ހަބަރު

ރިޓަޔާ ކުރާކަށް ނުވިސްނަން: މައުމޫން

ސިޔާސީ މަަސަކަތްޕުޅުން ރިޓަޔާ ކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އެކަން ހާމަ ކުރެއްވީ އެ މަނިކުފާނު އިސްވެ އަނެއްކާވެސް ޕާޓީއެއް އުފައްދަވާކަން އިއުލާން ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ރައީސް މައުމޫން ވަނީ މައުމޫން ރީފޯމް މޫވްމަންޓްގެ ނަމުގައި ހިންގާ ހަރަކާތް މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީއަށް ބަދަލު ކުރައްވަން ނިންމަވާފަ އެވެ.

މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު މިއީ އެމަނިކުފާނު އުފައްދަވާ ތިންވަނަ ޕާޓީ އެވެ. މީގެ ކުރިން ޑީއާރްޕީ އާއި ޕީޕީއެމްއަކީ ވެސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި ދެ ޕާޓީ އެވެ. ޑީއާރްޕީގައި މައްސަލަ ޖެހިގެން ޕީޕީއެމް އުފެއްދެވިއިރު ޕީޕީއެމްއިން އެ މަނިކުފާނު ވަނީ ވަކިކޮށްފަ އެވެ.

ޑީއާރްޕީ އަދި ޕީޕީއެމްގެ އެންމެ އިސް މަގާމު ރައީސް މައުމޫން ފުރުއްވި އެވެ. އާ ޕާޓީގެ ރަސްމީ މަގާމަކަށް ވަޑައިގަންނަވާނަންތޯ ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ސިޔާސީ މަސައްކަތްޕުޅު ހިންގެވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު އެއް ވާހަކައެއް ދަންނަވާލާނަން، ގައުމު ދެކެ ލޯބިވުމަކީ ގައުމަށް ހެޔޮ އެދުމަކީ ހިދުމަތް ކުރުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫން، ހިދުމަތުގައި ދެމިހުރުމަކީ އެމީހެއްގެ ހައްގެއް، ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑަށް އެފަދަ ފުރުސަތެއް ލިބި، އެފަދަ ސިއްހަތެއްގައި ހުރިއްޔާ އަޅުގަނޑު އެ މަސައްކަތެއްގައި އުޅޭނަން، ފެށުނީންސުރެ ނިމެންދެން ގައުމަށް ހިދުމަތް ކުރަން އަޒުމު ކަނޑައަޅައިގެން ހުރި މީހެއް އަޅުގަނޑަކީ" ރައީސް މައުމޫން ވިދާޅުވި އެވެ.

"ވަކި އުމުރަކަށް ދިޔައީމަ ކޮންމެހެން ރިޓަޔާކޮށްފަ ގައުމަށް ހިދުމަތް ނުކުރަން އެހެން ނިންމާފަ ހުރި މީހެއް ނޫން، އެހެންވީމަ ދެން އޮތްތާގައި ވެސް ބޭފުޅަކު ނޫނީ ބަޔަކު އަޅުގަނޑު ކަމަކަށް އިންތިހާބު ކުރައްވާ މަސައްކަތެއް ހަވާލުކޮށްފިއްޔާ އެ މަސައްކަތަކީ ކުރެވޭ ވަރުގެ މަސައްކަތަކަށް ވިއްޔާ އަދި ގާބިލްކަން ހުރެއްޖެޔާ އެކަމެއް އަޅުގަނޑު ގަބޫލު ކުރާނަން،"

ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާއިރު އެމަނިކުފާނުގެ އެފަދަ ވިސްނުމެއް ގެންގުޅުއްވާތޯ ވެސް ނޫސްވެރިޔަކު ސުވާލުކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މަޖިލީހަށް ކުރިމަތިލެއްވުމުގެ އެއްވެސް ވިސްނުންފުޅެއް އެއް ވެސް އިރެއްގައި ނެތް ކަމަށެވެ. އެކަމަށް ޝައުގުވެރިކަން ހުންނެވިނަމަ އެކަން ކުރިން ކުރެއްވީސް ކަމަށެވެ.

އެހެންނަމަވެސް ކުރީގެ ރައީސުންނަށް ވެސް މަޖިލީހަށް ވާދަ ކުރެއްވެންވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ކުރީގެ ރައީސުންނަށް ވާދަ ނުކުރެވޭ ގޮތް ހެދުމަށް މަޖިލީހަށް މިހާރު ވައްދާފައި އޮތް އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފުވާ އިސްލާހެއް ކަމުން އެއަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.