ހަބަރު

އާ މަޖިލީހުން ކޮމިޝަންތަކަށް ބާރު ދޭންޖެހޭ: ރައީސް

މަރުތަކާއި ހިޔާނާތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަންތަކަށް ގާނޫނީ ބާރު ދޭން ރައްޔިތުން މަޖިލީހުގެ މެންބަރުން ބޭނުން ނުވި ކަމަށާއި ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ށ. މިލަންދޫއަށް ކުރިމަތިލާ ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެންނެވި އިރު ކޮރޮޕްޝަނާއި ވައްކަމާއި ވީނުވީއެއް ނޭނގި ގެއްލުވާލާ، އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް އިންތިހާ ދަރަޖައަށް އޮތް ކަމަށެވެ. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް ރައްޔިތުން މަޖިލީހާ ހަމަޔަށް އެކަންކަން ދިޔުމުން އެ މައްސަލަތައް ބެލުމަށް އުފެއްދެވި ކޮމިޝަންތަކަށް ބާރު ދޭން ބޭނުން ނުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"މަރުތަކާއި ހިޔާނާތްތަކުގެ މައްސަލަ ބެލުމުގެ އެ މަސައްކަތް ފަށައިގަތިން. އެހެން ނަމަވެސް މިއަދު އެކަން މަޑު ޖެހިފައި އޮތީ ކީއްވެގެންކަން ތި ހުރިހާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، މަޖިލީހުން ދޭކަށް ބޭނުމެއް ނުވި ކޮމިޝަންތަކަށް ބާރެއް، ނަމަވެސް މި ހަނި ފުރުސަތުގެ ތެރޭގައި އެ މަސައްކަތް ކުރިޔަށް އެބަދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮމިޝަންތަކަށް ބާރު ދޭން ޖެހޭ އެތަށް ސަބަބެއް ހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިނިވަން މުއައްސަސާތައް ހެދިފައި ހުރި ނަމަވެސް އެއިން އެއްވެސް ތަނަކަށް ރައްޔިތުން އިތުބާރު ނުކުރާ ކަމަށެވެ. އަދި އެ ތަންތަނުގެ އިތުބާރު އޮތް ނަމަ އެފަދަ ކޮމިޝަންތަކެއް ހަދަން ޖެހިވަޑައި ނުގަތީސް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް ރިޔާސީ ކޮމިޝަންތަަކަށް ފުރިހަމައަށް ބާރުދީ އެ ކޮމިޝަންތަކުން ބަލާ މައްސަލަތައް ހުއްޓިފައި އޮތަދީގެން ނުވާނެ ކަމަށާއި އެ މަސައްކަތް އަލުން ފަށައިގަންނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގައި އަގުލަބިއްޔަތު ބޭނުންވަނީ އެކަންކަން ކުރުމަށްޓަކައި ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މަޖިލީހުގެ ތާއީދާއި އަގުލަބިއްޔަތު އަޅުގަނޑުމެން ބޭނުންވަނީ މިއަކަންކަން ކުރަން، ތަރައްގީއަށްޓަކައި ކުރަން ޖެހިފައިވާ ގިނަ ކަންކަން އެބަހުރި އެއީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ނޫނީ ނުކުރެވޭނެ ކަންކަން، މިއަދު ނިކުމެ މިތިބީ މިކަންކަން ފުރިހަމަ ކުރަން، އެއީ އަލުގަނޑުމެން ރާއްޖެއާ ދޭތެރޭ ކުރާ އުންމީދު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މަރުތަކާއި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަންތަކަށް ބާރު ދޭ ބިލު މަޖިލީހުގެ އެތަށް ފަހަރެއްގެ މަތިން ވޯޓަށް އަހަން މަސައްކަތް ކުރި އެވެ. ނަމަވެސް ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެންބަރުން ހާޒިރު ވެފައި ނުވާތީ އެކަންތައް ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން ބިލު ދިރާސާ ކުރި ކޮމިޓީ ރިޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ބިލު އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. އޭގެ ފަހުން އެ ބިލުގެ އެއްވެސް މަސައްކަތެއް މަޖިލީހުގައި ނުކުރެ އެވެ.