސް ނަމާދު ކޮއްލައިގެން މަންހާ އޭނަ ކުރަން ފަށާފައި އަދި ނުނިންމާހުރި މަސައްކަތް ނިންމުމަށް އަވަސްވެގަތެވެ. އެހެންނަމަވެސް ކުޑައިރުއްސުރެ މަންހާގެ ދުވަސް ފެށިގެން ދަނީ ފަތިސްނަމާދަށްފަހު އޭނައަށް މަންމަ ވަސީމާގެ އަތުން ހަދާދޭ ކިރުތަށިންނެވެ. މޫސަ އާއި ނާޒިޔާ ފަދަ ހުލްގު ހެޔޮ އޯގާތެރި ބައެއްގެ ގާތުގައި ހުއްޓަސް މަންހާ އޭނަގެ މައިންބަފައިންގެ މަތިން ހަނދާންވެއެވެ. އޭނައަށް އެކިކަންތައްތަކުގައި އެހީވެދޭ ބޭބެތައްމަތިންވެސް ނުހަނު ހަނދާންވެއެވެ. މަންހާ އެކިހިޔާލުގައި ހުރެ ކޮޓަރިން ނުކުތީ ކާކޮޓަރި އާއި ދިމާލަށް ދިއުމަށެވެ.

"ކޮއްކޯ، މޯނިންގ......މިލްކް ގްލާސް ބޭނުން" ދިވެހިބަސް ފަސޭހަކަމާއިއެކު ދެނެގަންނަން އެނގުނެއް ކަމަކު އަދިވެސް ދިވެހިބަހުން ވާހަކަދެއްކުމުގައި އައިނީގެ ކޮށިކަމެއް ހުރެއެވެ.

"ޔެސް ޕްލީސް....އައި ހޭވް އަ ބިގް ޕްރޮޖެކްޓް ޓު ފިނިޝް" މަންހާ ކާމޭޒުދޮށުން ދަމާލި ގޮނޑީގައި އިށިންނަމުން ބުނެލިއެވެ.

އައިނީ އަވަސްވެގަތީ މަންހާއަށް ކިރުތަށި ހަދާދިނުމަށެވެ. އެވަގުތުކޮޅުގަވެސް އައިނީ އާއި މަންހާ އާއިދެމެދު އެކި ވާހަކަ ދެކެވުނެވެ. އެގޭގައި ގެންގުޅޭ މީހުންނާއި މަންހާއާއި ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅެވެ. އެހެނީ މަންހާއަށް އެގޭތެރެއިން ފެންނަ އެންމެ ރަނގަޅު އެއްސިފައަކީ އެއެވެ. މޫސަމެންގެ ދެމަފިރިންވެސް ގޭގައި ގެންގުޅޭ މީހުންނަށް ކަންތައްކޮއްދޭލެއް ހެޔޮކަމެވެ. އެމީހުންނާއި ދޭތެރޭ ތަފާތުގޮތެއް ނުބެހެއްޓިކަމުގައިވިޔަސް ނީލް އާއި އައިނީ އެމީހުންނީ އެގޭގައި ގެންގުޅޭ މީހުންކަން ހަނދާންނައްތައެއްނުލައެވެ. ގޭގެވެރިންނަށް އިޙްތިރާމް ކުރުއެވެ.

"އޯ ނޯ.....މާގިނައިރު މިނިދުނީ...." ކުއްލިއަކަށް ފުންމައިގެން ތެދުވެ އެނދުގައި އިށިން ވިޝާލްއަށް ސައިޑް ޓޭބަލްމަތީ އޮތް އޭނަގެ އަތުކުރީ ގަޑި ނަގާ ބަލާލެވުނެވެ. ލޮލުގައި ދެއަތް ހާކާލުމަށްފަހު ތެދުވެގެން ގޮސް ބެލްކަންޏަށްވީ ފަރާތުގެ ދޮރުފޮތި ގަނޑު ކަހާލިއެވެ. އެއާއެކު ކޮޓަރި ތެރެއަށް ފަޑުފަޑު އަލިކަމެއް ވެރިވެގެންދިޔައެވެ. ދޮރުއެއްފަރާތަކަށް ކުޑަކޮށް ކަހާލުމާއިއެކު ފިނިފިނި ވައިރޯޅިތައް ކޮޓަރިތެރެއަށް ވަދެގެން ދިޔައެވެ. ހީވީ ވިޝާލްގެ އެރީތި ފިރިހެންވަންތަ ހަށިގަނޑިގައި ބީހިލުމަށް ކެތްމަދުވެފައިވާހެންނެވެ. ވިޝާލް ތުރުތުރު އަޅާލުމާއިއެކު އަލުން ދޮރުލެއްޕިއެވެ.

ފަޒާގައިވަނީ ތެތްފިނިކަމެވެ. އަދިވެސް ތުނު ތުނިކޮށް ވާރޭ ވެހެމުންދިޔައެވެ. މަންހާ އޭނަގެ ފޮތްތަކާއި ކުރެހުންތަކެއް ލާފައިވާ ތިން ޕޯސްޓަރ ޓިއުބު ކޮނޑުގައި އަޅުވާލައިގެން ގޭގެ ދޮރު ކައިރީ މަޑުކޮއްލައިގެން ހުރީ ނީލް ކުޑަ ހިފައިގެން އަންނަންދެންނެވެ.

"މަންހާ، ކޮއްކޮ ނިމުނީމަ ކޮންމެވެސް ގުޅައްޗޭ، ނީލް ފޮނުވާނަން ކާރުގަ ޔުނިވަރސިޓީ ކައިރިއަށް، ކުއްލިއަކަށް ހާދަ ވިއްސާރަވެސް ވެއްޖެއޭ ދޯ" ނާޒިޔާ ކަންބޮޑުވުމާއެކު ދޮރުން ބޭރަށް ބޯދިއްކޮއްލަމުން އުޑުމަތި ބަލާލިއެވެ.

"ލެޓްސް ގޯ" ނީލް ބޭރަށް ނުކުމެ ކުޑަހުޅުވާލަމުން ބުނެލިއެވެ.

މެންދުރުގެ ކެއުމުގައި މޫސަމެންނާއިއެކު މިއަދު ވިޝާލްވެސް ބައިވެރިވިއެވެ. އެދެމީހުންގެ މޫނުމަތިން އިންތިހާ ދަރަޖައިގެ އުފާވެރިކަން ފެންނަން ހުއްޓެވެ. އެދެމަފިރިންގެ އެކަނިވެރިކަން ފިލާދިޔަފަދައެވެ. ވިޝާލް ކާމޭޒުމަތީ ހުރި ތަފާތު ވައްތަރުގެ އެއްޗެހި އަޅާފައިވާ ތަށިތަކަށް ނަޒަރު ހިންގާލިއެވެ. ދުވާމީރުވަހުން އޭނަގެ ބަނޑުން އަޑުކިޔާލީ ބަނޑުހައި ވެއްޖެކަން އަންގާދިނުމުގެ ގޮތުންނެވެ.

"ޒިޔާ އެސޮރަށް އަވަހަށް ކާން އަޅާދީ، ވަރަށް ބަނޑުހައި ވެފަ ކަންނޭގެ އޭނދީ" މޫސަ އޭނަގެ ވާތްފަރާތުގައި އިން ވިޝާލްއަށް އިސްކަން ދިނުމަށް އެދުނެވެ.

"ބޮޑު ބައްޕާ، ތުއްތަ ކޮންއިރަކުންތަ ދެން ގެއަށް ފޮނުވާނީ؟" ވިޝާލް ސުވާލުކުރީ މޫސަ އާއި ނާޒިޔާގެ އެންމެ ހަގުދަރިފުޅު ޖެނީ އާއި ބެހޭގޮތުންވެ.

"ހަމަ އެއްގޮތަކަށްވެސް ނޭގެ، އެތަނުގަވެސް އުޅެނީ ހިފިނުހުރެވިގެން، އެތަށް ފަހަރެއްގެ މަތިން މަރުވާންވެސް އުޅެފި، ހިތުގައި އީމާންތެރިކަމުގެ ކަންފުޅެއްވެސް އެމަންޖެގެ ނެތް، އެހެރަ ކިޔާ ހުތުރު އެއްޗެހި........" މޫސަ ދެފަރާތަށް ބޯހޫރުވާލިއެވެ.

"ބޮޑުބައްޕާ، އަޅުގަނޑު އެއްފަހަރު ތުއްތަ ދެކިލަން ދިޔަޔަސް އެންމެ ރަނގަޅުތޯ؟ ވަރަށް ހަނދާންވޭ ދޮންތަ އާއި ތުއްތަ މަތިން، ހިތަށް އަރާ ޢާއިލާ އެއްކޮށް މިގޮތަށް ކާން އެރޭނީ ކޮންދުވަހުންބާއޭ، އަޅުގަނޑުވެސް ވަރަށް ހިތަށް އަރާ ކީއްވެ ބާއޭ ތުއްތަ އެހާ ގޯސްވީ......" ވިޝާލް އުލާ ސަމްސާ ބަތްތައްޓަށް ލަމުން ބުނެލިއެވެ.

"ކީއްކުރާނީ ދަރިފުޅާ، މީ އަހަރުމެންނަށް މިއަދު މިންވަރު ކުރެއްވިގޮތް........ބޮޑުބައްޕަ ނުބުނާނަން ޖެނީ ދެކިލަން ދަރިފުޅު ނުދާށެކޭ، ދަރިފުޅު ދާހިތްވަންޏާ ދިޔަޔަސް އެންމެ ރަނގަޅު" މޫސަ ބުނެލިއެވެ.

"ދަރިފުޅު ޔޫކޭގަ އުޅުންއިރު ޖުމާ ދޮންތަގެ ހަބަރެއް ހަމަނުވޭތަ، ދަރިފުޅު ނުދަންދޯ އެގެއަށް" ނާޒިޔާ ޖުމާގެ ހާލު އެނގެން ބޭނުންވިއެވެ.

"ނޫން، ބޮޑުމަންމައަށް ހީވޭތަ އަޅުގަނޑު އެގެއަށް ނުގޮސް ހުންނާނެހެން، އެކަމަކު މިހާރު ދޮންތަ ވަރަށް ތަފާތު، އަޅުގަނޑު ދޮންތަ ދެކިލާހިތުން އެގެއަށް ދިޔައީމަވެސް އެހާ ވާހަކައެއް ނުދެއްކި، ދެން އޭގެ ފަހުން ނުކެރުނު ދާކަށް އެގެއަށް، ދޮންތަ ހިޔާލެއް ނުކުރޭ އަހަރުމެންގެ ގާތަށް އަންނާކަށް......." ވިޝާލްގެ ވާހަކަ މެދުކަނޑާލީ ނާޒިޔާއެވެ.

"އޭނަގެ ހާލު ކިހިނެތްތައް، ފިރިމީހާ ރަނގަޅުތަ، އަޅެ ބޮޑުމަންމައަށް ދޮންތަގެ ދަރިފުޅުގެ ފޮޓޮއެއް ގެނެސްދިންނަމަ، ބޮޑުމަންމަ ހާދަ ބަލާލާހިތުންނޭ މިހުންނަނީ" ނާޒިޔާ ކުލުނުން ފުރިގެންވާފަދަ ގޮތަކަށް ބުނެލިއެވެ.

"ބޮޑުމަންމާ، ދޮންތަ ބުނި މަންމައަށް އެނގޭނެއޭ ދޮންތައަށް ދަރިއަކު ލިބުނުކަން، އެއިޑެން ވަރަށް ލޯބި، އޭނަގެ ބައްޕަހެން ހީވަނީ، ތަފާތެއްވެސްނެތް، ދޮންތަވެސް ދޮންތަގެ އަމިއްލަ ލައިފްގަ އުފާވެރިހެން އަޅުގަނޑަށް ހީވަނީ، ދޮންތަގެ ފިރިމީހާ ގޯހެއްނޫން.......ބޮޑުމަންމަ ގޮސްލަންވީނު ދޮންތަގެ ގާތަށް، އޭރުން ފަހަރެއްގަ ތަފާތުވެސް ވެދާނެ ކަންނޭގެ" ވިޝާލް އޭނަގެ ހިޔާލު ފާޅުކުރިއެވެ.

"ނޫން، ނުދެވޭނެ، އަހަރެން ޖުމާގާތު އެކަމަށް އެދުމުން އޭނަ އިންކާރު ކުރި، އޭނަ އަހަރުމެން އެކަކުވެސް ބޭނުމެއްނުވޭ، އަހަރެންގެ ގާތު ކުއްޖަކު ލިބުނު ވާހަކަ ބުނި، އެކަމަކު ފޮޓޯގަނޑެއްހާ ހިސާބުވެސް ނުފޮނުވި، އޭނައަށް އަހަރުމެން ފެނުނަސްވާނީ ބޮޑުކަމަކަށް........." ނާޒިޔާ ވީދެރައިން އިސްޖަހާލިއެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތުގައި ވިޝާލް އިނީ އޭނަގެ ކޮޓަރީގައެވެ. ގަދަ އަޅިކުލައިގެ ސާލަކުން ދުނިޏެމަތި ވަށާލާފައިވާކަހަލައެވެ. ދޭތެރެއަކުން ވާރޭ ބޯކޮއްލައެވެ. މެދުކެނޑުމެއްނެތި ހިމަފޮދު ވާރޭ ވެހެމުންދާތީވެ ގޭތެރޭގެ އެންމެން އުޅެނީ ފިނިބޮޑުވެގެންނެވެ. ކޮންމެ މީހަކު ހޫނު ސައިތައްޓެއް ނޫނީ ހޫނު ކޮފީއެއް ބޯލުމުގައި އުޅެއެވެ. ބެލްކަނީގައި ކޮޓަރިތެރެއަށްވާގޮތަށް ގޮނޑިއެއް ބަހައްޓައިގެން ދުރަށް ނަޒަރުހުއްޓާލައިގެން ވިޝާލް އިންއިރު އޭނައަށް ފަޒާގައި ހަރުލާފައިވާ ގަދަ ފިނީގެ އަސަރުވެސް ނުކުރާ ކަހަލައެވެ. ދުރުދުރަށް ނަޒަރު ހުއްޓެމުންދިޔަވަރަކަށް ވިޝާލްއަށް އެއްވެސް އިޙްތިޔާރަކާއި ނުލާ ތުނބުން ރީތި ރާގެއް ފުމެލެވުނެވެ. އެސިކުނޑީގައި ސިފަވަމުންދިޔައީ ރޭގެ މަންޒަރުތަކެވެ. އެރީތިއަޑެވެ. ކަމަކާއި ނުލާ ހިނިތުންވެވުނީ ރޭގައި މަންހާ ކިޔަމުންދިޔަ ލަވައިގެ ރާގު ތުނބުން ފުމެލެވުނީމައެވެ. ވިޝާލްއަށް އޭނަގެ އިސްތަށިގަނޑުގައި އަތްހާކާލެވުނެވެ. އަދި ތެދުވެގެންގޮސް އަލަމާރިހުޅުވާލިއެވެ. އަލަމާރީގެ އެންމެ މަތީ ޝެލްފުގައި އޮތް އޭނަގެ އެންމެގާތް އެކުވެރިޔާނެގިއެވެ.

ކަޅުރަތް ކުލައާއި އޮރެންޖުކުލައިގެ ގިޓާ ފައިމަތީ ބައިންދާލަމުން އަތަށް ހެޔޮވަރު ކޮއްލިއެވެ. އަދި މަޑުމަޑުން އޭގެ ނަރުތަކާއި ކުޅެމުން ބޭނުންވާގޮތަށް ނަރުތައް ބާރުކޮށް ދޫކުރަމުންދިޔައެވެ. ވިޝާލް ބޭނުންވާގޮތަށް ގިޓާ ޓިއުން ކުރުމަށްފަހު މަޑުމަޑުން ބީޓަކަށް ވާތު ފައިތިލަ ޖަހާލިއިރު އޭނަގެ ދެލޯވަނީ މެރިފައެވެ. އަދި ތުންފަތަށްވަނީ ހިނިތުންވުމެއްވެރިކުރުވާފައެވެ. ކަނާތު އިނގިލިތަކުން ގިޓާގެ ނަރުތަކާއި ކުޅެލިއިރު އޭނަގެ ކަންފަތުގައި ވަނީ މަންހާގެ ރީތި އަޑެވެ. މަޑުމަޑުން މަންހާގެ ރީތި އަޑުން ރޭގައި ކިޔަމުންދިޔަ ލަވައިގެ ރާގުތައް ކުޅެލެވޭތޯ މަސައްކަތް ކުރަމުން ވިޝާލްދިޔައެވެ.

"ކޮންއިރަކު ދަރިފުޅު ގިޓާ ކުޅެން ދަސްކުރީ؟" ވިޝާލްގެ ކޮޓަރިއަށް ވަދެގެން އައި ނާޒިޔާގެ އަޑުއިވުމާއިއެކު އޭނައަށް ފުރަގަސްދީގެން އިން ވިޝާލް ދިޔައީ ސިއްސައިގެންނެވެ.

"ބޮޑުމަންމާ.......މީ......މީ....ދެން......ހުސްވަގުތު ކުރާކަމެއް.......އަނެއްކާ ކަމަކުތޯ" ވިޝާލް އަވަސް އަވަހަށް ތެދުވެ ކަހާލައިފައިވާ ބިއްލޫރު ދޮރުގައި ގިޓާ ލައްގާލަމުން ބުނެލިއެވެ. އޭނަގެ އިޙްސާސްތައް ހިތުގައި އޮބިއަޅަމުން ސިހުންވިކަންވެސް ނާޒިޔާއަށް ފޮރުވާލީ ނުހަނު ކުޅަދާނަކަމާއިއެކުއެވެ.

"ހޫމް، ކަމަކު ކިޔަންކަމަށް، ދެންމެ މަންކޮ ގުޅާފަ ބުނީ ޔުނިވާރސިޓީ ނިމުނު ވާހަކަ، ދަރިފުޅު ގޮސްދެންވީނު މަންކޮ ބަލާ، ކާރުގެ ތަޅުދަނޑި އިންނާނެ ސިޑިދަށުގައި ހަދާފައިހުރި ސްޓޯރޫމުގެ ދޮރުހުޅުވާލާއިރަށް ފެންނަގޮތަށް އަޅުވާފައި.....ނޫނީ ދަރިފުޅު ނީލް ގާތު ބުނެލިޔަސް ގެނެސްދޭނެ" ނާޒިޔާ ތުންފަތުގެ ހިމަކޮޅުން ހިނިއައިސްފައި ބުނެލިއެވެ.

"ބޮޑުމަންމާ، އަޅުގަނޑު އެހާ ފަރިތައެއްނުވާނެ އަދި މިކޮޅުގަ ދުއްވާކަށް، މިއަދުމީ ވިއްސާރަވެސް ދުވަހެއް، ނީލް ފޮނުވަންވީ ނޫންތޯ" ވިޝާލް ކަންބޮޑުވިއެވެ. ނާޒިޔާ އޭނައާއި ހަވާލުކުރަން އެއުޅެނީ ކޮންފަދަ ބޮޑު މަސްޢޫލިއްޔަތެއް ހެއްޔެވެ. އެހެންނަމަވެސް އޭނަ މަންހާ ބަލާ ދާހިތްވެއެވެ. އަދި އެއްފަހަރު ގާތުން އެސޫރަ ބަލާލުމާއި އެރީތި ޖާދުވީ އަޑުއަހާލާހިތްވެއެވެ. އެކަމަށް ވިޝާލްގެ ހިތްވަނީ މާބޮޑަށް ޝައުގުވެރިވެފައެވެ.

"ނީލް ގޮވައިގެންދޭ، އޭރުން ދަރިފުޅަށްވެސް ތަންތަން ބަލާލެވޭނެއެއްނު، ދެންވެސް ނުހުރެ އަވަސްކޮއްލާ" ނާޒިޔާ އެހެން ބުނުމާއިއެކު އެކޮޓަރިން ނުކުންނަން ދިޔައެވެ. ވިޝާލްއަށް ޖަވާބުގައި ބޯޖަހަލަމުން ހިނިތުންވެލެވުނީއެވެ.

މަންހާ މަގުގެ ދެފަރާތަށް ބަލަބަލާ ހުއްޓެވެ. އިރުއިރުކޮޅުން ނީލްއަށް ކުދިކިޔާލައެވެ. އަވަހަށް ނައިސްގެންނެވެ. އެކުގައި އުޅޭ ރަޙުމަތްތެރިންނާއި ފެނިދެނެވިވާ ކުދިން މަންހާގެ ކުރިމަތިން ހުރަސްކަނޑާލަމުން އޭނައަށް ގޮވާލާނެއެވެ. ނޫނީ ހިނިތުންވެލާނެއެވެ.

"ހައި މަން، ޔޯރ ވޯކް އިޒް ސުޕާރބް..........ޖަސްޓް ލަވް ޔޯ ޕްރޮޖެކްޓު، ގުޑް ވޯކް ގާލް......" މަންހާ އާއި އެއްކުލާހެއްގައި އުޅޭ ކޭލަމްއަށް އޭނަ ފެނުމާއެކު ދުވަމުން ދުވަމުން އައިސް ހުއްޓިލަމުން ތައުރީފުކުރަންފެށިއެވެ. އާއެކެވެ. އޭނަގެ ޕްރޮޖެކްޓަކީ ކުލާހުގައި އެއްވަނައަށް ހޮވުނު ޕްރޮޖެކްޓެވެ. އަދިވެސް މަންހާ ކުރާކޮންމެ ކަމަކުން ވަނައެއް ހޯދަން މަސައްކަތްކުރެއެވެ. އޭނައަކީ ގުދުރަތުންވެސް ތޫނުފިލިކަން ލިބިފައިވާ ކުއްޖެކެވެ.

"ސޮރީ، އައި ގޮއްޓު ގޯ........ބާއި" މަންހާއަށް ޔުނިވަރސިޓީ ގޭޓުގެ ބޭރުގައި މަޑުކޮއްލި ކަޅުކުލައިގެ ކުޑަވޭންގެ ތެރެއިން ދުއްވަން އިން ނީލް ފެނުމާއިއެކު ބުނެލިއެވެ. އަދި ހިނިއައިސްފައި ދުވަމުން ކަހަލަގޮތަކަށް އައީ ވޭނަށް އަރާށެވެ. ވޭނާ އާރާއި ހަމަވާންވާއިރަށް ވޭންގެ ފަހަތު ދޮރު މަންހާއަށް ހުޅުވާލަދިން ޒުވާނާ ފެނުމާއިއެކު މަންހާގެ ދެފައިނޯޅުނީ ކިރިޔާއެވެ. އެވަގުތު ވިޝާލް އާއި މަންހާގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ.

(ނުނިމޭ)