އަބްދުﷲ ޖާބިރު

ޕްރައިމަރީގައި ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ މާއްދާ ބާތިލުކުރަަން ޖާބިރު ކޯޓަށް

Jan 30, 2019
3

ޕާޓީ ޕްރައިމަރީގައި ނާކާމިޔާބު ވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އޮންނަ ގާނޫނީ މާއްދާ ބާތިލު ކުރަން އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި އަބްދުﷲ ޖާބިރު ނިންމަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ޖާބިރު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަވައިގެން އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހިނގާފާނެ ގޯސްތައް އެމަނިކުފާނު ދުރާލައި އިންޒާރު ކުރައްވާފައި ވަނިކޮށް އެ ޕްރައިމަރީގައި އެމަނިކުފާނުގެ ހައްގު ގެއްލި "ބައެއްގެ މަކަރާއި ހީލަތުން ކާށިދޫ ދާއިރާގެ ޕްރައިމަރީ ދަމައިގެންފައިވާ" ކަމަށެވެ.

"ދެން އަމިއްލަ ގޮތުން ވާދަ ކުރަން އަޅުގަނޑު ބަލައިލިއިރު ގާނޫނުއަސާސީއާ ހިލާފަށް ގާނޫނެއް [އިންތިހާބުތަކާބެހޭ ގާނޫނު] ބަދަލުކޮށްލާފައި އޮތީ. އޭގެ ސަބަބުން ޕްރައިމަރީ ކާމިޔާބު ނުވާ މީހަކަށް ވާދަ ނުކުރެވޭ ގޮތް ހަދާފައި މިއޮތީ. އެހެންވެ މި އަންނަ އާދީއްތަ ދުވަހު އަޅުގަނޑު ވަންނާނަ ގާނޫނުގެ އެބައި ބާތިލު ކުރަން މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް،" ޖާބިރު ވިދާޅުވި އެވެ.

އިންތިހާބުތަކާބެހޭ ގާނޫނަށް އެ ބަދަލު ގެނައީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމުން މިދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށެވެ. އެ ބަދަލު ބާތިލު ކުރަން ޖާބިރު ކޯޓަށް ވަޑައިގަންނަވާ އިރު އެ މައްދާ އިސްލާހު ކުރުމަށް މިހާރު ވެސް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވަނީ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ޖާބިރު ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ޓީމުން އެކަމަށް މިހާރު ތައްުޔާރުވެފައިވާ ކަމަށާއި ހޮނިހިރު ދުވަހު އެމަނިކުފާނު ރާއްޖެ ވަޑައިގެން އާދީއްތަ ދުވަހު އެ މަނިކުފާނުގެ ނަންފުޅުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދާނެ ކަމަށެވެ.

"މިއީ އަޅުގަނޑާ އެމްޑީޕީއަކާ އޮތް މައްސަލައެއް ނޫން. މިއީ ހައްގުތަކުގެ މައްސަލައެއް، ފުރަތަމަ އަޅުގަނޑުގެ ހައްގު ގެއްލުނީ ޕްރައިމަރީގެ ތެރެއިން ދެން ބަލައިލި އިރު ހައްގު ގެއްލިފައި މިއޮތީ ގާނޫނުގެ ތެރެއިން އެހެންވީމާ އެކަން ރަނގަޅު ކުރަން އަޅުގަނޑު މިދަނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ހާއްސަކޮށް ކާށިދޫ ދާއިރާގެ ޕްރައިމަރީ ވަރަށް ބޮޑަށް ގަޑުބަޑުކޮށްލާފައިވާ ކަމަށާއި ޕްރައިމަރީއާ ދިމާކޮށް ކުއްޔަށް ހިފާ ބަޔަކު ވައްދައި އެކުލަވާލައި ދަފުތަރަކުން ވޯޓް ދީގެން ޕްރައިމަރީ ހަލާކުކޮށްލާފައިވާ ކަމަށެވެ.

"ކާށިދޫ ދާއިރާގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން އަޅުގަނޑު ހޮވާނެ، އަޅުގަނޑު އުޅުނީ އެ ގޮނޑި އެމްޑީޕީއަށް ހޯދައި ދޭންވެގެން އެކަމަކު ހަރުގެ ތެރެއިން ޕްރައިމަރީ ދަމައިގެންފި އެހެންވެން އަޅުގަނޑު ބޭނުންވީ އަމިއްލަ ގޮތުން ވާދަ ކުރަން އެހެން ވެސް އެކަން ވާކަށް ނެތް މިއޮތް ގޮތުން" ޖާބިރު ވިދާޅުވި އެވެ. "އެހެންވީމާ އެންމެނަށް އެ ހައްގު ހޯދައިދޭން އަޅުގަނޑު މިއުޅެނީ. މީގެ މާނަ އޮޅުވައި ނުލައްވާތީ އަޅުގަނޑާ އެމްޑީޕީއާ މައްސަލައެއް ނެތް. އެކަމަކު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަކީ އޮނަރަބަލް ޕްރައިމަރީއެއް ނޫން. އެއީ ގަޑުބަޑުކޮށް ކުއްޔަށް ވައްދާފައިވާ ބަޔަކު ބަދަލުކޮށްފައިވާ ޕްރައިމަރީއެއް.... އަޅުގަނޑު އިރާދަ ކުރެއްވިޔާ މި ގާނޫނު ސުޕްރީމް ކޯޓުގައި ބާތިލުކޮށްގެން މަޖިލީހަށް ވަދެ ޕްރައިމަރީތައް ބާއްވާނެ ޑިމޮކްރެޓެކި ތަހުޒީބު ގޮތް މަޖިލިސް ތެރެއިން ރާއްޖެއަށް ގެންނާނަން،"