ސަރުކާރު ހިންގާ ކޯލިޝަންގައި ނުހިމެނޭ އެއްވެސް ޕާޓީއަކާއެކު މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ކޯލިޝަން ތެރޭގައި ހިޔާލު ތަފާތުންތަކެއް އުފެދިފައިވަނިކޮށެވެ. އަދި ކޯލިޝަން ރޫޅިދާނެ ކަމުގެ ބީރު ހީވެފައިވަނިކޮށެވެ.
އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައިވާކަން އިއުލާން ކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ކޯލިޝަން ވަރުގަދަކޮށް ކުރިއަށް ގެންދިޔުމަށް ކުރިން ވެސް އަދި މިހާރު ވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް މި ކޯލިޝަން ވަރުގަދަކޮށް ދެމި އޮތުން، އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު މިހާރު ވެސް ކުރަމުން ގެންދަން، އަދި ވޭތުވެދިޔަތާ ވެސް އޮންނާނީ ކޮށްފަ، މި އުޅޭ މައްސަލާގައި ވެސް ގޮނޑިތައް ބަހާނެ ގޮތާމެދު ވެސް ވަކިވަކިން ބޭފުޅުންނަށް ގުޅާ އަޅުގަނޑު ވާނީ މަސައްކަތްތަކެއް ކޮށްފަ، އެކަމަކު ވެސް އެ ހައްލަކަށް ނައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު އެއްގޮތަކަށް ވެސް މަސައްކަތް ހުއްޓާއެއް ނުލައެއް، އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނަން،"
ރައީސް މައުމޫން ވިދާޅުވީ ކޯލިޝަންއާއެކު ސާބިތުވެ ހުންނަވާނެ ކަމަށާއި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާއެކު އެއްބަސްވެވޭ ކޮންމެ ގޮތަކަށް ވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އިތުރު ޕާޓީއަކާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
"ކޯލިޝަން ތެރޭގައި ތިބި ޕާޓީތަކާއެކު އަޅުގަނޑުމެން މިތިބީ ތައްޔާރަށް، އެއީ ޖުމްހޫރީ ޕާޓީ ކަމުގައި ވިޔަސް އެމްޑީޕީ ކަމުގައި ވިޔަސް އަދާލަތު ޕާޓީ ކަމުގައި ވިޔަސް، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން އެއްބަސްވެވުނު ކޮންމެ ގޮތަކަށް ކުރިއަށް އަޅުގަނޑުމެން ތިބޭނީ ތައްޔާރަށް، އެ ނޫން ގޮތެއް ނެތް، އެ ނޫން ޕާޓީއެއް ނެތް އަޅުގަނޑުމެން ކޯލިޝަން ހަދާނެ ނުވަތަ އެކީގައި މަސައްކަތް ކުރާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ބެހުމާ ގުޅޭ ގޮތުން އެމަނިކުފާނު ޖަލުގައި ހުންނެވުމުން ސޮއި ނުކުރެއްވުނު ކަމަށެވެ. ނަަމަވެސް އެ އުސޫލަށް އެމަނިކުފާނު ތާއިދު ކުރައްވާ ކަމަށެވެ. އަނެއް ތިން ޕާޓީއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވަކިވަކިން ސޮއި ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެެއީ ކޯލިޝަން އެއްބަސްވުމެއް ކަމަށް އެމްޑީޕީއިން ގަބޫލު ނުކުރަނީ އޭގައި ހަތަރު ލީޑަރުންގެ ސޮއި ނެތުމުންނެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި އެއީ އެއްބަސްވުމަކަށްވާނެ އެވެ. އެކަމަކު، އެ އުސޫލާ ހިލާފަށް މިހާރު މަސައްކަތްތައް ކުރެވިއްޖެ ކަމަށެވެ. އެމްޑީޕީއިން 86 ދާއިރާއަށް އަދި ޖުމްހޫރީ ޕާޓީ 36 ދާއިރާއަށް ވާދަކުރާކަން ހާމަކުރިއިރު އެއީ އެއްބަސްވުމުގައި އޮތް އުސޫލު ނޫން ކަމަށެވެ. އެހެންވެ މިހާރު އެމްއާރްއެމްއަށް ވެސް ބޭނުން އަދަކަށް ކެންޑިޑޭޓުން ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ކެންޑިޑޭޓުން ކަނޑައެެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެއްވި އެވެ.
މިހާރު ވެސް އެމަނިކުފާނު ހުންނެވީ ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ސޯލިހުގެ ދައުވަތެއްގެ އިންތިޒާރުގަ ކަމަށާއ ގޮވާލެއްވި ކޮންމެ ވަގުތެއްގައި ވެސް ވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެހެން ލީޑަރުން ވެސް ތިއްބެވީ އެގޮތަށް ތައްޔާރަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.