ލައިފްސްޓައިލް

ބުކް ކްލަބެއްގެ ތަޖުރިބާ ކޮށްފިންތަ؟

އެންމެނަކީ ވެސް ދިރިއުޅުމުގެ އެކި އެކި ކަންކަމާ މަސްއޫލުވެ، ބިޒީ ލައިފެއް ހޭދަކުރާ ބައެކެވެ. އެކަމަކު ވެސް ފޮތެއް ކިޔައިލަން ވަގުތުކޮޅެއް ހުސްކޮށްލަން ޖެހެ އެވެ. ގަދަ އަޅައި ވަގުތު ހޯދައިގެން ވިޔަސް ކުރަންވީ ކަމަކީ މިއީ އެވެ. ފޮތް ކިޔަން ހެއްޔެވެ؟ އެންމެ ފަހު ކިޔައިލެވުނީ ކޮން ފޮތެއްކަން ހަނދާނުގައި އެބަހުރި ހެއްޔެވެ؟

ގިނައިން ފޮތް ކިޔުމަކީ ސިކުނޑި ތަރައްގީވެ މައުލޫމާތު މުއްސަންދިވުމުގެ އިތުރުން މީހާގެ އުމުރު ދިގުވާ ކަމެއް ކަމުގައި ވެސް ބައެއް ދިރާސާތަކުގައި ބުނެ އެވެ.

ބޭރު ގައުމުތަކުގައި ފޮތް ކިޔާ މީހުނަށް ހާއްސަ ބުކް ކްލަބުތައް ވަރަށް ގިނަ އެވެ. ކޮންމެވެސް އެއް ފޮތެއް ކްލަބުގައި ބައިވެރިވާ އެންމެން ކިޔުމަށްފަހު އެ ފޮތަކާމެދު މަޝްވަރާކުރަނީ އެވެ.

އެ ގޮތަށް ރާއްޖޭގެ މެނޭޖްމަންޓް ކޮންސަލްޓަންސީ ފާމެއް ކަމަށްވާ "މައިންފީލްޑް" ގެ ފަރާތުން ބުކް ކްލަބެއް ހަދައި އެ ބުކް ކުލަބްގެ ފުރަތަމަ އިވެންޓް ރޭ މާލޭގައި ވަނީ ބާއްވާފަ އެވެ.

މައިންޑްފީލްޑް ގެ ފަރާތުން ބުކް ކްލަބުގައި ބޭއްވި ފުރަތަމަ ޑިސްކަޝަންގައި ރޭ ހިޔާލު ފާޅުކޮށް ވާހަކަ ދެކެވުނީ މިޝެލް އޮބާމާގެ "ދަ ބިކަމިން" ގެ މައްޗަށެވެ.

މައިންޑްފީލްޑްގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު މިސްތޯ ވިދާޅުވި ގޮތުގައި މިއީ ފޮތެއް ކިއުމަށް ފަހު އެއިން އިބްރަތެއް ހާސިލު ކުރަން މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވި ޑިސްކަޝަނެކެވެ.

އޭނާ އަދި ވިދާޅުވީ މަހަކު އެއްފަހަރު ފޮތެއް ކިޔާލައި އެ ފޮތަކާބެހޭ މައުލޫމާތު ހިއްސާކޮށް ބަދަލު ކުރުމާއި ފޮތުން ދަސްވި އެއްޗެއް އާއްމު ދިރިއުޅުމަށް އެޕްލައި ކުރުމަށް ބޭނުން ކުރެވިދާނެ ޓިޕްސްތަކާމެދު ވާހަކަ ދެއްކުން ދެން އޮންނަ އެ ކްލަބުގެ ބައްދަލުވުމެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ.

މިޝޭލް އޮބާމާގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "ދަ ބިކަމިން" އަކީ އިބުރަތްތެރި އެތައް ފިލާވަޅުތަކެއް ލިބޭ ފޮތެކެވެ. އެކަމަނާގެ އެންމެ ތުއްޕުޅު އިރުގެ ހަނދާންތަކުން ފެށިގެން އެމެރިކާގެ ރައީސްގެ އަނބިކަނބަލަކަށް ވެވަޑައިގަތުމަށްފަހު މިހާރު ހޭދަ ކުރައްވާ ސާދާ ދިރިއުޅުން އެ ފޮތަށް ހިއްސާކޮށްފައި ވެ އެވެ. ދުނިޔޭގައި ވެސް އެ ފޮތަކީ އިންސްޕަޔަރިން ފޮތަކަށް ވެފައި ވެއެވެ.

މައިންޑްފީލްޑް އިން ހުޅުވި ބުކް ކްލަބުވެގެން ގޮސްފައި ވަނީ ތަފާތު އެކި ފީލްޑްތަކުގެ މީހުން އެއް ފޮތެއް ކިޔުމަށްފަހު އެއް މޭޒެއް ދޮށަށް ގޮސް އެ ފޮތަކާމެދު މަޝްވަރާކޮށް އެ ފޮތުގެ މެސެޖްތައް އެހެންމީހުނާ ހިއްސާ ކުރަން ލިބޭނު ފުރުސަތަކެވެ.

މައިންޑްފިލްޑް އަކީ ކޮންސަލްޓަންސީ މަސައްކަތުގެ އިތުރުން "މައިންޑް ޓޯކް" ގެ ނަމުގައި އެކި އެކި ތަޖުރިބާކާރުންގެ މައުލޫމާތު އާއްމުންނަށް ފޯރުންތެރި ކުރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ބައެކެވެ.