ހަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް

Apr 20, 2019

ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު ނެރޭ ރިޕޯޓްގައި 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ރާއްޖެ ކުރިއަށް ޖެހިލައިފި އެވެ.

ދުނިޔޭގެ 180 ގައުމެއް ހިމަނައިގެން ރިޕޯޓާސް ވިތުއައުޓް ބޯޑާސް އިން އަހަރަކު އެއް ފަހަރު ނެރޭ ޕްރެެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ 22 ދަރަޖަ ކުރިއަށް ޖެހިފަ އެވެ.

މިދިޔަ އަހަރު 120 ވަނާގައި އޮތް ރާއްޖެ މި އަހަރު ވަނީ 98 ވަނައަށް ޖެހިލައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ނޫސްވެރިންގެ މިނިވަންކަން ވަރަށް ބޮޑަށް ހީނަރުވެފައިވީ ނަމަވެސް، ނޫސްވެރިންގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އާ ސަރުކާރުން ވެފައިވާ މުހިންމު ވައުދުތަކެއް ފުއްދާފައިވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން، އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރިތާ ދެ މަސް ދުވަހުގެ ތެރޭގައި، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމަށް އެކުލަވާލި އަނބުރުގެ ގާނޫނު ވަނީ އުވާލެވިފަ އެވެ.

ނަމަވެސް، މީގެ ފަސް އަހަރު ކުރިން ގެއްލުނު ނޫސްވެރިޔާ އަހުމަދު ރިލްވާން އަދިވެސް ހޯދިފައިނުވާއިރު، ޔާމީން ރަޝީދަށް ވެސް އިންސާފު ހޯދައިދެވިފައިނުވާކަން އެ ޖަމިއްޔާ އިން އިތުރަށް ފާހަގަކޮށްފައިވެ އެވެ.

އެ އިންޑެކްސްގައި ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ރާއްޖެއަށް ވުރެ ކުރީގައި އޮތީ ބޫޓާނެވެ. އަވަށްޓެރި އިންޑިއާ 140 ވަނާގައި އޮތް އިރު، މިދިޔަ އަހަރު ސްރީލަންކާއަށް ލިބިފައިވަނީ 126 ވަނަ ދަރަޖަ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ އެއްވަނަ މަގާމް ވެސް ހޯދީ ނޯވޭ އެވެ. ދެވަނައިގައި ފިންލޭންޑް އޮތް އިރު ދެން އެންމެ ކުރީގައި އުޅެނީ ސްވިޑްން، ނެދަލޭންޑްސް، ޑެންމާކް، ސްވިޒަލޭންޑް އަދި ނިއުޒީލޭންޑެވެ.