ލައިފްސްޓައިލް

ހަފުތާ ރެސް ތަޖުރިބާކޮށްފިންތަ؟

ހަފުތާ ބަންދުގައި ސޯޝަލް ސެންޓަރު ކައިރިން ފެށިގެން މޭޒުތައް އަތުރާލާފައި އޮންނަނީ "ހަފުތާރެސް" ނަމުގައި ޔޫތު މިނިސްޓްރީން އިންތިޒާމް ކުރާ މާކެޓެކެވެ. މިއީ ފުޑް ޓްރަކް ކޮންސެޕްޓަކަށާއި ދިވެހި އުފެއްދުންތަކަށް ހުޅުވާލައިގެން ބާއްވާ މާކެޓެކެވެ.

ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރުން ފެށިގެން ރޭގަނޑު 11:00 އަށް އޮންނަ މި މާކެޓަކީ ރާއްޖެ ސްޓައިލަށް ހުންނަ ކާބޯތަކެތި ވިއްކާ މޭޒުތަކެކެވެ. ބޮނޑިބަތާއި، ބޯކިބާ އާއި ޒާތްޒާތުގެ އަސާރަތަކާއި، ޕާނީ ޕޫރީ، ޓާކޯ އާއި ކިރިމިޖެހި ބަނަހާއި ސިނަމަން ރޯލާއި ޕޮޕްކޯނާއި ކޭކައި ކުކީ އެވެ. ކޮންމެ މޭޒެއްގައި ކޮންމެވެސް ކަހަލަ ބާބެކިއު ގްރިލް އެއް ބަހައްޓައިގެން އެއްޗެހި ވިއްކަ އެވެ. އޭގެ ތެރޭގައި ޗިކަން ކެބާބާއި ފިހުނު ކޯނާއި ބޯވަ އާއި ރާކަނި މަހާއި ކުކުޅު ފައި ހިމެނެ އެވެ.

މިއީ ގޭގައި ކޮންމެވެސް އެއްޗެއް ކައްކާލައިގެން ކާބޯތަކެތި ވިއްކުމުގެ ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ރަނގަޅު ފުރުސަތެކެވެ. އަދި މިއީ ހަފުތާބަންދުގައި ކޮންމެވެސް އާމްދަނީއެއް ހޯދަން ވެސް ލިބިފައި އޮތް ފުރުސަތެކެވެ. ވިޔަފާރިއެއް ފަށަން ގަސްދުކުރާ މީހެއް ނަމަ ތަޖުރިބާކޮށްލަން ވެސް ރަނގަޅު ފުރުސަތަކަށް ހަފުތާރެސް ވެއެވެ.

އިންތިޒާމް އޮންނަ ގޮތުން ވަގުތުން ތައްޔާރުކޮށްފައި ނުދެވުނަސް ގިނަ އެއްޗެހި ގޭގައި ތައްޔާރުކޮށްގެން ގެންގޮސް ވިއްކާލެވެ އެވެ. ހަފުތާރެސް އާއެކު ހުކުރު ދުވަހު ހަވީރު އާއިލާއާއެކު ވަގުތު ހޭދަކޮށްލައި އިރުއޮއްސޭ މަންޒަރު ބަލައިލަން ނުކުންނަ ވަރަށް ގިނަ ބަޔަކު ހަފުތާރެސް އިން ކާބޯތަކެތި ގަނެ އެވެ.

ކެންސާ ސޮސައިޓީގެ ހުށެހެޅުމަކަށް މި މާކެޓުގައި އެއްވެސް ގޮތަކަށް ސޮސެޖު ވިއްކުން މިހާރު ވަނީ މަނާ ކޮށްފަ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އަމުރަކަށް އިމްޕޯޓް މުދާ ވިއްކުން ވެސް ވަނީ މަނާ ކޮށްފައެވެ.

"އިމްޕޯޓް މުދާ ނުވިއްކޭތީ ދެރަ، އިމްޕޯޓް މުދާ ވިއްކިއިރު ސްޓޯލްތައް ގިނަވެ އަންނަ މީހުންވެސް ގިނަ... ހުކުރު ދުވަހު ވިޔަފާރި ވަރަށް ރަނގަޅު، ހަދާ ހުރިހާ އެއްޗެއްހެން ވިކޭ،" އެކަކު އޭނާގެ ހިޔާޅު ފާޅު ކުރި އެވެ.

އެހެން މީހަކު ބުނި ގޮތުގައި ހަފުތާރެސްގައި އިމްޕޯޓް މުދާ ވިއްކިއިރު އޭނާވެސް މޭޒެއް ނެގި އެވެ. އޭރު އާމްދަނީ ވެސް ރަނގަޅެވެ. އޭނާ އަދި ބުނި ގޮތުގައި އަތުން އެއްޗެއް ނުގޮސް އަތުގަ ހުރި މުދާކޮޅެއް ވިއްކާލަން އޭރު ފަސޭހަވި އެވެ.

ހުކުރު ދުވަހުގެ ރޭ މިއުޒިކާވެސް އެކުގައި އޮންނަ މި މާކެޓަކީ ޖައްސާލައި ސްޓްރީޓް ފުޑްގެ ރަހަ ބަލައިލަން ރަނގަޅު މާކެޓެކެވެ.