ރާއްޖޭގައި އެންމެ އަވަހަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރެކޯޑް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ގާއިމުކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ ހޯދުމަށް ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންއެފްގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު އެންމެ އަވަހަށް އުފައްދާ ޕާޓީގެ ރެކޯޑް ޕީއެންއެފް އިން ގާއިމުކުރާނެ ކަމަށެވެ.
"ހުއްދަ ދޫކުރުމާއެކު އިރާދަކުރެއްވިއްޔާ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރެކޯޑް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މުގުރާލާނަން،" މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީއެންއެފް އިން އެންމެ ފުރަތަމަ ވާދަކުރާ އިންތިހާބަހަކަށް ވާނީ މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނެވެ. މި އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ގެންދަވަނީ ކެމްޕޭން ވެސް ކުރައްވަމުންނެވެ. ހުސައިން މިހާރު ހުންނެވީވެސް ޕީއެންއެފްގެ އެންމެ އިސް އަށް ބޭފުޅުންގެ ތެރޭގައެވެ.
މަލީހް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ ދާއިރާތަކަކަށް ޕީއެންއެފް އިން ކެންޑިޑޭޓުން ނެރެ ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ޕީއެންއެފް ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެ ބިޔަ އެންމެ ބޮޑު ޕާޓީއަށް ކަމަށެވެ. ޕީއެންއެފް މަސައްކަތް ކުރާނީ މީހުންގެ ޒާތީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ގައުމީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތާއީދަކީ، އަޅުގަނޑުމެންގެ މުފައްކިރަކީ، އަޅުގަނޑުމެން ސިޔާސީ ބައްޕައަކީ ރައީސް ޔާމީން. އެމަނިކުފާނު އަޅުގަނޑުމެންނަށް ދެއްވާފައިވާ ހުދޫދަކީ އަހްލާގަކީ ތިކަހަލަ [ޒާތީ] ކަންތައްތަކުގެ ތެރެއަށް ނުފީނާ މިގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރިއަށް ވަޑައިގަތުން،" ޖަމީލް ވިދާޅުވި އެވެ.