ހަބަރު

ފްލެޓަށް ފޯމްލެވޭ އެޕް ވަރަށް އަވަހަށް ނިމެނޭ

ހައުސިންގެ ފްލެޓްތަކަށް ކިއުގައި ނުޖެހި އޮންލައިންކޮށް ފޯމްލެވޭ އެޕްލިކޭޝަން ގާތްގަނޑަކަށް ނިިމިފައިވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ސައިންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ހަފުތާ ރެސް ޕްރޮގްރާމަށް ބޭނުންވި އެޕްލިކޭޝަން ވެސް މިނިސްޓްރީން ތައްޔާރުކޮށްދީފައިވާ ކަމަށާއި ފްލެޓް ފޯމްގެ އެޕްލިކޭޝަންގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

"ހައުސިން މިނިސްޓްރީގައި ކިއުގައި ނުޖެހި ރައްޔިތުންނަށް ހައުސިންގެ އެޕްލިކޭޝަން ފޯމްތައް ލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ، އެމަސައްކަތުގެ 95 ޕަސެންޓް މަސައްކަތް މިވަނީ ނިމިފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ އެޕްލިކޭޝަން ތައްޔާރު ކުރުމުގެ ފަހުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެހިދުމަތް ކައިރި މުސްތަގުބަލެއްގައި ހައުސިން މިނިސްޓްރީއާއެކުކޮށް ނިންްމައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ހިންގާ ކޮންމެ ރަށެއްގައި ވެބްސައިޓް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އެމަސައްކަތް އަންނަ މާޗްމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ކިޔުގައި ނުޖެހި ސަރުކާރުގެ ބައެއް ކަންކަން އޮންލައިންކޮށް ކުރެވޭނެ ނިޒާމެއް ގާއިިމް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އެވެ.

ފްލެޓަށް ފޯމް ހުށަހެެޅުމަށް ކިޔުގައި ނުޖެހި ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހައުސިން މިނިސްޓްރީއަށް ފުރިހަމަ ކުރަން ހަވާލުކޮށްފައިވާ ވައުދެކެވެ.