ވާހަކަ

އީޝަލް

(29 ޖެނުއަރީ 2019 އާ ގުޅޭ)

"ބަލްޤިސްގެ ކޮންމެ ނިންމުމެއް އަހަރެން ޤަބޫލުކުރާނަން، ޝުކުރިއްޔާ... ތިހިތުގައި އޮތް އެއްޗެއް ބުނެދިނީމަ، އަހަރެން ނުބުނާނަން ރަސްކަމުގެ ޒިންމާތަކުން އެއްފަރާތްވާކަށް، އަހަރެންނަށް މާކުރިން ވެސް އެނގޭ މިހެންވާނޭކަން... އެހެންވެ އެ އިޙްސާސްތައް ހިފެހެއްޓީ، ސިއްރުކުރަމުން އައީ... އެނގޭތަ؟ އަހަރެންގެ ހިތުގައިވާ އެއްޗެއް އީޝަލް މާކުރިން ދެނެގެންފި، ބަލްޤިސް.... އީޝަލްއާއި ރުއުލްއަށް ވާނީ ކިހިނެއް؟ އެ ދެމެދުގައި އޮތް ޒުވާން ލޯތްބަށްވާނީ ކިހިނެއް؟" މިޒަރެން ބޯހިތްލައިލާ ބަލްޤިސްއަށް ބަލާލިއެވެ.

"އަހަރެން ހިތަށް އަރަނީ ބޭބެ ކީއްވެބާއޭ އަހަރެން ގާތު ނުބުނީ، އަބަދުވެސް މަންމައަށްވުރެ ކުރީން އަހަރެން ގާތު އީޝަލްގެ ކަންކަން މަޝްވަރާ ކުރާނެ" ބަލްޤިސް ކުރި ސުވާލުގެ ޖަވާބު ހޯދުމަށް އެކަމާ އޭނަ ފިކުރު ހިންގިއެވެ.

"އަހަރެން ނުދެކެން ޒިޔަޒެލްދެކެ މީކާޢިލް އެހާ ނުރުހިފައި ހުއްޓައެއް، ޒުވާން ރައުލް އަހަރެމެންގެ އީޝަލްއަށް ޓަކައި ތެދުވިއިރު އަހަރެން ހަނދާންވީ މީކާޢިލްއާއި އީޝަލްގެ މަންމަ މަތިން، މީކާޢިލްގެ ފުށުން ކުލުންވެރިންކަން އަހަރެން ދުށް ފުރަތަމަ ފަހަރު އެއީ... އޭނާއަށް އެހާ ބޮޑު ބަދަލެއް އައިސްގެން އެ އުޅެނީ އެހެންވެ، މަދު ދުވަސްކޮޅެއްގެ ހިތްހަމަޖެހުމަކަށް އެކަންވުމުން، އަހަރެން ހަނދާންވޭ މިޝަލް ބިރުގަތް ނަމަވެސް އަހަރެމެންނާ އޭނާ ކުރިމަތިލައި ހިނިތުންވެ ހުންނަ ގޮތް، ނޫންތަ ބަލްޤިސް" މިޒަރެންގެ ޅައިރުގެ ހަނދާންތަކެއް އާކުރަމުން ވާހަކަދެއްކިއެވެ.

"އެކަމަކު އީޝަލް ޚިޔާރު އެ ކުރީ އިންސާނެއްނޫނެއްނު، އެއީ ބޭބެ ފުރަތަމަ ދުވަހު ވެސް ބޭނުންވި ގޮތެއްނޫންތަ؟ އީޝަލް ގޮވައިގެން އަހަރެމެންގެ ދުނިޔެއަށް ބޭބެ އައީ އެނބުރި އިންސީންގެ ތެރެއަށް ދުވަހަކުވެސް ނުދާން ނިންމައިގެން، ބޭބެ ކަންބޮޑުވީ އީޝަލް ހޭޖެހޭވަރުވުމުން އޭނާގެ މަންމައާ ބެހޭގޮތުން ސުވާލުކޮށް އެ މަންމަ އުޅުނު ދުނިޔޭގެ ކަންކަން ދުށުމަށް ހިނގައިދާނެތީ، އޭރުން ބޭބެއާއި މިޝަލްއަށް ޖެހުނު ފަދަ ހާލެއް އެކުއްޖާފުޅަށް ޖެހިދާނޭތީ، އެހެނެއްނޫނެއްނުމިވީ، ރައުލްއަކީ އަހަރެމެންނާ އެއް ނަސްލެއްނުވިޔަސް އަހަރެމެންގެ ދުނިޔޭގައިވާ ޖިންނިއެއް... އެކަމާ ބޭބެ ޤަބޫލުނުވަންޏާ ދެން ބޭބެ ބޭނުންވާ ގޮތަކީ ކޮބާ؟ އެކުއްޖާއަށް އިންސާނުންގެ ތެރެއިން ބައިވެރިއަކު ހޮވުމުގެ އިޚްތިޔާރުނެތްއިރު އަހަރެމެންގެ ތެރެއިން ވެސް އެކުއްޖާއަށް އެ ފުރުޞަތުނެތީތަ؟" ކަމުގެ ހަޤީޤަތް ނޭނގިތިބެ އެކަމުގެ ފުނަށް ދެވޭތޯ ބަލްޤިސް މަސައްކަތްކުރިއެވެ. މީކާޢިލްގެ ނިންމުން ރަނގަޅުނޫންކަމުގައި ބަލްޤިސްގެ ހިތް އެއްބަސްވާތީއެވެ.

"އަހަރެންގެ ހައިސިއްޔަތެއްނޫން މީކާޢިލްގެ ނިންމުންތަކަށް އުފް ވެސް ބުނުމަކީ... އީޝަލްއަށް ޓަކައި ތެދުވަން ބޭނުންވިޔަސް އެކަން ކުރާނޭ ހިތްވަރެއް އަހަރެންގެނެތް، އަހަރެންނަކީ ޒިޔަޒެލްގެ މުއްފަތުންކައިގެން އުޅޭ ވަރަށް އާދައިގެ ޖިންނިއެއް... އެކަމަކު ބަލްޤިސްގެ އަޑު އޭނާ އަހާނެ، އަހަރެމެން އެންމެންގެ ހިތްހަމަޖެހުން އީޝަލްއަކީ" މިޒަރެން އަދިވެސް އިނީ ބަލްޤިސްގެ އަތުގައި ހިފާލިގޮތަށެވެ.

"އަމިއްލަ ނަފްސުގެ އަގު ތިހާ ދެރަކޮށްނުލާ، މިޒަރެންތީ އާދައިގެ ޖިންނިއެއްނޫން، ޒިޔަޒެލް ކަލޭ ގެނެސްގެން ބަލަންފެށި ދުވަހުން ތީ އޭނާގެ ދަރިއެއް، އޭނާ ކަލެއާމެދު ޢަމަލުތައް އެ ބަހައްޓަނީ ދަރިއަކާމެދު ބަފައަކު ކަންތައްކުރާނޭ ގޮތަށް، މިގަނޑުވަރު ތެރޭގައި ވެސް ވާހަކަތައް ދެކެވެނީ އެހެން، އަހަންނަށް އެނގޭ މިޒަރެން އަހަރެންގެ ބޭބެއަށް ކުރާ ޤަދަރު، މިޒަރެން ކަންބޮޑުނުވޭ، އަހަރެން ވަގުތެއް ހޯދައިގެން ބޭބެއާ ވާހަކަދައްކާނަން، ޒިޔަޒެލް ގާތުން ވެސް އޮޅުންފިލުވާނަން، އެކަމަކު އޭނާ އެނބުރި ގަނޑުވަރަށް އެއައީ ވަރަށް ޒަމާންކޮށްފައި، ގަނޑުވަރުގެތެރެއަށް ޖަމާވަމުންދާ ބައިގަނޑުތަކުގައި އޭނާއާ ބައްދަލުކުރަން އެދޭ ޖިންނީން ވަރަށް ގިނަ.... ބައެއްފަހަރު ހިތަށް އަރާ، ޒިޔަޒެލް އަހަރެމެންގެ ގާތުގައި ހުރިނަމަ ބޭބެއާއި އީޝަލް ވެސް ހުރީހީ އަހަރެމެން ގާތުގައޭ" ބަލްޤިސް ހިނިތުންވެލިއެވެ. މިޒަރެން އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

"ވަރަށް ގިނައިރު މިތާ ތިބެވިއްޖެ، މިތާނގައި ގިނައިރު ތިބުން ރަނގަޅެއްނުވާނެ، އެނބުރިދަމާ" ބަލްޤިސްގެ ދެއަތްތިލައިން މިޒަރެން ދޫކޮށްލީ އެ މޫނަށް ބަލަން އިނދެއެވެ. މާނަފުން ހިނިތުންވުމެއް މިޒަރެންނަށް ރައްދުކުރަމުން އޭނާ ވެސް ބޯޖަހާލިއެވެ. އަދި މިޒަރެންނަށްވުރެ ކުރީން ތެދުވެއްޖެއެވެ. ބަލްޤިސްއާއެކު ގަނޑުވަރުގެ ވަލު ދޮރޯށިން ވަންނަން އައިއިރު މިޒަރެންގެ މޫނުން އިހު ފެނުނު މާޔޫސްކަމުގެ ބަދަލުގައި ލުއި ހިނިތުންވުމެއް ފާޅުވެއެވެ.

* * * * *

އަސުރުން ފަސްވިއިރު ގަނޑުވަރުގެ އެއްފަޅިވަނީ މެހެމާނުންނާއިގެން ފުރިފައެވެ. ފޮތިދަމާ ހިޔާކޮށްފައިވާ ބޮޑު ގޯތިތެރޭގައި ކުނާތައް ފަތުރާފައި އޮތެވެ. އެ ކުނާތަކުގައި ކެހެރީގެ މަޑު ރަޖާތައް އަތުރައި ބާލީސްތައް ބެހެއްޓިފައި ހުއްޓެވެ. ގިނަ އަދަދެއްގެ ބަޔަކަށް އިށީނދެވޭނޭހެން ވަށްބުރުގެ ބައްޓަމަށެވެ. ތަންތަންކޮޅުގައި ކުދިކުދި ޖަމާޢަތްތަކެއް ހެންނެވެ. މުޅި ގޯތިތެރެ އިސާހިތަކު ފުރިއްޖެއެވެ. ޖިންނީންގެ ސިމިސިމިލެއްވުމުގެ އަޑުތައް އިވެމުންދިޔައެވެ. އިރުމަތީ ފަރާތުގައި ކައިވެނީ ކުރެވޭ ބައިވެރިންނާއި ޢާއިލާއަށް ޚާއްޞަ ކުރެވިފައިވާ ބޮޑު އުނދޯލި އެލުވާފައި ހުއްޓެވެ. ތޭރިތަކާއި ފަޑި ހުރީ ލިޔެލާޖެހުމުގެ އިތުރުން ރަނުން ޖަރީކުރެވިފައެވެ. ފެހިކުލައިގެ މަޑު ސާލެއްފަތުރައި ފަޑީގެ ވަށައިގެން ކަންނެޔޮ ފަދަ ބާލީސް އަތުރާފައި ހުއްޓެވެ.

އައިޒަން ރަސްގެފާނު ފައިންޕުޅުއެޅުއްވާކަމުގެ ޚަބަރު އެ މަޖުލީހުގެ ތެރެއަށް ވަދެގެން އައި ވަޒީރަކު ދިނެވެ. އެއާއެކު ޙަފުލާއަށް އައިސްތިބި އެންމެހާ ޖިންނީންގެ އަޑު މަޑުވެ މާޙައުލު ހިމޭންވެގެން ދިޔައެވެ. ހީވީ އެ ހިމޭންކަމުގައި ބައިވެރިވުމަށް ވައިރޯޅި ވެސް ހިނދުނީހެންނެވެ. ގިނައިރެއްނުވެ ރަސްގެފާނުގެ އަލިމޫނުފުޅާއި އާމާންކަމުގެ ހިނިތުންވުން ޖިންނީންނަށް ފެނުނެވެ. އޭނާގެ ކަނާތްފަރާތުގައި ހުރީ މީކާޢިލްއެވެ. ދެން ހުރީ ޒިޔަޒެލްއެވެ. ތިބިތަނުން ވަގުތުން އެންމެން ތެދުވެއްޖެއެވެ. އައިޒަންއަށް ޚާއްޞަކުރެވިފައި ހުރި ބޮޑު އުނދޯލިކޮޅުގައި އިށީނދެވަޑައިގަތެވެ. ދެން ފެނުނީ ބިންޏާމީންގެ ޢާއިލާ އެތަނަށް އައިތަނެވެ. އުނދޯލި ކައިރީ ހުރި އަށީގައި ބިންޔާމީން އިށީންއިރު އޭނާގެ ޖޫދާ އިށީނީ ދެން ހުރި އުނދަގޯލީގައެވެ. ބިންޏާމީނާއި ކަރާއިކަރުޖައްސައި އައިޒަން ސަލާމްކުރިއެވެ. ހަމަ އެފަދައިން ބިންޏާމީންގެ ބޮޑުބޭބެއާ ސަލާމްކުރިއެވެ. އަދި މަޖިލީހުގައި ތިބި ޖިންނީންނަށް ސަލާމް ގޮވިއެވެ. އެމީހުންގެ އެންމެ ފަހުބައިގަނޑު ތިބި ހިސާބު ފެންނަނީ ކިރިޔާއެވެ. އެހާ ވެސް އެ މަޖިލިސް ބޮޑެވެ. އެ މީހުންގެ ތެރޭގައި ގިނައީ އުދުހޭ ޖިންނީންނެވެ. ދެން ތިބީ އައިޒަންގެ ހިމާޔަތުގައި އުޅޭ އެހެން ނަސްލުގެ ޖިންނީންނެވެ. އުދުހޭ ޖިންނީންތެރޭގައި ވެސް އެކި ސިފަތަކު ޖިންނީންވިއެވެ. އެ މީހުންގެ ވަރަތައް ވެސް ތަފާތެވެ.

ގަނޑުވަރުގެ ބާނދީންތައް ވަކި ހިސާބަކުން މަޑުކޮށްލިއެވެ. އެއާއެކު އެ މީހުންގެ ކުރިއަށް ނުކުތްތަން ފެނުނީ ބަހީރާއެވެ. އޭނާގެ ދެފަރާތުގައި ތިބީ އަންހެންދަރިފުޅާއި މާމަ ދަރިފުޅެވެ. ބަހީރާގެ ބޯނިވާކުރުމުގެ އިތުރުން މޫނުފޮތިކޮޅު ވެސް ހުރީ އަޅާފައެވެ. އެންމެން ވެސް ފެންނަނީ ހުދުހެދުމުގެ ބޭރުން ކުލަކުލައިގެ ޖަރީކުރެވިފައިވާ ބޮޑެތި ޤަފްޠާނުތައް ލާފައި ތިބިތަނެވެ. އެ ޤަފްތާނުތައްވަނީ އަލްކަޝްމީރާއި ފަށުވީގައި ތައްޔާރުކުރެވިފައެވެ. ބޯނިވާ ކޮށްފައި ވާއިރު ބޮލުގައި އަޅާފައި އޮތް ފޮތިގަނޑުގެ މަތީން ރަނު ހަދާފައި އޮތް ޒީނަތްތެރިވުމުގެ ގަހަނާއެއް އަޅާފައި އޮތެވެ. ބޮލުގެ ބައްޓަމަށް އޭތި ފިޓުވެފައި ހުރިއިރު އެލުވާފައި ހުރި ރަނުގެ ފަށްތައް އޭގެ ވަށައިގެން ކޮނޑާ ހަމައަށް އެލިފައި އޮތެވެ. ބަލްޤިސްގެ އިނގިލީގައި ރަސްކަމުގެ ސިއްކަޖެހުނު އަނގޮއްޓިއެއް އޮތެވެ. ހުދާއި ރަނުގެ ޤަފްޠާނުގައި އޭނާ ހުރިއިރު ބަހީރާ ހުރީ ރަތްކުލައިގެ ޤަފްޠާނުގައެވެ. އޭނާގެ ގާތުގައި ހުރި އީޝަލް އަޅާފައި ހުރި ނޫކުލައިގެ ޤަފްތާނެކެވެ. މިއަދު އޭނާގެ ބޯ ވެސް ވަނީ ނިވާކުރެވިފައެވެ. އަދި މޫނުގައި ފޮތިކޮޅު ހަރުކުރެވިފައެވެ.

ބަލްޤިސްގެ އަތުގައި ހިފަހައްޓަލައިގެން ހުރެ އޭނާ ގެނެސް ޖޫދާގެ ގާތުގައި އުނދޯލީގައި ބޭންދުމަށްފަހު އީޝަލް ގޮވައިގެން ބަހިރާ އައިސް އިށީނީ އައިޒަންއާއި މީކާޢިލްގެ ގާތުގައެވެ. އައިޒަންގެ ކަނާއަތް ފަރާތުގައި މީކާޢިލް އިންއިރު އޭނާގެ ވައަތްފަރާތުގައި އިނީ ލޯބިވާ އަނބިމީހާއެވެ. އޭނާގެ ގާތުގައި އީޝަލްއެވެ. މޫނުމަތިން މާބޮޑު އަސަރެއް ފާޅުނުވި ނަމަވެސް އައިޒަން އިނީ ނުހަނު އުފަލުންނެވެ.

ގަނޑުވަރުގެ ތެރެއަށް ޖިންނީންތަކެއް ފައިބައިފިކަން ތަނުގައި ތިބި އެންމެންނަށް ވެސް އެނގުނެވެ. އެންމެންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެގެންދިޔައެވެ. ކޮންމެ ޖިންނިއަކު ފެންނަނީ އިސްޖަހާލައިގެންނެވެ. އީޝަލްއަށް ވެސް މީގެ ކުރިން އިޙްސާސް ވެފައިނުވާ ފަދަ ގަދަ ބާރެއް އެތަނަށް އަތުވެއްޖެކަން އެނގުނެވެ. ޖެހިލުންވީވަރުން އޭނާއަށް އުނދޯލީން ފޭބުނުކަން އެނގުނީ ވެސް އޭނާގެ އަތުގައި އައިޒަން ހިފުމުންނެވެ. އޭރު އައިޒަންގެ މޫނުން މޮޅިވެރިކަން ފާޅުވިއެވެ.

"އެ މީހުން އެ ތިބީ މިތަނަށް ނުވަންނަން" މީކާޢިލްއަށް ބަލާލުމަށްފަހު އައިޒަން ބުންޏެވެ. ކިޔަމަންތެރިކަމާއެކު މީކާޢިލް ބޯޖަހާލިއެވެ. އަދި އީޝަލް ގާތު އޭނާއާއެކު އައުމަށް ބުންޏެވެ. އެ ޙަފުލާގެ ތެރެއިން އީޝަލް ގޮވައިގެން ނުކުމެގެން އައި މީކާޢިލް މަޑުކޮށްލީ ދުރުގައެވެ. ދުރުން އެ މަންޒަރު ބަލާނޭ ގޮތް ދަރިފުޅަށް މީކާޢިލް ދަސްކޮށްދިނެވެ.

"ކީއްވެ މިހާ ދުރަށް އައީ... ބޮޑުދައިތަގެ ކައިވެނީގެ މަޖިލީހުން އަޅުގަނޑުމެން ބޭރަށްކޮށްލީ ކީއްވެ؟ ޒިޔަޒެލް ކީއްވެ ނައީ" އީޝަލްގެ ހިތުގައި އުފެދުނު ސުވާލުތައް ވަގުތުން މީކާޢިލްއާ ކުރިމަތި ކުރުވިއެވެ. ދަރިފުޅާ ކުރިމަތިލުމުގެ ބަދަލުގައި މީކާޢިލް އިސްޖަހާލީއެވެ.

"ދަރިފުޅުދެކެ ބައްޕަ ކިތަންމެ ލޯބިވިޔަސް އެ މީހުން ދަރިފުޅު ބަލައިނުގަންނާނެ، އެ އައީ އަހަރެމެންގެ ތެރެއިންވާ ޝޭހުން، އެއައީ ކައިވެނި ލާދެން، އެ މަޖިލީހުގައި ދަރިފުޅު އިނުމުން އެ މީހުން އެތަނަށް ވަންނަން ބޭނުންނުވީ" މީކާޢިލްގެ ވާހަކައިން ކަންވީގޮތް ކިތަންމެ ރަނގަޅަކަށް ވެސް އީޝަލްއަށް ސާފުވިއެވެ. އެ މޫނު މިލައިގެން ދިޔަތަން މީކާޢިލް ދުށްޓެވެ.

"ދެރަނުވޭ... އެކަން ނިމުމުން އެމީހުން އެނބުރިދާނެ" މީކާޢިލް ބުނެލީ އީޝަލްގެ ހިތް ރުއްސާލާށެވެ. ނަމަވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ. އީޝަލްގެ ހިތުގައި ހިނގާ ޝުއޫރުތައް ނޭނގޭތީއެވެ.

ބޮޑެތި ޖުއްބާތަކުގައި ތިބި ބިޔަ ބަޔަކު ފާޅުވިއެވެ. އެމީހުންގެ އަދަދަކީ ހަތަރެކެވެ. އެ މީހުންގެ ތެރޭގައި އިސްކޮށް ހުރި މީހާގެ އަތުގައި ހަތިމެއް އޮތެވެ. ބޯތަށްނިވާކޮށްފައި ހުރިއިރު އެ މީހުންގެ ތުނބުޅިތައް ދިގެވެ. އެންމެނާ ސަލާމްކުރުމަށްފަހު އެމީހުންގެ މަޤާމުގައި އިށީނެވެ. އަދި އެ މީހުންގެ މަސައްކަތް ފެށިއެވެ.

ދުރުގައި އެމަންޒަރު ބަލަންތިބި މީކާޢިލްއަށް ފެންނަނީ ހުދުކުލައިގެ އަލިތަކެކެވެ. ނަމަވެސް އީޝަލްއަށް އެ މީހުން ރީތިކޮށް ފެންނަކަން އެނގުމުން މީކާޢިލް ހައިރާންވިއެވެ.

"އެމީހުންނަށް އެނގޭ އަހަރެމެން ދުރުގައި ތިބިކަން" ތުންފިއްތާލަމުން އީޝަލް ބުނެލިއެވެ. އަޖައިބުވެފައި ހުރި މީކާޢިލް ބަހެއް ނުބުންޏެވެ. އެ މީހުން މީކާޢިލްއާއި އޭނާގެ ދަރިފުޅަށް ފެންނަން ބޭނުންނުވާކަން މީކާޢީލް ދެނެހުއްޓެވެ. އެހެންވިޔަސް އެ މީހުންނަށް އީޝަލްގެ ލޮލަށް ޣައިބުނުވެވުނުކަން އެނގުމުން މީކާޢިލްއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ.

ކައިވެނީގެ ކަންކަން ނިމި އެ ޝޭހުން އަރައިގެން ދިޔަތަން އީޝަލް ދުށްޓެވެ. އެއާއެކު މީކާޢިލް ވެސް އެނބުރި ޙަފުލާގައި ބައިވެރިވުމަށް އީޝަލް ގޮވައިގެން އައެވެ. ދަރިފުޅާއި ކާފަ ދަރިފުޅުގެ ގާތަށް އައިޒަން ގާތްވެލިއެވެ. ޖޫދާގެ ގާތުގައި ހުރެފައި ބަލްޤިސްއަށް ވެސް އެތަނަށް އާދެވިއްޖެއެވެ. ކަންބޮޑުވެފައި އީޝަލްގެ ގައިގާ ބަލްޤިސް އަތްލަމުން ސުވާލުކުރަންފެށިއެވެ. އެ ޝޭހުންގެ ފަރާތުން އީޝަލްއަށް ކަމެއް ފޯރީއޭ ބަލްޤިސްއަށް ހީވީއެވެ. އެ މަންޒަރު ބަލަން ޖޫދާ ހުއްޓެވެ. އައިޒަންގެ ގާތަށް ބިންޏާމިން ޖެހިލީ އެވަގުތެވެ. އޭނާ ވެސް ހާސްވީ ކަމެއް ގޯސްވީ ކަމުގައި ހީވެގެންނެވެ.

"ބަލްޤިސް..." ބަލްޤިސްގެ ކޮނޑުގައި މީކާޢިލް ދެއަތުން ހިފަހައްޓާލިއެވެ. އަދި އޭނާ ގޮވާލައި ބަލަން ހުރި ގޮތުން އެ ބުނަނީ ހަމަޖެހޭށޭކަން ބަލްޤިސް ދެނެގަތެވެ. އޭނާ ގޮވައިގެން މީކާޢިލް އައިސް މަޑުކޮށްލީ ޖޫދާގެ ކުރިމަތީއެވެ.

"ޖޫދާ" މީކާޢިލް ގޮވާލިއެވެ.

"މީކާޢިލް" ޖޫދާ ހުރީ ލާނެތް ހިންޏެއް އައިސްފައެވެ.

"އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮކަން ކަލޭ ހަނދާންކުރައްޗޭ" ޖޫދާ ފަދައިން ހިނިތުންވެލައިގެން ހުރެ މީކާޢިލް ބުންޏެވެ. އެއާއެކު ލުއި ހީނލުމަކާއެކު ޖޫދާ ކަނާއަތް ދިއްކޮށްލިއެވެ. ހީވީ އިތުރަށް އޭނާގެ ނަފްސު ނުހިފެއްޓުނީ ހެންނެވެ. މީކާޢިލް ވެސް އެ އަތުގައި ހިފިއެވެ. ދެންފެނުނީ ދެ ޒުވާނުން އެކަކު އަނެކަކުގައިވާ ބައްދައިގަތްތަނެވެ. އުފާވެރިކަމުގެ ހުނުމަކާއެކުއެވެ.

"ކޮންތާކު ތިއުޅެނީ، އަޑުއެހިން ބައްޕައަކަށް ވެސް ވެއްޖެއޭ... އަހަރެންނަށްވުރެ ކުރީން ކަލޭ ބައްޕައަކަށްވެދާނޭ އަހަރެން ހިޔެއްނުކުރަން، އަހަރެން ހީކުރީ އެނބުރި އަންނައިރު ބައްޕަގާތުގައި ރަސްކަމުގެ ކަންކަމާ ހަވާލުވެގެން ހުންނަތަން ފެންނާނީ މީކާޢިލްކަމަށް" ހިނިތުންވެ މީކާޢިލްގެ އަތުން ދޫކޮށްނުލައި ހުރެ ޖޫދާ ވާހަކަދެއްކިއެވެ.

"އޭރުވެސް ކަލެއަކީ ބަސްމަދު މީހެއް، ވިސްނާކަންކަމުގެ ހިލަން އެންމެ ގާތުގައި އުޅޭ މީހާއަށް ވެސް ނޭނގޭނެ" ޖޫދާ ސަކަ ހިނިގަނޑެއް ޖަހާލިއެވެ.

"ކައިވެންޏަށް މަރުޙަބާ ޖޫދާ" މީކާޢިލް ބުންޏެވެ.

"ކަލޭ ޤަބޫލުކުރަންތަ ބަލްޤިސްއަށް ރަނގަޅު ފިރިއަކަށް އަހަރެންނަށް ވެވިދާނެކަމުގައި" ޖޫދާ އަހާލިއެވެ. އެއާއެކު މީކާޢިލް ބޯޖަހާލިއެވެ.

"އަންހެނުންނާ ސަމާސާ ކުރުމަކީ ކަލޭ ކުރާނޭކަމެއްނޫން، ޚާއްޞަކޮށް އަހަރެންގެ ކޮއްކޮއަކާ، އެހެންނޫނަސް އަހަރެން އަޑުއެހިން މިކަމުގައި ކަލޭގެ އަތެއްނުވާކަން، މީ ބައްޕަމެންގެ މެދުގައި ހަމަޖެހުނު ކައިވެންޏެއް" މީކާޢިލް ބުންޏެވެ. ޖޫދާ ރަކިވިއެވެ. އެހެންވިޔަސް ބަލްޤިސްގެ ކުރިމަތީ އޭނާ އެ އަސަރު ފިލުވާލަން މަސައްކަތްކުރިއެވެ.

"ކަލޭގެ ކޮއްކޮ ހުރީމަ އޭނާގެ ކުރިމަތީ އަހަރެންނަކީ ފިރިހެނެއްނޫންކަން ބުނެދޭންތަ ތިއުޅެނީ" ޖޫދާ ބުނެލިއެވެ. މިފަހަރު މީކާޢިލް ހިނިގަނޑެއް ޖަހާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ.

"ހަޤީޤަތުގައި ވެސް ވަރަށް އުފާވެއްޖެ ތި އެކުވެރިޔާއާ ބައްދަލުވުމުން، ހުރީ ޝައްކެއްގެ މަތީ މި ޙަފުލާއިން ތިއެކުވެރިޔާ ފެންނާނޭކަމުގެ... ޙަފުލާގެ ކަންކަން ނިމި އެނބުރި ދިއުމުގެ ކުރީން އަހަންނާ ބައްދަލުކޮށްފައިދާންވާނީ، މީކާޢިލް... ވަޢުދުވޭ، މިފަހަރު ތި ދާނަކަށްދާނީ އަހަރެންނާއި ސަލާމްކޮށްފައިކަން" ޖޫދާގެ މޫނުން ހިނިތުންވުން ފިލައި ސީރިއަސްކަން ފާޅުވިއެވެ. މީކާޢިލްއަށް އެކަމުން އުނދަގޫވިއެވެ. ނަމަވެސް އޭނާ ޖޫދާއަށް އެއްބަސްވީ ބަލްޤިސް އޭނާގެ އަތުގައި ހިފާލައި ކޮށްލި އިޝާރާތުންނެވެ.

"އެއީތަ ދަރިފުޅު" ޖޫދާ އިޝާރާތްކުރީ ބަހީރާގެ ގާތުގައި ހުރި އީޝަލްއަށެވެ. ކަންބޮޑުވެފައި ހުރެ މީކާޢިލް ބޯޖަހާލީ އެއްބަސްވަމުންނެވެ. އޭރު އޭނާގެ ނަޒަރު ވެސް ހުއްޓިފައި ހުރީ އީޝަލްއަށެވެ.

(ނުނިމޭ)