ހަބަރު

އެމްޑީޕީގެ ކެމްޕެއިންނަށް އަމަލީ ގޮތުން ނުކުތީ މަޖިލީސް ހިނގާ ގޮތުން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އަމަލީ ގޮތުން ނުކުންނަވައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން މަސައްކަތް ކުރައްވަން މަޖުބޫރުވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިރޭ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރު ލިބުނަސް ހުރިހާ ފުދެން ނެތް ކަމަށެވެ. އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ލާމަރުކަޒީ ގާނޫނު އިސްލާހުކުރުން ކަމަށްވީ ނަމަވެސް ޓެކްސްގެ ނިޒާމް އިސްލާހުކުރުން ކަމަށް ވިޔަސް މިނިވަން މުއައްސަސާތައް އަދި ޝަރުއީ ނިޒާމް އިސްލާހު ކުރުން ކަމުގައިވީ ނަމަވެސް މި ހުރިހާ ކަމެއް ކުރެވެން އަންނަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް،" ރައީސް ވިދާޅުވި އެވެ.

"ގާނޫނީ ބާރު ލިބިގެން ނޫނިއްޔާ އަޅުގަނޑުމެން މި އެދޭ ފުރިހަމަ ބަދަލުތަކެއް ރާއްޖެއަށް ގެނެވޭކަށް ނެތް، މައްސަލަތައް ހުރީ ހުއްޓުމަކަށް އައިސްފަ، މަޖިލީހުގެ ތެރޭގައި ކުރަން ޖެހޭ އެއްވެސް ކަމެއް މިވީހާ ތަނުގައި އަޅުގަނޑުމެން ބޭނުންވި ސްޕީޑްގައި ކުރެވިގެން ނުދިޔަ،"

މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ކޯލިޝަނަށް އޮވެމެ، އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް މަގުފަހިކޮށް ދިނުމުގައި ރައްޔިތުންގެ މަޖިލިސް ފެއިލްވަމުންދާ ތަން ފެންނަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. ސީދާ އެމަނިކުފާނު އަމަލީ ގޮތުން ކެމްޕެއިނަށް ނުކުންނެވީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ މި ކުރިއަށް ދަނީ ރަނގަޅު މިސްރާބަކަށް ކަމަކަށް، އަޅުގަނޑުމެން ބޭނުންވި ރައްޔިތުންގެ މަޖިލީހެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވުނު، އެހެންކަމުން އަޅުގަނޑު އަމަލީ ގޮތުން މި ކެމްޕެއިނުގައި ބައިވެރިވެ އަޅުގަނޑުމެން މި ބޭނުންވާ ބަދަލުތައް ގެނައުމަށް ތާއިދު ކުރާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން، އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް އަޅުގަނޑަށް ނުކުންނަން މަޖުބޫރުވީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ބޭނުންވާތީ އެކަމުގެ އުއްމީދުގައި ކަމަށެވެ. މިއަދު އެމަނިކުފާނު ކުރައްވާ މަސައްކަތަކީ އެ މަސައްކަތް ކަމަށާއި ވައުދުތައް ފުއްދުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.