ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތު އުފުލި މަނީ ލޯންޑާކުރުމުގެ ފުރަތަމަ ދައުވާ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގެންނެވި ޑރ. ދީދީ ވަނީ ރައީސް ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ފާހަގަކުރެވޭ ތިން ކަމެއް ހިއްސާކުރައްވާފަ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ އުންސުރު ފުރިހަމަނުވާ ބާތިލް ދައުވާއެއް ކަމަށެވެ. އެ ދައުވާގެ ބޭނުމަކީ ޝަރުއީ ދާއިރާ ބޭނުންކޮށްގެން އިދިކޮޅު ލީޑަރު ސިޔާސީ މައިދާނުން އެކަހެރި ކުރުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވީ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީން ބަންދުން ދޫނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު، ތުހުމަތުން ބަރީއަވުމުން ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.
"މިކަން ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓުގެ ނިންމުންތަކުން އެނގެން އޮންނަކަން،" ދީދީ ވިދާޅުވި އެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކުރުމަށް ބޭނުންވާ އިސްލާހުތައް ލަސްނުކޮށް ގެންނަން ޖެހިފައިވާ މައްސަލަ އެެވެ. އެގޮތުން އެންމެ ފުރަތަމަ އިސްލާހުކުރަންޖެހޭ ދެ މުއައްސަސާ އަކީ ޖޭއެސްސީ އާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި އެ މައްސަލަ ތަހުގީގުކުރުމާއި، ދައުވާކުުރުމުގައި އިދާރާތަކުން ހަދާފައިވާ ގޯސްތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ތަހުގީގު ކުރި މައްސަލައާއި ދައުވާކުރި މައްސަލާގައި މައުލޫމާތު ހޯދާފައިވާ ހުރި ގޮތާއި ބައެއް މައުލޫމާތުގެ ސައްހަކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވެ އެވެ