ހަބަރު

ރާޅު ގުޑި އިވެންޓުގެ އޮންލައިން މީޑިއާ ޕާޓްނަރަށް އަވަސް

Feb 3, 2019

ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭގެ ދެކުނުން އުތުރަށް ބާއްވާ ރާޅު ގުޑި އިވެންޓް "ރާޅު ގުޑި ދެކުނުން އުތުރަށް" މި އިވެންޓުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަވަސް އޮންލައިން" ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ކައިޓް ސާފިން މޫދު ކުޅިވަރެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއަށް ގެންދާ ރާޅުގުޑި އިވެންޓް ބާއްވަނީ ސްލޯޓޭޕް މާފުށި ޑައިވް އިންނެވެ. އައްޑު އަތޮޅުން ހއ. ތުރާކުނަށް ބާއްވާ "ރާޅުގުޑި އިވެންޓް" އޮންނާނީ ރާއްޖެއަށް އެންމެ ވައި ހެޔޮ މޫސުން ކަމަށްވާ ޖޫން އާއި ޖުލައި މަހުގަ އެވެ.

މި އިވެންޓުގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް އަވަސް ހަމަޖެއްސުމުގެ އެއްބަސްވުމުގައި އަވަސް އިން ސޮއި ކުރެއްވީ ހެޑް އޮފް މާކެޓިން އައިމިނަތު މުހައްމަދެވެ. ރާޅުގުޑީގެ ފަރާތުން މި އިވެންޓުގެ މެނޭޖަރު މުހައްމަދު ފައިސަލް (ކޭވީ) އެވެ.

ސާފިން ބޯޑެއް ފައިގައި ހަރުކޮށްގެން ވައި ކުޑައެއްގެ އެހީގައި ދުއްވާ ކައިޓް ސާފިންގެ މި ހާއްސަ މޫދު ކުޅިވަރުގެ އިވެންޓުގައި ހަތަރު އެތުލީޓަކު ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ބޭރު މީހަކު ވެސް ހިމެނެ އެވެ.

މި އިވެންޓުގައި ބައިވެރިވާނީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ގެ އިތުރުން އާސިމް މުހައްމަދު ފުޅު (ސިމްބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) ގެ އިތުރުން ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީ ޒޫން ހިމެނެ އެވެ.

ރާޅުގުޑި އިވެންޓު އިންތިޒާމު ކުރާ މާފުށި ޑައިވް އިން ބުނި ގޮތުގައި އައްޑު އަތޮޅުން ތުރާކުނަށް ރާޅުގުޑީގައި ފަށާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަހެވެ. އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި ހާއްސަ ބައެއް ހަރަކާތްތައް މި ރަށްރަށުގައި ހިންގާނެ އެވެ.

ތިމާވެއްޓަށް ހޭލުތެރި ކުރުވާނެ

ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭގެ ތިމާވެއްޓެވެ. ހާއްސަކޮށް ކަނޑުގެ ތިމާވެއްޓެވެ. އެހެންވެ ގަނޑުތައް ހަޑިވާން މެދުވެރިވާ ކުނީގެ މައްސަލައާމެދު މީހުންގެ ހޭލުންތެރި ކުރުވުމަކީ ވެސް މި އިވެންޓު ބޭއްވުމުގެ އެއް ސަބަބެވެ. އެކަމަށްޓަކައި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ވެސް މި އިވެންޓުގައި ބައިވެރިވާނެ އެވެ.

ޒުވާނުންނަށް ރަނުގެ ފުރުސަތެއް

ކައިޓް ސާފިން އަކީ މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި ކުޅޭ ހާއްސަ ޒުވާނުން ބައިވެރިވުން ބޮޑު ކުޅިވަރެކެވެ. މި އިވެންޓުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރި ކުރުވާނެ އެވެ.

"ރާޅުގުޑި" އިވެންޓުން ވަނީ ސްޕޮންސަރުންނަށް ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. މި އިވެންޓުގައި ސިލްވް ޕާޓްނަރާއި ގޯލްޑް ޕާޓްނަރު އަދި ޕްލެޓިނަމް ޕާޓްނަރު ވެސް ހޮވާނެ އެވެ. މީގެ އިތުރުން ގެސްޓްހައުސް ޕާޓްނަރާއި އެއާލައިން އަދި ޓްރެވަލް ޕާޓްނަރުގެ އިތުރުން އިންޝުއަރެންސާއި ކޮމިއުނިކޭޝަން އަދި އިކްއިޕްމަންޓާއި ޕްރިންޓިން ޕާޓްނަރު ވެސް ނަގާނެ އެވެ.