ހަބަރު

ނާޒިމާއި ރައީސް ސޯލިިހު ބައްދަލު ކުރައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައިފި އެވެ.

ކާނަލް ނާޒިމް ވަނީ އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީޕާޓީގެ ޓިކެޓްގައި ދަނގެތީ ދާއިރާއަށް ކުރިމަތިލުމަށް ނިންމަވާފަ އެވެ. ނާޒިމް ރައީސް ސޯލިހުއާއި ބައްދަލު ކުރެއްވި ކަން ހާމަކޮށް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހު އާއި ބައްދަލުކުރައްވާ ދަނގެތި ދާއިރާއަށް ކުރެއްވި ދަތުރުތަކުގައި ފާހަގަ ކުރެވުނު އެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

ދަނގެތީ ދާއިރާއަށް ދިމާވެފައިވާ ކަންކަން ހައްލު ކުރަން ރައީސް ސޯލިހުގެ ސަރުކާރާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިިނިސްޓަރަކަށް ހުންނަވަނިކޮށް ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައާއި ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް ސުޕުރީމްކޯޓުން ވަނީ ފަހުން އެ ހުކުމް ބާތިލް ކޮށްފަ އެވެ.