ލައިފްސްޓައިލް

ފޮތް ކިޔަން ބާރުއެޅުމަކީ ކުރެވޭނެ އެންމެ ރަނގަޅު ކަންތައް!

މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ހަބަރުތަކުގައި ޖަހާ އަދި ސޯޝަލް މީޑިއާގައިވެސް ވައިރަލްވި ފޮތްކިޔުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ އުމުރުން ދެ އަހަރާއި 11 މަހުގައި ފޮތް ކިޔުމަށް ހުރި ޝައުގުވެރިކަމުގެ ސަބަބުން ފޮތް ކިޔަން ފަށާފައިވާ ޑާލިޔާ އަރާނާގެ ވާހަކަ އަޑުއެހިންހެއްޔެވެ؟

ޑާލިޔާ އަރާނާ (ފޮޓޯގައި) ވަނީ އުމުރުން ހަތަރު އަހަރުގައި 1000 ފޮތް ކިޔާފަ އެވެ. އަދި ސެޕްޓެމްބަރު 2018 ގެ ނިޔަލަށް 2700 ފޮތް ކިޔާފައި ހުންނާނެ ކަމަށް ބެލެވެއެވެ. ފޮތް ކިޔުމަށް ޝައުގުވެރިވެ މި ހާ ތުއްތު އިރުން ފެށިގެން ކިޔަން ފަށާފައިވާތީ ވޯޝިންޓަންގައި ހުންނަ ލައިބްރަރީ އޮފް ކޮންގްރެސްއަށް ދިއުމުގެ ފުރުސަތުވަނީ ލިބިފަ އެވެ. މިއީ ޝެލްފް ސްޕޭސް އަށާއި ފޮތުގެ އަދަދަށް ބެލިކަމުގައި ވިއަސް ދުނިޔޭގެ އެންމެ ބޮޑު ލައިބްރައީ އެވެ.

އުމުރުން ހަ މަހުން ފެށިގެން ތުއްތު ކުދިންނަށް ފޮތް ކިޔައިދޭންވީ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަ މަހުން މަތީގެ ކުދިން އެ ކުދިންގެ ބެލެނިވެރިންނާއެކު ފޮތް ކިޔާނަމަ، އެކުދިން އުމުރުން ހަތަރު އަހަރުގައި ހަދާ އިންޓެލިޖެންސް ޓެސްޓުތަކުން މަތީ މާކުސް ހޯދައެވެ.

ޅަފަތުން ފެށިގެން ކުޑަކުދިންނަށް ފޮތް ކިޔައި ދިނުމުން ގިނަ ފައިދާތަކެއްވާ ކަމުގައި ދިރާސާތަކުން ދައްކަ އެވެ.

ކުޑަކުދިންނަށް ފޮތް ކިޔާދިނުމަށް އެކުދިންނާއެކު ވަގުތު ހޭދަ ކުރުމަކީ އެކުދިންނާއި އޮންނަ ގުޅުން ބަދަހިވާ ކަމަކެވެ. މިއީ ކުދިންނާއެކު ފައިދާހުރި ގޮތަކަށް ވަގުތު ހޭދަކުރުމަށް ވެސް ލިބޭ ފުރުސަތެކެވެ. އެކުދިންނަށް މައިންބަފައިންގެ ލޯތްބާއި އަޅައިލުން އަދި ވަގުތު ދޭކަމުގެ އިހުސާސް ޅަފަތުން ފެށިގެން ކުރެވުމަކީ ކުއްޖާ ކާމިޔާބުވުމަށް މަގުފަހިވާ ކަމެކެވެ.

ތުއްތު އިރުން ފެށިގެން މައިންބަފައިންނާއެކު ފޮތް ކިޔައި ވަގުތު ހޭދަ ކުރުމުން ފޮނި ހަނދާންތަކާއެކު، ބޮޑުވުމުން ވެސް ފޮތް ކިޔުމުގެ ރަނގަޅު އާދަ ކުއްޖާގެ ކިބައިގަ އަށަގަނެ އެވެ.

ކުދިންނަށް ފޮތް ކިޔައި ދިނުމުން އެ ކުދިންގެ ބަސްކޮށާރު މުއްސަންދިވެ ވާހަކަ ދެއްކުމަށް ވެސް އެހީތެރި ވެދެއެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި ކަންކަން ދަސްކުރުމުގެ ލޯބި ކުދިންގެ ކިބައިގައި އަށަގަންނަނީ އަދި ސްކޫލްގައި މޮޅު ކުދިންނަށް ވަނީ ޕްރީސްކޫލްގެ ކުރިން އެކުދިންގެ ޅަފަތުގައިވެސް ފޮތް ކިޔައިދޭ ނަމައެވެ.

ކުދިން ފޮތް ކިޔުމަށް ބާރު އަޅަންވީ އަނެއް ސަބަބަކީ ފޮތް ކިޔުމުގެ ސަބަބުން އެކުދިންގެ "އެޓެންޝަން ސްޕޭން" ދިގުވެ އެއްކަމެއް ކުރުމަށް ވަގުތު ހޭދަ ކުރަން ދަސްވާތީއެވެ. މީގެ އިތުރުންވެސް އެތަށް ގިނަ ފައިދާތަކެއް ކުރެއެވެ.

ފޮތް ކިޔުމަށް ބާރު އެޅުމުގެ ގޮތުން ފާސްޓް ފުޑް ފްރެންޗައިސެއް ކަމުގައިވާ މެކްޑޮނަލްޑްސް އިން ނިއުޒިލޭންޑް ގައި އެމީހުން ކުޑަކުދިންނަށް ހާއްސަކޮށްގެން ވިއްކާ "ހެޕީމީލް" ގަތުމުން ކުޅޭ އެއްޗެއް ދިނުމުގެ ބަދަލުގައި މަޝްއޫރު ކުޑަކުދިންގެ ފޮތް ލިޔުންތެރިއެއް ކަމުގައިވާ ރޮއަލްޑް ޑާލް ގެ ފޮތްތައް ހިލޭ ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ފާސްޓް ފުޑް އައުޓްލެޓުން ވަނީ މި ލިޔުންތެރިޔާގެ ހަ ޓައިޓަލްއެއްގެ ބައިތައް ހިމެނޭގޮތަށް ކުދި ފޮތްތަކެއް ތައްޔާރުކޮށް ހެޕީމީލްއާއެކު ދޭން ނިންމާފައެވެ. މިގޮތުން 800000 ފޮތް އަންނަ ހަ ހަފްތާގަ ތެރޭގައި ހޭޕީމީލް ގަތުމުން ދޭނެ އެވެ.