ޑރ. އަހުމަދު އަބްދުﷲ ދީދީ

ހަގީގަތަކީ ހުދުމުހުތާރު ވެރިކަން ރައްޔިތުން ބަދަލުކުރާނެކަން: ޑީޑީ

އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓާޝިޕްތަކުގެ ވަރަށް ހާއްސަ ސިފައެއް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.

އުއްތަމަފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަކިކުރެއްވި ފަހުން ޓްވިޓާ މެދުވެރިކޮށް ގިނަ ވާހަކަތައް ހިއްސާ ކުރައްވާ ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓާޝިޕްތަކުގެ ވަރަށް ހާއްސަ ސިފައެއް ކަމަށެވެ. އޭނާ ވިދާޅުވީ އެނގެން ޖެހޭ ހަގީގަތަކީ ސިޔާދަތުގެ ވެރިންނަކީ ރައްޔިތުން ކަމަށެވެ. އަދި ހުދުމުހުތާރު ވެރިކަން ރައްޔިތުން ބަދަލުކުރާނެކަން ދަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓާޝިޕްތަކުގެ ވަރަށް ހާއްސަ ސިފައެއް. އެނގެންޖެހޭ ހަގީގަތަކީ ސިޔާދަތުގެ ވެރިންނަކީ ރައްޔިތުންކަން. ހުދުމުހުތާރު ވެރިކަން މާތް الله ގެ އިރާދަފުޅާ އެކު ރައްޔިތުން ބަދަލުކުރާނެކަން," ފެބްރުއަރީ 1، 2018 ގެ ބޮޑު އަމުރަށްފަހު އޭރުގެ އުއްތަމަފަނޑިޔާރު މަގާމުން ވަކިކުރެއްވުމުން އެ މަގާމަށް ވަޑައިގެެންނެވި ޑރ. ދީދީ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ދީދީ ގެންދަވަނީ ގާނޫނީ އެކި މައްސަލަތަކާއި ސިޔާސީ ބައެއް މައްސަލަތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވަމުންނެވެ. އެކި މައްސަލަތަކުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ވަރަށް ގިނައިން ޓްވިޓާގައި ވިދާޅުވެ ދެއްވައެވެ. ސަރުކާރަށް އަމާޒުކޮށް މިއަދު ޓްވީޓެއް އޭނާ ކުރެއްވިއިރު އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ފެށުމަށް މިއަދު ވަނީ ޗިޓް ފޮނުވާފައެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އިތުރު ދެ ދައުވާއެއް މިހާރުވެސް ކޯޓްތަކުގައި އެބަ ހިނގައެވެ.