ހަބަރު

ލަންކާއަށް ކަނޑައެޅި ސަފީރު އެގައުމުގެ ރައީސަށް ފަތްކޮޅު އަރުވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އައްޔަންް ކުރެއްވި އުމަރު އަބުދުއް ރައްޒާގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާއަށް އަރުވައިފި އެވެ.

އުމަރު އަބުދުއްރައްޒާގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިރިސޭނައަށް އެރުވީ، އެކަމަށްޓަކައި ހުކުރު ދުވަހު ލަންކާގެ ރައީސްގެ ގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތަށްފަހު ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ މުނާސަބަތުގައި ސިރިސޭނަ، ސަފީރަށް ތަހުނިޔާ ދަންނަވާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ސިރިސޭނަގެ ވާހަކަފުޅުގައި، ސްރީލަންކާއަކީ އެތައް ހާސް ދިވެހިން އަމިއްލަ ވަޒަން ކަމުގައި ދެކޭ، ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއްކަމަށް ވިދާޅުވެ، ސްރީލަންކާ އާއި ރާއްޖޭގެ ގުޅުން، ހާއްސަކޮށް އިންވެސްޓްމެންޓްގެ ދާއިރާއިން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ސަފީރުގެ ވާހަކަފުޅުގައި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނުގެ ސަފީރުކަމުގައިވެސް އެގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ. ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިގްތިސާދީ ގޮތުން އޮންނަ، ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ. މީގެ އިތުރުންވެސް، ތައުލީމާ، ސިއްހަތާ އަދި ވިޔަފާރީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ސަފީރު އުމަރު ވަނީ ވިދާޅުވެފަ އެވެ.