ވިޔަފާރި

ވީއައިއޭ މެދުވެރިކޮށް އުފުލި ކާގޯ ވިޔަފާރި ބޮޑުތަން އިތުރުވއްޖެ

Feb 2, 2019

ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) މެދުވެރިކޮށް ކުރި ކާގޯގެ ވިޔަފާރި ވޭތުވެދިޔަ ފަސް އަހަރު ބޮޑުތަކުން އިތުރު ވެއްޖެ އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ފަސް އަހަރު ތެރޭގައި ކާގޯ ވިޔަފާރި 240 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ވީއައިއޭ މެދުވެރިކޮށް އުފުލި ކާގޯގެ ތެރެއިން 62 ޕަސެންޓަކީ ފިނިކުރި ބާވަތްތައް ކަމަށެވެ. އަދި މީގެތެރެއިން 12 ޕަސެންޓް ހިއްސާ ކުރަނީ ޓްރާސްޓިޕްމަންޓްގެ ގޮތުގައި ވީއައިއޭއަށް ގެނައި ކާގޯގެ ބާވަތްތައް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ކާގޯގެ ވިޔަފާރި ފުޅާ ކުރުމަށް ހާއްސަ ޕްލޭނެއް އެ ކުންފުނިން އެކުލަވާލާފައިވާ ކަމަށެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުގެ ތެރޭގައި ކާގޯގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި ހާއްސަ ކާގޯ ޓާމިނަލެއް އެޅުން ހިމެނެ އެވެ. އަދި މިތަން ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ ދަށުން، މިތަން ތަރައްގީ ކުރަނީ އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭ ގޮތަށެވެ.