މެސީ

މެސީއަށް އަނިޔާވެ ބާސާއަށް ގުޑުން އަރައިފި

ވަރުގަދަ މެޗުތަކެއް ކުރިމަތީގައި ހުއްޓައި، ރޭ ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމުން، ބާސާގެ ކޭމްޕްނޯ ގުޑުން އަރުވާލައިފި އެވެ.

ރޭ، ވެލެންސިއާ އަތުން 2-2 ން އެއްވަރުވި މެޗުގެ 70 ވަނަ މިނެޓްގައި ވެލެންސިއާ އެންޓޯނިއޯ ލަޓޯ އާއި މެސީ ދެ ކުޅުންތެރިން ބޯޅައަށް މަސައްކަތް ކުރިއިރު، ލަޓޯގެ ކަކުލުން، މެސީގެ ފަލަމަސްގަނޑުގައި ޖެހި އޭނާއަށް އަނިޔާވި އެވެ.

ބާސާގެ ދަނޑުގައި، ވެލެންސިއާއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި މެސީ ކާމިޔާބު ކުރި ދެ ލަނޑުން، ކޭމްޕްނޯގެ ސަޕޯޓަރުންގެ ފޯރިގަދަ އަޑުން މުޅި ސްޓޭޑިއަމް ގުގުމާލި އެވެ. އެހެން ނަމަވެސް، 70 ވަނަ މިނެޓްގައި މެސީއަށް އަނިޔާވެ ދަނޑުން ބޭރުގައި ފަރުވާ ދޭން ޖެހުމުން ކޭމްޕްނޯ އަށް ހިމޭންކަން ވެރިވި އެވެ.

ފަރުވާއަށް ފަހު މެސީ ދަނޑަށް އެނބުރި އައި ނަމަވެސް، ކުޅުމުގައި އޭނާގެ މާ ބޮޑަކަށް ބައިވެރި ވެފައެއް ނުވެ އެވެ.

މެސީގެ އަނިޔާއާ ބެހޭ ގޮތުން ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭވެސް، ދިނީ ހިތްހަމަޖައްސާލަން ޖެހޭވަރު ޖަވާބެއް ނޫނެނެވެ. އޭނާގެ ފަރާތުންވެސް ކަން ބޮޑުވުން ފެނުނެވެ. އޭނާ ބުނީ އިތުރަށް އެއްޗެއް ބުނަން އެނގޭނީ މިއަދާއި މާދަމާ ހަދާ މެޑިކަލް ޓެސްޓްތަކަށް ފަހުގައި ކަމަށެވެ.

"އަހަންނަކަށްވެސް ނޭންގެ ސީދާ ކޮންކަމެއް ކަމެއް،" މެޗަށް ފަހު، މެސީގެ އަނިޔާއާ ބެހޭގޮތުން ސުވާލު ކުރުމުން، ވަލްވެރުޑޭ ބުންޏެވެ. "ފަހަރެއްގައި ވެދާނެ ވަރަށް ކުޑަ ކުޑަ އަނިޔާއަކަށްވެސް، އަހަރެމެން މަޑު ކުރާނަން ޑޮކްޓަރު ބުނާ އެއްޗަކަށް، އެއަށް ފަހު އެނގޭނީ ދެން ހަދަން ޖެހޭ ގޮތެއް ރާވަން، އަހަރެން އުންމީދު ކުރަނީ އެހާ ބޮޑު އަނިޔާއެއް ނޫން ކަމަށް، އެހެންނަމަވެސް އަހަންނަކަށް ވަކި އެއްޗެއް ހާމައެއް ނުކުރެވޭނެ."

ބާސާއަށް ކުރިއަށް ހުރީ ވަރުގަދަ މެޗުތަކެކެވެ. ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ދެ ލެގްގެ މެޗުވެސް އެބައޮތެވެ.