ޑރ. އަހުމަދު އަބްދުﷲ ދީދީ

ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރެއް ނުކުރޭ: ދީދީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޑީޑީ މިހެން ވިދާޅުވީ ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ބަލަން ޖެހޭ ކަމަށް ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ނެރުނު ބޮޑު އަމުރާއި ގުޅިގެންނެވެ. އޭރު އުއްތަމަ ފަނޑިޔާރަކީ މަގާމުން ދުރުކުރި އަބްދުﷲ ސައީދެވެ. އެ އަމުރާއި ގުޅިގެން ސިފައިން ހައްޔަރުކުރީ އަބްދުﷲ ސައީދާއި އޭރު ކޯޓްގައި ހުންނެވި އެންމެ ސީނިއާ ފަނޑިޔާރު އަލީ ހަމީދެވެ.

އެއަށްފަހު ދެން އުއްތަމަފަނޑިޔާރު ކަމަށް ވަޑައިގެންނެވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުން އެންމެ ފުރަތަމަ ބަލަން ޖެހޭ ދެ މައްސަލަ އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާއި ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.

"ބަލަން ޖެހޭ ހަގީގީ މައްސަލަ އަކީ ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވި ކަމަށް ތުހުމަތު ކުރެވުނު/ކުރެވޭ ފަރާތްތަކުގެ މައްސަލަ،" ދީދީ ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރުވައި، އެ މީހުންގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތު ކުރުން ހިމެނެއެވެ.