ކުޑައިރު ފޮތްތަކުގައި ކުލަޖެއްސި ހަނދާން މިހާރު އެބަހުރި ހެއްޔެވެ؟ އަލުން ކުލަ ފަންސޫރާއި ކުލަޖައްސާފޮތްތައް ގަންނަންވީ އެވެ. މިހާރު މިއީ ބޮޑެތި މީހުންވެސް އެމީހުންނަށް ހާއްސަ ކުލަޖައްސާ ފޮތެއްގައި ކުލަޖެއްސުން ވައިގަ ހިފާފަވާ ދުވަސްވަރެކެވެ. ކުޑަކުދިންގެ ކްރެޔޯންސް ހަދާ ކުންފުންޏެއް ކަމަށްވާ ކްރެޔޯލާއިން ބޮޑެތި މީހުންނަށް ހާއްސަކޮށް ކުލަޖައްސާ ފޮތްތަކެއް ބާޒަރަށް ނެރުން ވެގެން ގޮސްފައި ވަނީ ބޮޑެތި މީހުން ކުލަޖެއްސުމަށް އަލުން ޝައުގުވެރިކޮށް މިކަން އާއްމުންގެ ގިނަބަޔެއްގެ މަގުބޫލުކަން ހޯދި ކަމަކަށެވެ.
ޖޯން ހޮޕްކިން ޔުނިވާސިޓީގެ ރިސާޗަރުންނައި އަދި ޔޯގާ ޖާނަލް ބުނާ ގޮތުން ބޮޑެތި މީހުން ކުލަ ޖެއްސުމަކީ މެޑިޓޭޝަން އާ އެއްވަރުގެ ފައިދާތަކެއް ކުރާ ކަމެކެވެ. ނިއުރޯސައިކޮލޮޖިސްޓެއް ކަމުގައިވާ ޑރ. ސްޓޭން ރޮޑްސްކީ ވިދާޅުވާ ގޮތުގައި މެޑިޓޭޝަނާއި އެއްގޮތަށް ކުލަޖެއްސުމަކީ ސިކުނޑީގެ އެނބުރޭ އެކި އެކި ހިޔާލުތަށް މަދުކޮށްދީ، އެއްކަމަކަށް ފޯކަސް ކޮށްދޭ ކަމެކެވެ. ވިއުމާއި ކުލަޖެއްސުން ފަދަ ކަންކަމަކީ ނަތިޖާ އަންދާޒާ ކޮށްލެވޭ ކަންކަން ކަމުގައި ވުމުން މި ފަދަ ކަންކުރުމުން މިހާއަށް ހަމަޖެހުން ލިބެ އެވެ.
ޓެކްނޮލޮޖީގެ އެހީގައި ކުލަ ޖެއްސުމުން ހަށިގަނޑަށް އަންނަ ބަދަލު ދެނެގަތުމުގެ މަސައްކަތާމެދު ހޯދި ހޯދުމުން ފާހަގަވީ ކުލަޖައްސާ ވަގުތު މިހާގެ ހިތުދެ ވިންދާއި ސިކުނޑީގެ މަސައްކަތަށް ނުވަތަ ބްރެއިން ވޭވްސްއަށް ބަދަލެއް އަންނަ ކަމަށެވެ. އަދި ކުލަޖައްސާ ފޮތްތަކުގެ ޑިޒައިންތަށް ތަކުރާރުވުމާއި، ޑިޒައިންގެ ތަފްސީލުތަކުގެ ސަބަބުން ބައިވެރިންގެ ޕޮޒިޓިވް ނިއުރޮލޮޖިކަލް ރެސްޕޮންސެއް އައި ކަމަށެވެ. މިއީ ބެލެވޭ ގޮތުގައި ލަފާކުރެވޭ ގޮތަށް ކަންކަން ހިނގާނަމަ ލިބޭ ހިތްހަމަޖެހުމާއި އެއްފަދަ ކަމެކެވެ.
ޖާނަލް އޮފް އެމެރިކަން އާޓް ތެރެޕީ އިން ޕަބްލިޝްކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މަންޑާލާސް ނުވަތަ ޖިއޯމެޓްރިކް ޕެޓާންތަކުގައި ކުލަޖައްސާނަމަ މީހާގެ ސްޓެރެސް އާއި އެންޒައިޓީ ދައްކޮށް ދެއެވެ. ކުލަޖެއްސުމުން ސްޓްރެސް މަދުވެ ހާސްކަން ފިލުމަށް މެދުވެރިވާ ސަބަބެއްކަމުގައި ވަނީ މިއީ ކުޑަ ކުޑަ އާދައިގެ ކަމެއް ކުރުމަށް މުޅި މީހާ ހުސްވެގެން ހުރުމުން މީހާ ރިލެކްސް ކުރަން ފުރުސަތު ލިބޭތީއެވެ.
ދިރިއުޅުމުގެ އެކި އެކި އުނދަގޫތަކުގެ ހިޔާލުތަކާއި ދުރަށްދިއުމުން މީހާގެ ހަށިގަނޑާއި ސިކުނޑިއަށް މިކަމުގެ ފައިދާ ކުރަނީ އެއެވެ. މީގެ އިތުރުންވެސް ކުލަޖައްސާ ފޮތްތަކުގައި ކުލަޖެއްސުމުން ކުޑަ އިރުގެ ފޮނި ހަނދާންތައް ވެސް އާވެއެވެ. ކުޑައިރު ގިނަ މީހުންގެ މާބޮޑު ހިޔާލެއް ފިކުރެއް ނޯވެއެވެ. އެހެންކަމުން ކުލަޖެއްސާ ވަގުތަކީ މި އިހްސާސް އަލުން ކުރެވޭ ވަގުތަކަށްވެސް ވެއެވެ.
ކުލަޖެއްސުމުގެ ފައިދާ ހޯދުމަށް މިކަން ފެށުމަށް ކޮންމެހެން އާޓިސްޓަކަށްވެސް ވާކަށް ނުޖެހެއެވެ. މިއީ ކޮންމެ މީހަކަށް ކޮންމެތާކު ވެސް ކުރެވިދާނެ ކަމެކެވެ. އަދި އެމީހަކު އެންމެ ގަޔާވާ ވައްތަރެއްގެ ނުވަތަ ތީމެއްގެ ކުލަޖައްސާ ފޮތްތައް ބުކްޝޮޕްތަކުން ފަސޭހައިން ލިބެން ވެސް ހުރެއެވެ.
އެހެންނަމަވެސް ވިސްނަންވީ މާ ބޮޑަށް މީހާ ސްޓްރެސްވެ ތެރަޕީ ބޭނުންވާ ހާލުގައި ފޮތެއްގައި ކުލަޖައްސާލައިގެން ހިތަށް ފިނިކަމެއް ނުލިބޭނެ ކަމެވެ. ކުލަ ޖެއްސުމަކީ އާޓް ތެރަޕީގެ ބައެއް ކަމުގައިވިއަސް އަސްލު ތެރަޕީގައި މީހާގެ ނެގަޓިވް އިހްސާސާއި ޖަޒްބާތުތަށް ކޮންޓްރޯލް ކޮށްދޭން ދަސްކޮށްދޭ ތެރަޕިސްޓެއްގެ އެހީ ބޭނުންވެއެވެ.