ހަބަރު

އަދީބުގެ އާއިލާއިން އެދޭ ކަންކަން ގަވައިދަކު ނެތް: އިމްރާން

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާ އިން ޑިމާންޑު ކުރަނީ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރެވެން ނެތް ކަންކަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ހޯމް މިނިސްޓްރީން ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެއްވެސް ގައިދީއަކާ މެދު ތަފާތުކޮށް އަމަލު ނުކުރާނެ ކަމަށާއި ކުރިޔާ އަޅާ ބަލާއިރު އަދީބަށް ދެމުން އަންނަނީ ވެސް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ކަމަށެވެ. ނަމަވެސް އެ ވާހަކަތަކެއް އަދީބުގެ އާއިލާ އިން ނުދަކާ ކަމަށެވެ. އަދި އާއިލާއިން ޑިމާންޑު ކުރަމުން ގެންދަނީ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރެވެން ނެތް ކަންކަން ކޮށްދިނުމަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"މިހާރު ތަފާތު ވެގެން އުޅޭ ކަމަކީ މިއީ، ގަވައިދާ އުސޫލުގަ ނެތް ކަންތައްތަކެއް އާއިލާ އިން ޑިމާންޑު ކުރާތީ އެކަންތައްތައް ނުކުރެވިގެން މި އުޅެނީ. ގަވައިދާއި އުސޫލުގެ ތެރެއިން އަޅުގަނޑުމެން އިހުމާލުވެ ފަރުވާ ކުޑަ ކުރާ އެއްވެސް ކަމެއް ނުވާ ކަން ކަށަވަރުކޮށްދެން، މިއީ ވަރަށް ބޮޑު ތަފާތެއް،" އިމްރާން ވިދާޅުވި އެވެ. "ބަންދުގައި ހުރި މީހެއްގެ ހުކުމެއް ބަދަލު ކުރުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން، ބަންދުގައި ހުރި މީހަކު ބަހައްޓަން ޖެހޭތަން ބަދަލެއް ނުކުރެވޭނެ، އެކަމަކު އެތަނުގެ ތެރޭގައި ގާނުނުތަކުން ދޭން ޖެހޭ ހިދުމަތެއް ނޫނީ ކުރަން ޖެހޭ ކަމެއް އެއީ އަޅުގަނޑުގެ ކަމެއް، ކުރިން އެކަންކަމެއް ނުކުރެވޭ މިއަދު މިދަނީ އެކަން ކުރެވެމުން،"

ކުރީ ސަރުކާރުން އަދީބު ބާއްވައިގެން އުޅުނީ "ބަންދުކޮށްޓެއްގައި" ނަމަވެސް މިއަދު އޭނާ ހާއްސަ ޔުނިޓަކަށް ބަދަލުކޮށް ވަރަށް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން ރޭގަނޑު 9:00 އަކުން ހެނދުނު 7:00 އަކަށް އަކަށް އަދީބު ހުންނަވާނީ ބަންދުކޮށްފައި ހުންނަ ކޮޓަރީގަ އެވެ. ދުވާލުގެ ވަގުތުގައި ގާޑަކާއެކު ޔާޑު ތެރެއަށް ދޫކޮށްލާފަ އެވެ. ކާބޯތަކެއްޗާއި އެހެން ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ބަރާބަރަށް ލިބެމުން ދާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި ދުވާލަކު އެއް ފަހަރު ޑޮކްޓަރަކު އަދީބު ޗެކް ކުރައްވަމުން ގެންދަވާ ކަމަށާއި ޑޮކްޓަރު އިރުޝާދު ދެއްވައިފި ނަމަ ލަސްނުކޮށް ފަރުވާ ދިނުމަށް މާލެ ގެންނާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން މިދަނީ އަދީބަށް އެހެން ގައިދީންނަށް ވުރެ ވެސް ރަނގަޅަށް ހިދުމަތްތައް ދެމުން، މަގުތައް މިދަނީ ފަސޭހަކޮށްދެމުން،" އިމްރާން ވިދާޅުވި އެވެ. "ދެ އަހަރު ތެރޭ ބޭސްފަރުވަ ނުކޮށްދެވޭ ވަރަށް އަދީބަށް ވާނީ ދެ މަސް ދުވަސް ތެރޭގައި ކޮށްދީފައި، އެއްވެސް އިހުމާލެއް ނުވަން. މިކަން ވަރަށް އުފަލާއެކު ފާހަގަ ކުރަން،"

އަޅުގަނޑު މަގާމަކާ ހަވާލުވުމަށް ފަހު އަދީބަށް ސިއްހީ ގޮތުން ކުރަމުންދާ ހުރިހާ ޝަކުވާތައް ބަލަމުންދަ ކަމަށެވެ. އެގޮތުން މިހާތަނަށް އެންމެ ބޮޑަށް ކުރަމުން ދިޔަ ލޮލުގެ މައްސަލާގައި މިހާތަނަށް އެއްވެސް ދުވަހަކު ޝަކުވާއެއްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ލޮލުގެ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށާއި ރާއްޖޭގައި ފަރުވާ ދެވެން ނެތް ނަމަ ބޭރުން މީހުން ގެނެސްގެން ވެސް އެކަން ކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.