ހަބަރު

މަޖިލީހުގައި އެންމެ މުހިންމު ދައުރު އަދާ ކުރެވޭނީ އެމްޑީޕީއަށް: ރައީސް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ މަޖިލީހުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ ވެސް އެމްޑީޕީއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ފަށަން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ގާނޫނުތަކުގެ އޮނިގަނޑު ނިންމާނީ މަޖިލީހުން ކަމަށެވެ. އަދި ވައުދުތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދޭނީ މަޖިލީހުގެ ނިންމުންތަކާއެކުގައި ކަމަށެވެ.

"ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ ވަރަށް ވެސް މުހިންމު ކަމެއް، އެ މަޖިލީހުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ މި އެމްޑީޕީއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ އެމްޑީޕީގެ މެންބަރުންގެ ވިސްނުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި މިއީ "ހިތާއި ހިތުގެ ގުޅުމެއް" ކަމަށެވެ.

"ހަމަ ގައިމުވެސް މިއީ ހިތާ ހިތުގެ ގުޅުމެއް، ތިޔަ ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލް ބިނާ ކުރަން ފައްކާވެފައިވާ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށެވެ. ހަލަބޮލިކަމާއި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި ވެސް އެމްޑީޕީގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށެވެ. ފާއިތުވި އަހަރު ތަކުގައި އެކަން އެމްޑީޕީން ސާބިތު ކޮށްދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ނިމިދިޔަ މި ޕާޓީގެ ޕްރައިމަރީއަކީ އެފަދަ ވަގުތެއް، ހަމަގައިމުވެސް އަޅުގަނޑު އެ ޕާޓީއަކަށް ނިސްބަތްވީތީ ފަހުރުވެރިވި ވަގުތެއް، ޕާޓީގެ މެންބާޝިޕް 86،086 އަށް އިތުރުވެ، 60،031 މެންބަރުން އިންތިހާބުގައި ވޯޓްލި، މުޅި ރާއްޖޭގެ 187 ރަށުގައާއި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޯޓް ލުން އިންތިޒާމްކޮށް ރޭވުންތެރިކަމާއެކު ބޭއްވި ޕްރައިމަރީއަކީ އަޅުގަނޑު ދެކޭގޮތުގައި ޑިމޮކްރަސީގެ އެންމެ ފުރިހަމަ ނަމޫނާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިޔާސީ ލީޑަރުންގެ ޒުވާން ޖީލެއް އެމްޑީޕީގައި އޮތްކަން ޕްރައިމަރީ އިން ސާބިތުކޮށްދީފި ކަމަށެވެ. އިންތިހާބެއްގައި އެއްބަޔަކު ނާކާމިޔާބުވާނެ ކަމަށާއި ނަމަވެސް މުޅި ޕްރައިމަރީގައި ވާދަ ކުރެއްވި ހުރިހާ ފަރާތްތަކަށް ލިބިގެން ދިޔައީ ކާމިޔާބީ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތްޕުޅުނ 25 އަހަރު ހޭދަ ކުރެއްވީ މަޖިލީހުގައި ކަމަށާއި ހަލަބޮލިކަމާއި ކަންބޮޑުވުމާއި އެތައް ކަމެއް އެ ފުރާޅުގެ ދަށުން ފެނި ވަޑައިގެންނެވި އިރު އުންމީދީ އެތައް ކަމެއްވެސް ފެނި ވަޑައިގެންނެވި ކަމަށެވެ.