ރާޅުގުޑީގެ އިކްއިޕްމެންޓް ސްޕޮންސަރު "ސީ ގިއާ" އިން މި އިވެންޓްގައި ބޭނުންކުރާ އިކްއިޕްމެންޓްތައް ހަވާލުކޮށްފި އެވެ.
ސީގިއާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކުރި ސާމާނުގެ ތެރޭގައި ހިމެނެނީ ކެމެރާ އާއި ގޯ ޕްރޯ އަދި ސަލާމަތީ ގޮތުން ބޭނުން ކުރާނެ އާލާތް ތަކެވެ.
މިއީ ތިމާވެއްޓާއި ކުނީގެ މައްސަލައާމެދު މީހުންގެ ހޭލުންތެރިކަން އިތުރު ކުރަން ރާއްޖޭގެ ދެކުނުން އުތުރަށް ބާއްވާ އިވެންޓެކެވެ. މި އިވެންޓުން ޒުވާނުންނަށް ކައިޓް ސާފް ކުރުމަށް ފުރުސަތުތައް ހުޅުވާލާނެ އެވެ.
މިމަހުގެ 18 ވަނަ ދުވަހު ފަށާ ރާޅުގުޅި އިވެންޓުގައި ސާފިން ބޯޑެއް ފައިގައި ހަރުކޮށްގެން ވައި ކުޑައެއްގެ އެހީގައި ހަތަރު އެތުލީޓަކު ބައިވެރިވެ ދަތުރު ކުރާނެ އެވެ. އިވެންޓުގައި ބައިވެރިވާނީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ގެ އިތުރުން އާސިމް މުހައްމަދު ފުޅު (ސިމްބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) ގެ އިތުރުން ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބު ކޮށްފައިވާ ޔޯރީ ޒޫން އެވެ.
ރާޅުގުޑި އިވެންޓް އިންތިޒާމު ކުރާ މާފުށި ޑައިވް އިން ބުނި ގޮތުގައި އައްޑު އަތޮޅުން ތުރާކުނަށް ރާޅުގުޑީގައި ފަށާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަހެވެ. އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި ހާއްސަ ބައެއް ހަރަކާތްތައް މި ރަށްރަށުގައި ހިންގާނެ އެވެ.
ރާޅު ގުޑި އިވެންޓުގައި ހިމެނޭ ބައެއް ސްޕޮންސަރުންނަަކީ އަވައް އޮންލައިން އާއި ސީގިޔާ އާއި އެމްސެވަން އާއި ރާޅު ވޯޓާ ސްޕޯޓްސް އާއި ގޯބިގް އެވެ. މެއިން ސްޕޮންސަރަކީ ސްލިންގްޝޮޓެވެ.