ހަބަރު

ސަލާން ޖަހަން ޖެހޭ ސަބަބު ހޯދަން މިނިސްޓަރު އެމީހުން ގާތަށް

އަސާސީ ބޭނުންތައް ފުއްދުމަށް މާރުކޭޓް ސަރަހައްދުގައި ސަލާން ޖަހަން ތިބޭ މީހުންގެ ހާލަތާއި އެމީހުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް އެ ފަރާތްތަކާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ލޯކަލް މާރުކޭޓް ސަރަހައްދުގައި ސަލާން ޖަހަން ތިބޭ ފަރާތްތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކަށް ބޭނުންވާ ކަންކަމާއި ދިމާވެފައިވާ ދަތިތަކުގެ ޝަކުވާތައް މިނިސްޓަރު މިއަދު ވަނީ އަޑުއައްސަވާފަ އެވެ. އަދި އެފަރާތްތަކުން ސަލާން ޖަހަންޖެހޭ ސަބަބުތަކަކީ ކޮބައިކަން ބަލައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން މިނިސްޓަރު ވަނީ ބައްލަވާފަ ވެއެވެ.

ނޫސްވެރިންނަށް މަައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސްކީމްތަކުގެ ތެރެއިން ބޭނުންތައް ފުއްދާ ދެމުން ގެންދާއިރު ވެސް އެފަދަ ފަރާތްތައް މަގުމަތީގައި ތިބެންޖެހޭ ސަބަބު ދެނެގަތުމަށް އެފަރާތްތަކުގެ ޝަކުވާތައް އަޑުއެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިއަދު އިނގިގެން ދިޔައީ ވަކި އުމުރު ފުރާއަކަށް ދިޔާމަ ވަޒީފާއަށް ދިއުމުގެ ގޮންޖެހުންތައް ހުރުމާއެކު އެމީހުންގެ ދިރިއުޅުމުގެ ބޭނުންތައް ނުފުއްދޭތީ މިތަނަށް އަންނަކަން، އެގޮތުން ވަޒީފާގެ ބޭނުން އޮތްކަން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔަ، ކުލި ދައްކައިގެން ދިރިއުޅެވޭނެ ތަނެއް ނެތިފައި އަދި އާއިލާގެ ތެރެއިން އަޅާނާލެ މީހުންނެތި ދަރިންވެސް އަޅާލާނެ ހާލަތެއް ނެތި ތިބިކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނިކަމެތިންގެ ނިކަމެތިކަން އިތުރުވާފަދަ ގޮތަކަށް ކަންކަންވާން ނޭދޭ ކަމަށާއި އެ ފަރާތްތަކާ ވާހަކަ ދައްކައިގެން ސަރުކާރުން ކުރެވެންހުރި ކަންކަމަކީ ކޮބައިކަން ބަލައި އެކަމަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އެ ފަރާތްތަކަށް ފުރުސަތު ނުލިބި އޮތް ސަބަބާއި އެ ފުރުސަތު ފަހިކޮށްދެވޭނެ ސަބަބު ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކާ ގުޅިގެން ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.