ހަބަރު

އެސްއެމްއީ ބޭންކްގެ ހިދުމަތް މާޗް މަހު ފަށަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް މި ސަރުކާރުން ގާއިމް ކުރާ އެސްއެމްއީ ބޭންކްގެ ހިދުމަތް އަންނަ މާޗް މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފަށަން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގައި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވިޔަފާރީގެ ބައިގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކުގެ ހިދުމަތް ދޭން ފެށުން ހިމެނެ އެވެ.

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް، އެސްއެމްއީ ބޭންކް އުފައްދާނީ ރާއްޖޭގެ ތިން ސިޓީ ކައުންސިލްގެ ހުއްދައާއެކު ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެސްއެމްއީ ބޭންކްގައި ފަސް ޕަސެންޓް ހިއްސާ ވުމަށް އައްޑޫ ސިޓީ ކައުންސިލުން ގަރާރެއް ވަނީ ފާސްކޮށްފަ އެވެ.

ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވަނީ މެދުރާސްތާއެއްގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ ކަމަށެވެ. އެ ބޭންކުން ލޯނު ދޫކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އެސްއެމްއީ ބޭންކުގައި ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދިނުމުގެ ގޮތުން، ތިން ސިޓީ ކަމުގައިވާ މާލޭ ސިޓީ އާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ހިއްސާ ހިމެނޭ ގޮތަށް އެ ބޭންކް އުފައްދަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.