ކިޔުގައި ނުޖެހި ސަރުކާރުގެ ބައެއް ކަންކަން އޮންލައިންކޮށް ކުރެވޭނެ ނިޒާމެއް ގާއިިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ އެންމެ ބޮޑު މަސައްކަތަކަށް ވެފައިވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ޓެކްނޮލޮޖީގެ މާސްޓާ ޕްލޭން ތައްޔާރު ކުރުން ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި މާސްޓާ ޕްލޭންގައި އެންމެ ބޮޑު ކަމަކަށް އޮތީ ސަރުކާރު ހިންގުމުގައި ޓެކްނޮލޮޖީ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެކަން ކުރުމަށް އެންމެ މުހިންމު ކަމަކީ މިހާރު ހުރި ހުރިހާ މައުލޫމާތުތައް ނުވަތަ ޑޭޓާ ބޭސްތައް އިންޓަގްރޭޓް ކުރުމެވެ.
"މީރާއިން ވަކި ޑޭޓާ ބޭސް އެއް، ފިނޭންސް އިން ވަކި ޑޭޓާ ބޭސްއެއް، ޖުޑީޝަރީގެ ވަކި ޑޭޓާ ބޭސްއެއް، ފުލުހުންގެ ވަކި ޑޭޓާ ބޭސްއެއް، މިހެން ގޮސް އެކިއެކި އިދާރާތަކުގެ ވަކިވަކި ޑޭޓާ ބޭސް ހުރުން ވެގެން މިދަނީ ވަރަށް އުނދަގޫ ކަމަކަށް، މައުލޫމާތު އެނަލައިޒް ކުރުމުގައި ވެސް، ހިދުމަތް ފޯރުކޮށް ދިނުމުގައި ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ކަމުން އެންމެ ބޮޑު ބަދަލަކަށް އަޅުގަނޑުމެންގެ މަސައްކަތް ނިމޭއިރު އަންނާނީ ކިޔުގައި ޖެހިގެން ފިޒިކަލީ އޮފީސްތަކަށް ހިދުމަތް ހޯދަންދާދިއުން ވީހާ ވެސް މަދުކުރުން، އެއީ އަމާޒެއް،"
މިނިސްޓަރު ވިދާޅުވީ، ކުށުގެ ރެކޯޑް ސާފުކުރަން ވަރަށް މިހާރު ގިނަ އޮފީސްތަކަށް ދާން ޖެހޭ ކަމަށާއި އެހެން ކަމުން އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެއްވެސް އޮފީހަކަށް ނުގޮސް އައިޑީކާޑް ޔުނިޓުގެ އީފާސް މެދުވެރިކޮށް ހުރިހާ ކަމެއް ކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.
"އަނެއް ކަމަކީ ފްލެޓަށް އެޕްލައިކުރާއިރު ވަރަށް ދިގު ކިޔުގައި ޖެހިގެން ފޯމް ނަގަން ނަމްބަރު ނަގައިގެން، އެހެން ނަހަދަ އެ ޕްރޯސެސް އޮޓޮމޭޓް ކުރުމުގެ މަސައްކަތް މިހާރު ހައުސިން މިނިސްޓްރީއާ ގުޅިގެން ފަށައިގެން މިއުޅެނީ މިކޮޅުން، އަލްޓިމޭޓްލީ ނިމޭއިރު އަޅުގަނޑުމެންގެ އުންމީދަކީ ފޯމް ހުށަހަޅާއިރު އެމީހަކަށް އިނގޭނެ އެމީހަކަށް ލިބޭ ޕޮއިންޓް، އެހެންވީމަ ވަރަށް ޓްރާންސްޕޭރެންޓްކޮށް ފަރުދާގެ ފުރަގަހުގައި ކުރަންޖެހޭ ކަމެއް ނޯންނަ ގޮތަށް ހަމައެކަނި ކުރަންޖެހެނީ އެއް ފްލެޓެއް 100 ޕޮއިންޓް ލިބިއްޖެނަމަ ގުރުއަތުލުން ކޮންމެސް ގޮތެއް ގެންދާނެ އުސޫލެއް ކަނޑައެޅުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓަށް ފޯމް ހުށަހެެޅުމަށް ކިޔުގައި ނުޖެހި ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހައުސިން މިނިސްޓްރީއަށް ފުރިހަމަ ކުރަން ހަވާލުކޮށްފައިވާ ވައުދެކެވެ.