ރަހަ މީރު ސައި ތައްޓެއް ބުއިމަކީ ހިތަށް ހަމަޖެހުން ގެނެސްދޭ އަރާމު ކަމެކެވެ. އަދި ސައި ބުއިމަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރު އޮންނަ އާދައެއްވެސް މެއެވެ. ރައްޓެއްސަލާއި ދިމާވެލައިގެން ވިޔަސް ކޮންމެހެންވެސް ސައެއް ބޯލައި ވާހަކަ ދައްކާނުލެވެންޏާ އެ ދުވަސް އެންމެ ރަނގަޅަށް ފުރިހަމައެއް ނުވެއެވެ. މިހާރު މާލޭގެ ކެފޭތަކަށް ގޮސް ގިނައިން ކޮފީ ބުޔަސް ދިވެހިންގެ ހިތްތަކަކީ ސަޔާއި ވަރަށް ބޮޑަށް ގުޅިފައިވާ ހިތްތަކެކެވެ.
އެކި ބާވަތް ބާވަތުގެ ސައިފަތަކީ ވެސް އޭގެ ސައި ބުއިމުން ހަށިގަނޑަށް ތަފާތު ފައިދާތައް ކުރާ ސައިފަތެވެ. އާއްމުކޮށް ދިވެހިން ބޮއެ އުޅެނީ ސުޕަމާކެޓްތަކުން ލިބެން ހުންނަ ކެމޯމައިލް އާއި ޕެޕާމިންޓް، ގްރީންޓީ އަދި ޖޭސްމީން ޓީއެވެ.
ކެމޯމައިލް މިއީ އެއިން މީހާ ރިލެކްސް ކޮށްލައިދޭ ސައެކެވެ. އަދި ނުނިދިގެން އުޅޭ ނަމަވެސް މީގެ ސައްތައްޓެއް ބޯލުމުން ވަރަށް ހަމަޖެހެ އެވެ. ގޭސްޓްރިކްވެގެން ނުވަތަ އާއްމުކޮށް މި ކިޔާ ގޮތަށް "ގޭސް އަރައިގެން" އުޅެންޏާ ޕެޕާމިންޓް ޓީ އެއް ބޯލުމުން ފަސޭހަވެ ލުއި ވެގެން ދެއެވެ. ގްރީންޓީ އަކީ އޭގައި އެންޓިއޮކްސިޑެންޓް ގިނަވެފައި ކެފެއިން އެކުލެވިގެންވާ މިންވަރު މަދު ސައެކެވެ. އެހެންކަމުން މިއީވެސް ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާ ސައެކެވެ. ޖޭސްމީން ޓީ ނުވަތަ ހުވަނދުމާ އަޅައިގެން ރަހަލައްވާފައި ހުންނަ ސައި މިއީ ދިވެހިންނަށް އުފާވެރި ހަނދާންތަކެއް ވެސަް ގެންނާނެ ސައެއްކަން ޔަގީނެވެ.
ސައިތައްޓެއް ބޮއެލުމުގައި އާ ތަޖުރިބާއެއް ކޮށްލަން ބޭނުން ހެއްޔެވެ؟ ހުޅުމާލޭގެ އަލަށް ހުޅުވާފައިވާ ކުޑަ ކެފޭ، "ޓީ ބޮކްސް" ޔަގީނުންވެސް ހިތް ދަމައި ގަންނާނެ އެވެ. ކުޑަ ކުޑަ އެ ކެފޭއަކީ ޒުވާޏް ދެ އަންހެން ކުއްޖެއްގެ ވިޔަފާރިއެކެވެ.
މި ކެފޭ ހާއްސަ ވެއެވެ. އެތަނުގައި ކަސްޓަމަރުންނަށް ސާވް ކުރަނީ އޮސްޓްރޭލިއާގެ ބްރޭންޑެއް ކަމަށްވާ ޓީޓޫގެ ސައި ތަކެވެ. މި ބްރޭންޑްގެ ސައި ތެރެއިން ރޫބީ ރެޑް ރޯސްހިޕް އަދި ފްރުޓަލިޝަސް ރޭންޖުގެ އެކި ސައިތައް ޓީބޮކްސްއިން ލިބެން ހުރެއެވެ.
މިއިން ކޮންމެ ސައިތަށްޓެއްވެސް ގެނެސްދެނީ ރީތި ފޯންޗެއްގަ އެވެ. އަދި ސައި ބޯން ގެންނަ ޖޯޑަކީ މާޖެހި ނުވަތަ ރީތި ޑިޒައިނެއްގެ ޖޯޑެކެވެ. މިއީ އިންސްޓަގްރާމް ފީޑަށް އެންމެ ކަމުދާކަހަލަ ސައިޖޯޑް ފޮޓޯއެވެ. ޓީޓޫގެ އިންފިއުސްޑް ޓީ ވިއްކާ މި ކެފޭގެ ސައިތަށްޓާއެކު ކާލާނެ އެއްޗެހީގެ އިތުރުން ކޮފީވެސް ލިބެންހުރެ އެވެ.
ކެފޭ އިން ވާހަކަ ދެއްކި ކުއްޖަކު ބުނި ގޮތުގައި ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް ޓީ ބޮކްސް އަށް ވަދެ ސައި ބޮއެވެ. ސްކޫލް ދޮށަށް ދާ ބެލެނިވެރިންގެ އިތުރުން އިންސްޓަގްރާމް ފީޑަށް ފޮޓޯއެއް ހޯދަން ދާ ޒުވާން ކުދިންވެސް ނުކުންނަނީ ކޮންމެވެސް މީރު ސައެއް ބޯލައިގެންނެވެ.
ކެފޭ ޑިޒައިން ކޮށްފައިވަނީ އެތަނުގެ ޒުވާން އެއް ހިއްސާދަރެވެ. ސައިބޯން ހުންނަ އެކި އެކި ބާވަތްތައް ތައްޔާރު ކުރަނީ އަނެއް ހިއްސާދާރެވެ. ކުޑަޔަސް ހިތް ގައިމު މި ކެފޭއިން މީރު ސައިތައްޓެއް ބޯލުމަކީ ކޮންމެހެން ވެސް ކޮށްލަން ރަނގަޅު ތަޖުރިބާއެކެވެ.