ހަބަރު

ބަންގްލަދޭޝް އާއި ތައިލެންޑްގައި ވޯޓު ފޮށި ބަހައްޓަނީ

Jan 31, 2019
3

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަންގްލަދޭޝް އާއި ތައިލެންޑްގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގަ އެވެ. ނަމަވެސް މިފަހަރު އިލެކްޝަން ކޮމިޝަނުން ވަނީ އެ ލިސްޓަށް ބަންގްލަދޭޝް އާއި ތައިލެންޑް އިތުރުކޮށްފަ އެވެ.

ބަންގްލަދޭޝް އާއި ތައިލެންޑަކީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ ދެ ގައުމެވެ. އެ ދެ ގައުމުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލަން މިހާރު ވަނީ ނިންމާފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ 100 އަށްވުރެ ގިނަ މީހުން އެ ގައުމެއްގައި ވޯޓުލުމަށް ރީ ރަޖިސްޓާކޮށްފިނަމަ އެވެ.

މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހަކަށް ލިބެ އެވެ. މިހާރު ވޯޓާސް ލިސްޓް ވެސް ވަނީ އާންމުކޮށްފަ އެވެ. ވޯޓާސް ލިސްޓް އާންމުކުރީ ރިޔާސީ އިންތިހާބަށް އެކުލަވާލި ގޮތަށެވެ. ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓްރީކޮށްފައިވާނަމަ، ވޯޓުލާ ރަށް ބަދަލުނުވާނަމަ މިފަހަރު އަލުން ރީ ރަޖިސްޓާކުރަން ނުޖެހޭނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.