ހަބަރު

އެމްއާރްއެމް އުފައްދައިގެން ލޮޅުއްމެއް ނާންނާނެ: ޔާމީން

ކުރީގެ ރައީިސް މައުމޫން އަބުދުލްގައްޔޫމް އާ ޕާޓީއެއް އުފެއްދެވުމަކީ ޕީޕީއެމަށާއި ކޮންގްރެސް ޕާޓީއަށް ގޮންޖެހުން އޮތް ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.

ޕީޕީއެމް އޮފީހުގައ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން އާ ޕާޓީއެއް އުފެއްދެވުމަކީ ގޮންޖެހުމެއް އޮންނާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ ފިކުރުގައި ތިއްބެވި ބޭފުޅުން އެ ދެޕާޓީގައި ތިއްބަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ޕީއެންސީ އުފައްދާފައި ތިން ގަޑިއިރުނުވެ 3000 ފޯމް ހުށަހެޅިން، އެއީ އަދި އަޅުގަނޑުމެން އަތޮޅު ތެރެއަށް ދަތުރުވެސް ނުކޮށް، އަޅުގަނޑު ގަބޫލެއް ނުކުރަން އެހެން ބޭފުޅަކު އަދި ޕާޓީއެއް އުފެއްދެވި ނަމަވެސް އެހާބޮޑު ލޮޅުމެއް ގޮންޖެހުމެއް އަތުވެދާނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ޕާޓީއަކާއެކު ވެސް މަޝްވަރާ ކުރަން ތައްޔާރަށް ތިއްބެވި ކަމަށެވެ. ނަމަވެސް އުނދަގޫވާނީ އެމްޑީޕީއާއެކު މަސައްކަތް ކުރަން ކަމަށާއި އެއީ ތަފާތު ދެ ފިކުރުގެ ދެ ޕާޓީއަށްވާތީ ކަމަށެވެ.

ރައީސް މައުމޫނާއެކު ކޯލިޝަން ހައްދަވައިފާނަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫން ވެސް ޕާޓީއެއް ހެދުމުން ކޯލިޝަން ހަދަން ބޭނުންވާނަމަ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީ ހަދަން ލައްކަ ވަގުތު ނަގައިފި ނޫންތޯ، އެހެންވީމަ ގުޑް ލަކް ދެން ޕާޓީއެއް ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް، ޕާޓީއެއް ހެދިގެން މި މޫސުމުގައި އިންތިހާބުގެ ކުރިން އައިސް އަޅުގަނޑުމެންނާ ވާހަކަ ދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ ހަމަ ވީ ކޭން ސިޓްޑައުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު އެއީ އެމަނިކުފާނު އުފައްދަވާ ތިންވަނަ ޕާޓީ އެވެ. މީގެ ކުރިން ޑީއާރްޕީ އާއި ޕީޕީއެމްއަކީ ވެސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި ދެ ޕާޓީ އެވެ. ޑީއާރްޕީގައި މައްސަލަ ޖެހިގެން ޕީޕީއެމް އުފެއްދެވިއިރު ޕީޕީއެމްއިން އެމަނިކުފާނު ވަނީ ވަކިކޮށްފަ އެވެ.

މައުމޫން އާ ޕާޓީ އުފައްދަވަން ނިންމެވިއިރު ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި މައްސަލަ އަދިވެސް އޮތީ ސުޕްރީމް ކޯޓްގަ އެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ކޮންގްރެސް ސައްހަ ނޫން ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އެ ކޮންގްރެސް ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ، ކޯލިޝަންއާއެކު ސާބިތުވެ ހުންނަވާނެ ކަމަށާއި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާއެކު އެއްބަސްވެވޭ ކޮންމެ ގޮތަކަށް ވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އިތުރު ޕާޓީއަކާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.