ހަބަރު

މައުމޫންގެ ތާއީދާއެކު 30އަށްވުރެ ގިނަ ކެނޑިޑޭޓުން މަޖިލީހަށް ކުރިމަތިލަނީ

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ތާއިދާއެކު 30 އަށް ވުރެ ގިނަ ކެނޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް މައުމޫން ރިފޯމް މޫވްމަންޓް، އެމްއާރުއެމް އިން ބުނެފި އެވެ.

މައުމޫން ރިފޯމް މޫވްމަންޓްގައި އިސްކޮށް އުޅުއްވާ އަބުދުލް އަލީމް "އަވަސް" އަށް ވިދާޅުވީ، ރައީސް މައުމޫންގެ ތާއިދާއެކު މަޖިލީހަށް ވާދަކުރުމަށް މިހާތަނަށް 30 އަށްވުރެ ގިނަ ކެނޑިޑޭޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށާއި، ހުރިހާ ކަމެއް ފައިނަލްވެ، ދާއިރާތަކާއި ކެނޑިޑޭޓުންވެސް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ.

ރައީސް މައުމޫންގެ ތާއިދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ފަރާތްތަތަށް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ރައީސް މައުމޫން ވަނީ މައުމޫން ރިފޯމް މޫވްމަންޓްގެ ނަން މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ބަދަލުކޮށް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމަވާފަ އެވެ. ރައީސް މައުމޫން އެގޮތަށް ނިންމެވީ ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ސައްހަކަމަށް ސުޕުރީމްކޯޓުން ނިންމުމާ ގުޅިގެން އެވެ.

މައުމޫންގެ ތާއިދާއެކު މަޖިލީހުގެ 80 ދާއިރާއަކަށް ކުރިމަތިލާން 108 ފަރާތަކުން ހުށަހަޅާފައިވާކަމަށް އެމްއާރުއެމްއިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެދާއިރާތަކުގެ ތެރެއިން މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމި 12 ދާއިރާއަށް ރައީސް މައުމޫންގެ ފަރާތުން ވާދަ ނުކުރަން ވަނީ ނިންމާފަ އެވެ. އޭގެ ބަދަލުގައި އެ 12 މެމްބަރުންނަށް ތާއިދު ކުރުމަށް ރައީސް މައުމޫން ވަނީ ނިންމަވާފަ އެވެ.