މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑޭޓާގެ އަންއިންޓަރަޕްޓިބަލް ޕަވާ ސަޕްލައި (ޔޫޕީއެސް) އަޕްޑޭޓްކޮށްފި އެވެ.
ޔޫޕީއެސް އަކީ ކަރަންޓް ކެނޑި އެމެޖެންސީ ހާލަތުގައި، އެއްވެސް ހިދުމަތަކަށް ހުއްޓުމެއްނެތި ކަރަންޓް ފޯރުކޮށް ދިނުމުގެ ނިޒާމެކެވެ.
ޓެކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، މި ޕްރޮޖެކްޓަކީ ވަރަށް ވެސް ބޮޑަށް ޑިލޭވެފައިވާ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓަކީ ދެ އަހަރު ވަންދެން ޑިލޭ ވެފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. މިއަދު ޔޫޕީއެސް އަޕްގްރޭޑް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ ގައުމީ ޑޭޓާ ސެންޓާ މި އިމާރާތުގައި ހިންގާއިރު، އެ ޑޭޓާ ބޭހުގެ އެންމެ މުހިންމު އެއްބަޔަކީ މާލޭއިން ކަރަންޓްގެ ކެނޑިގެންދާ ހާލަތެއްގައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ، އެއީ އެއާޕޯޓުން މީހުން ރާއްޖެއަށް އެތެރެކުރުން ކަމުގައިވީ ނަމަވެސް އަދި ސަރުކާރުގެ އެކިއެކި ނިޒާމްތައް ހިންގުން ކަމުގައިވީ ނަމަވެސް މައި ޕްރޮސެސާ ހުންނަތަނަކީ މިތަންކަމުގައިވުމުން، އެއްވެސް ކަހަލަ ހުއްޓުމެއްނެތި ފޯރުކޮށްދިނުން ކަމުގައިވީނަމަވެސް، އެހުރިހާ ހިދުމަތެއް ފޯރުކޮށް ދިނުމަކީ އެންސީއައިޓީގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެހިދުމަތްތައް އެންމެ ރަނގަޅުކަމާއެކު ފޯރުކޮށްދިނުމަށް ޑޭޓާ ބޭސްއަކީ އެންމެ މުހިންމު އެކަތި ކަމަށާއި ފާއިތުވި ދެއަހަރެއްހާ ދުވަހު އެންސީއައިޓީއިން ކުރި މަސައްކަތަށް ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ. ކަރަންޓް ކެނޑި ހިދުމަތަށް ބުރޫނާރާނޭހެން އެންސީއައިޓީގެ މުއައްޒަފުން އެލާޓްގައިތިބެ ހިދުމަތްދީފައިވާތީ ޝުކުުރު އަދާކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޔޫޕީއެސްގެ އަޕްޑޭޓްގެ ސަބަބުން ރާއްޖޭގެ އީގަވާނެންސްގެ ނިޒާމް އިތުރަށް ހަރުދަނާވެގެން ގޮސްފި، އޭގެ ސެކިއުރިޓީ އިތުރަށް ޔަގީންކޮށް ކަށަވަރުވެއްޖެ، ހިދުމަތް މެދުނުކެނޑި ދެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިކަމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން ޑޭޓާ ސެންޓާ ގާއިމް ކުރުމާއި ސަރުކާރުގެ ތަންތަން އެއް ނެޓްވޯކް ވިއުގައަކުން ގުޅާލުމުގެ ކަންކަމަށްވެސް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިކަމަކީ މިނިސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިކަން ނިންމާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.