ހަބަރު

މިނިވަން ބަޔަކަށް ގާނޫނީ ވަކީލުން ވާންޖެހޭ: އުއްތަމަ ފަނޑިޔާރު

ގާނޫނީ ވަކީލުންވާން ޖެހޭނީ މިނިވަން ބަޔަކަށް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލްކަމުގެ ހުވާ ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއް އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަލަށް ހުވާ ކުރެއްވި ގާނޫނީ ވަކީލުން އަޅުއްވާ ފިޔަވަޅަކީ ކާމިޔާބު ޕްރޮފެޝަނަލް ކެރިއަރަކާއެކު އިހްލާސްތެރި ގައުމީ ހިދުމަތެއްގެ މިސްރާބުގައި އަޅުއްވާ ފިޔަވަޅަކަށްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ގާނޫނީ ވަކީލުންގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި މިރޭ ހުވާ ކުރެއްވި ފަރާތްތަކުން ވެސް މި ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"މުޖުތަމައުގައި ގާނޫނީ ވަކީލުން ފޯރުކޮށްދޭ ހިދުމަތަކީ ގާނޫނުގެ ސިޔާދަތު ނަގަހައްޓައި ގައުމީ މަސްލަހަތާއި އާންމު މަސްލަހަތުގެ އިތުރުން ފަރުދީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަށްޓަކައި ނުހަނު މުހިންމު އަދި އަސާސީ ހިދުމަތެއް، އެހެން ކަމުން އެހިދުމަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި އެދާއިރާއަށް އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންވެސް އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގަންނަވަންޖެހޭނެ ކަމަކީ ތެދުވެރިކަމާއެކު ޒިންމާދާރުކަމާއެކު އެހިދުމަތް ކުރެއްވުމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގެ ހުރުމަތާއި އިތުބާރު ދެމެހެއްޓުމަށްޓަކައި ގާނޫނީ ވަކީލުންގެ ދައުރަކީ ވަރަށްވެސް މުހިންމު ދައުރެއް ކަމަށާއި ގާނޫނުގެ ހުކުމް ދަމަހައްޓައި އަދުލު އިންސާފަށް ވާސިލްވުމަށް ފަސޭހަކޮށް ކަށަވަރު ކުރުމަށްޓަކައި ވަކީލުންގެ މަސައްކަތަކީ ލޮރޫރީި މަސައްކަތެއް ކަމަށެވެ.

"މިކަންކަން ރަނގަޅަށް ކުރެވޭނީ ގާނޫނީ ވަކީލުންގެ ޕްރޮފެޝަނަކީ މިނިވަން މުސްތަގިއްލު ޕްރޮފެޝަނަކަށްވެގެން، ހަރުދަނާ ސުލޫކީ އަދި އަހުލާގީ މިންގަނޑެއްގެ މަތީގައި ސާބިތުވެ ގާއިމްވެފައިވާ ޕްރޮފެޝަނަކަށްވެގެން، އާންމު ރައްޔިތުންނާއި މަދަނީ މުޖުތަމައު އިތުބާރު އެޕްރޮފެޝަނަކަށް ލިބިއޮތް ޕްރޮފެޝަނަކަށް ވެގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދުގައިވާ ގޮތުގެ މަތީން އިސްލާމީ ޝަރީއަތަށާއި ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމްކޮށް މުހިންމު އަސާސްތައް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ގާނޫނީ ވަކީލުންގެ ޕްރޮފެޝަނާބެހޭ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ބަލަހައްޓާނޭ ބާ ކައުންސިލެއް ވަރަށް އަވަހަށް އުފެދިގެންދާނެ ކަމަށެވެ. އަދި އުންމީދަކީ މުސްތަގިއްލު ބާ ކައުންސިލެއް އުފެދުމުން ރާއްޖޭގެ ގާނޫނީ ވަކީލުންގެ ޕްރޮފެޝަން އިތުރަށް ތަރައްގީވެ ކުރިއަރައިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ގާނޫނީ ވަކީލްކަމުގެ ހުވާ ކުރެއްވި 104 ފަރާތަށް ހުވާލާދީ، ހުއްދަދިން ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.