ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހި ވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ސްރީލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވުމަށް ލަންކާއިން ދިން ދައުވަތަކަށެވެ. މިއީ ރާއްޖޭގެ ރައީސްއަކު ލަންކާގެ މިނިވަން ދުވަސް ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްރީލަންކާއަށް ވަޑައިގެންނެވުނީތީ ވަރަށް އުފާކުރައްވާ ކަމަށެވެ. އެގައުމަށް ވަޑައިގެންނެވުމުން ލަންކާ ސަރުކާރުން ކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ދަތުރުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ލަންކަގެ މިނިވަން ދުވަހަކީ ފެބުރުއަރީ 4 ވަނަ ދުވަހެވެ. ރައީސް ސޯލިހު އެ ގައުމުގައި ހުންނަވާނީ އަންނަ އަންގާރަ ދުވަހާ ހަމައަށެވެ. ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.