ޑރ. އަހުމަދު އަބްދުﷲ ދީދީ

ގަރާރު ބާތިލް، ތަންފީޒެއް ނުކުރެވޭނެ: ޑީޑީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފުޅާކޮށް ބޮޑުކޮށްފަައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެރުއްވި ގަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ އެއްވެސް ސަރަހައްދެއްގައި ގާނޫނީ ގޮތުން ތަންފީޒު ކުރެވޭނެ ގަރާރެއް ނޫން ކަަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޑރ. ދީދީ މިރޭ ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއާ ހަވާލާ ދިނުމަކުން ބާތިލް ގަރާރެއް ސައްހަ ވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ވިދާޅުވެ އެ ގަރާރަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރު ހިނގާ އެއްވެސް ސަރަހައްދެއްގައި ގާނޫނީ ގޮތުން ތަންފީޒު ކުރެވޭނެ ގަރާރެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ 115 ވަނަ މާއްދާއާ ހަވާލާ ދިނުމަކުން ބާތިލް ގަރާރެއް ސައްހަވާނެ ގޮތެއް ނޯންނާނެ. މުޠުލަގު ސިފައެއްގައި ގާނޫނު އަސާސީއާ ހިލާފު ތިޔަ ގަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ އެއްވެސް ސަރަހައްދެއްގައި ގާނޫނީ ގޮތުން ތަންފީޒު ކުރެވޭނެ ގަރާރެއް ނޫން،" ދީދީ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން ފުލުހުން ނިކުމެ ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބޮޑު ބެނާ ވަނީ ނަގާފައެވެ. އަދި ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބެނާވެސް ވަނީ މިހާރު ނަގާފައެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މިއަދު ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ.

މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

އަދި މި ކެމްޕޭނު ނުހުއްޓެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމަށް މި ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

"ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއްކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނުފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވޭ،" ރައީސް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.

އެހެންކަމުން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގަވައިފަ އެވެ.